ކްލަބު މޯލްޑިވްސް ކަޕް: އެސްޓީއޯ އާއި ބީއެމްއެލް އެއް ގްރޫޕަކަށް

މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގައި އެސްޓީއޯ އާއި އެމްޕީއެލް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ކްލަބު މޯލްޑިވްސް

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ ގުރު ނަގައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުރުނެގުން ކުރިއަށްގެންގޮސްފައިވާ އިރު، މިއަހަރުގެ މުބާރާތުގައި އާ ޓީމުތަކެއް ވެސް ފެންނާނެއެވެ. ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގެ ދެ މުބާރާތަކާއި އަންހެން ޑިވިޝަން ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ދެ މުބާރާތެއް ކުރިއަށްދާނެއެވެ. އެގޮތުން ކްލަބު މޯލްޑިވްސް ކަޕްގެ މުބާރާތުގައި ހިމެނެނީ 32 ޓީމެކެވެ.

އަދި ކްލަބު މޯލްޑިވްސް ކަޕް ކްލެސިކްގައި 24 ޓީމެއް ވާދަކުރާ އިރު، އަންހެން ޑިވިޝަން ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 24 ޓީމެއް ވާދަކުރާނެއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އީ" އެވެ. އެ ގްރޫޕުގައި އެސްޓީއޯ އާއި ޔުނައިޓެޑް ބީއެމްއެލްގެ އިތުރުން ކްލަބު އެއާޕޯޓްސް އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމް ފެނަކަ ހިމެނެނީ ކްލަބު އެވްސެކް އާއި މީޑިއާނެޓް އަދި މުބާރާތުގައި އަލަށް ވާދަކުރާ ކްރޮސްރޯޑްސްއާއެކު "ގްރޫޕު ޖީ"ގައެވެ. އޭގެ އިތުރުން އެންމެ ފަހުގެ ރަނަރަޕް އެމްޕީއެލް ހިމެނެނީ ޓީމް އެލައިޑާއި ކްލަބު ޓީޓީއެސް އަދި ގޭސް ކްލަބާއެކު "ގްރޫޕު ސީ" ގައެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕުތައް:

  • ގްރޫޕު އޭ - ސްޓެލްކޯ ކްލަބު، މޯލްޑިވިއަން، ޓީމް އެމްޓީސީސީ، ބަރޮސް މޯލްޑިވްސް
  • ގްރޫޕު ބީ - ވެމްކޯ، ޓީމް އެފްއެސްއެމް، ކްލަބު އާރުއޯއެލް، އުރީދޫ
  • ގްރޫޕު ސީ - އެމްޕީއެލް، ޓީމް އެލައިޑް، ކްލަބު ޓީޓީއެސް، ގޭސް ކްލަބު
  • ގްރޫޕު ޑީ - ކްލަބު އާބަންކޯ، އެމްއޭސީއެލް، ކްލަބު އިމިގްރޭޝަން، ޕޮލިސް ކްލަބު
  • ގްރޫޕު އީ - އެސްޓީއޯ، ކްލަބު އެއާޕޯޓްސް، ޔުނައިޓެޑް ބީއެމްއެލް، ޓްރީޓޮޕް ހޮސްޕިޓަލް
  • ގްރޫޕް އެފް - ޑީއެސްސީ، ކްލަބު ފެން، ކްލަބު އާސަންދަ، ޕްރިޒަން ކްލަބު
  • ގްރޫޕު ޖީ - ޓީމް ފެނަކަ، ކްލަބު އެވްސެކް، މީޑިއާނެޓް، ކްރޮސްރޯޑްސް
  • ގްރޫޕު އެޗް - އާރުއާރުސީ، ކަސްޓަމްސް، ކްލަބު ޓީއެމްއޭ، އީއާރްއެފްސީ

ފިރިހެން ޑިވިޝަންގެ އަނެއް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް ކްލެސިކްގައި 24 ޓީމެއް ވާދަކުރެއެވެ. އެ ޓީމުތައް ބަހާލާފައިވަނީ ހަ ގްރޫޕަކަށެވެ.

ކްލަބު މޯލްޑިވްސް ކަޕް ކްލެސިކްގެ ގްރޫޕުތައް:

  • ގްރޫޕު އޭ - ޓްރޭޑް ކްލަބު، އޭސީސީ، ޔޫތު މިނިސްޓްރީ، ޓީމް ޕެމާ
  • ގްރޫޕު ބީ - ހުޅުމާލެ ހޮސްޕިޓަލް، އެޗްޕީއެސްއެން، ޕީއެސްއެމް، އެޗްއޭއާރްކޭ
  • ގްރޫޕު ސީ - ޓީމް ޑީޖޭއޭ، ޓީއާރްސީ ޓްރާންސްޕޯޓް، ތައުލީމީ ގުޅުން، އައިޖީއެމްއެޗް
  • ގްރޫޕު ޑީ - ޕީއޯ އެސްސީ، ޓީމް ބަދަހި، ކްލަބު 220، މީޓިއޮރޮލޮޖީ
  • ގްރޫޕު އީ - އޭޖީ އާރްސީ، ހާރިޖީ، ހަޔާ އެޑިއުކޭޝަން، އެޗްއާރްސީ
  • ގްރޫޕު އެފް - ފެހި ފަހި ކްލަބު، އެމްއެމްއޭ، މީރާ، އުމްރާނީ ކްލަބު

އަންހެން ޑިވިޝަން، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ހަތަރު ޓީމެއް ވާދަކުރާނެއެވެ. އެއީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ޓީމް ފެނަކަ އާއި އެމްޕީއެލް އަދި ޕޮލިސް ކްލަބެވެ. އެ މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ކްލެސިކް މުބާރާތުގައި ވާދަކުރާނީ އަށް ޓީމެކެވެ.

18/30 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ގްރޫޕުތައް:

  • ގްރޫޕު އޭ - އައިޖީއެމްއެޗް، އެމްޕީއެލް، ވެމްކޯ، ޓީމް އެމްއޭސީއެލް
  • ގްރޫޕު ބީ - ހުޅުމާލެ ހޮސްޕިޓަލް، ޕްރިސަން ކްލަބު، މީރާ އެސްސީ، ޔޫތު މިނިސްޓްރީ

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެެވެ. އެ ދުވަހުގެ ރޭ ހުޅުވުމުގެ ރަސްމިއްޔާތާއެކު ހާއްސަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް