ބޮޑު ތަފާތަކާއެކު ކްލަބު މޯލްޑިވްސް ކަޕް ފަށައިފި

ކްލަބު މޯލްޑިވްސް ކަޕް 2023 ފެށުން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ބޮޑު ތަފާތަކާއެކު ހަތަރު މުބާރާތެއް ހިމަނައިގެން މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕް ފަށައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ގްރަައުންޑްގައި އެ މުބާރާތް ރޭ ފެށިގެންދިޔަ އިރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2023 ފެށުން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

އެ ރަސްމިއްޔާތުގެ ތެރެއިން މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ޖާޒީ ދައްކާލުމަށްފަހު، މުބާރާތް ފެށުމުގެ ގޮތުން ވަނީ މެޗެއް ކުޅެފައެވެ. އެ މެޗުގައި ބައްދަލުކުރީ ކުޅިވަރު ނޫސްވެރިން ހިމެނޭ މީޑިއާ ޓީމަކާއި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކޯޗުން ހިމެނޭ ޓީމެކެވެ. އެ މެޗު ކޯޗުންގެ ޓީމު ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މީގެ ކުރީ އަހަރުތަކުގައި ދެ މުބާރާތެއް ކުރިއަށްގެންދިޔަ ނަމަވެސް, މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި އާ ޓީމުތަކަކާއެކު ހަތަރު މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ކްލަބު މޯލްޑިވްސް ކަޕާއި ކްލަބު މޯލްޑިވްސް ކަޕް ކްލެސިކާއި އަންހެން ޑިވިޝަން ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އިތުރުން 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2023ގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. އެގޮތުން މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ކްލަބު މޯލްޑިވްސް ކަޕްގެ ހަތަރު މެޗަކާއި ކްލަބު މޯލްޑިވްސް ކަޕް ކްލެސިކްގެ ދެ މެޗެކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2023 ފެށުން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

މިއަދު ކުޅޭ މެޗުތައް:

  • 17:00 ސްޓެލްކޯ - މޯލްޑިވިއަން (ގްރޫޕު އޭ، ކްލަބު މޯލްޑިވްސް ކަޕް)
  • 17:00 ވެމްކޯ - ޓީމް އެފްއެސްއެމް (ގްރޫޕު ބީ، ކްލަބު މޯލްޑިވްސް ކަޕް)
  • 20:05 ޓީމް އެމްޓީސީސީ - ބަރޮސް މޯލްޑިވްސް (ގްރޫޕު އޭ، ކްލަބު މޯލްޑިވްސް ކަޕް)
  • 20:05 ކްލަބު އާރުއޯއެލް - އުރީދޫ (ގްރޫޕު ބީ، ކްލަބު މޯލްޑިވްސް ކަޕް)
  • 21:30 ޓްރޭޑް ކްލަބު - އޭސީސީ އާރްސީ (ގްރޫޕު އޭ، ކްލަބު މޯލްޑިވްސް ކަޕް ކްލެސިކް)
  • 21:30 ހުޅުމާލެ ހޮސްޕިޓަލް - އެޗްޕީއެސްއެން (ގްރޫޕު ބީ، ކްލަބު މޯލްޑިވްސް ކަޕް ކްލެސިކް)

ކްލަބު މޯލްޑިވްސް ކަޕްގެ މުބާރާތުގައި 32 ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އީ" އެވެ. އެ ގްރޫޕުގައި އެސްޓީއޯ އާއި ޔުނައިޓެޑް ބީއެމްއެލްގެ އިތުރުން ކްލަބު އެއާޕޯޓްސް އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ގްރޫޕުތައް:

  • ގްރޫޕު އޭ - ސްޓެލްކޯ ކްލަބު، މޯލްޑިވިއަން، ޓީމް އެމްޓީސީސީ، ބަރޮސް މޯލްޑިވްސް
  • ގްރޫޕު ބީ - ވެމްކޯ، ޓީމް އެފްއެސްއެމް، ކްލަބު އާރުއޯއެލް، އުރީދޫ
  • ގްރޫޕު ސީ - އެމްޕީއެލް، ޓީމް އެލައިޑް، ކްލަބު ޓީޓީއެސް، ގޭސް ކްލަބު
  • ގްރޫޕު ޑީ - ކްލަބު އާބަންކޯ، އެމްއޭސީއެލް، ކްލަބު އިމިގްރޭޝަން، ޕޮލިސް ކްލަބު
  • ގްރޫޕު އީ - އެސްޓީއޯ، ކްލަބު އެއާޕޯޓްސް، ޔުނައިޓެޑް ބީއެމްއެލް، ޓްރީޓޮޕް ހޮސްޕިޓަލް
  • ގްރޫޕް އެފް - ޑީއެސްސީ، ކްލަބު ފެން، ކްލަބު އާސަންދަ، ޕްރިޒަން ކްލަބު
  • ގްރޫޕު ޖީ - ޓީމް ފެނަކަ، ކްލަބު އެވްސެކް، މީޑިއާނެޓް، ކްރޮސްރޯޑްސް
  • ގްރޫޕު އެޗް - އާރުއާރުސީ، ކަސްޓަމްސް، ކްލަބު ޓީއެމްއޭ، އީއާރްއެފްސީ

ކްލަބު މޯލްޑިވްސް ކަޕް 2023 ފެށުން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ފިރިހެން ޑިވިޝަންގެ އަނެއް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް ކްލެސިކްގައި 24 ޓީމެއް ވާދަކުރެއެވެ. އެ ޓީމުތައް ބަހާލާފައިވަނީ ހަ ގްރޫޕަކަށެވެ.

ކްލަބު މޯލްޑިވްސް ކަޕް ކްލެސިކްގެ ގްރޫޕުތައް:

  • ގްރޫޕު އޭ - ޓްރޭޑް ކްލަބު، އޭސީސީ، ޔޫތު މިނިސްޓްރީ، ޓީމް ޕެމާ
  • ގްރޫޕު ބީ - ހުޅުމާލެ ހޮސްޕިޓަލް، އެޗްޕީއެސްއެން، ޕީއެސްއެމް، އެޗްއޭއާރްކޭ
  • ގްރޫޕު ސީ - ޓީމް ޑީޖޭއޭ، ޓީއާރްސީ ޓްރާންސްޕޯޓް، ތައުލީމީ ގުޅުން، އައިޖީއެމްއެޗް
  • ގްރޫޕު ޑީ - ޕީއޯ އެސްސީ، ޓީމް ބަދަހި، ކްލަބު 220، މީޓިއޮރޮލޮޖީ
  • ގްރޫޕު އީ - އޭޖީ އާރްސީ، ހާރިޖީ، ހަޔާ އެޑިއުކޭޝަން، އެޗްއާރްސީ
  • ގްރޫޕު އެފް - ފެހި ފަހި ކްލަބު، އެމްއެމްއޭ، މީރާ، އުމްރާނީ ކްލަބު

އަންހެން ޑިވިޝަން، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ހަތަރު ޓީމެއް ވާދަކުރާނެއެވެ. އެއީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ޓީމް ފެނަކަ އާއި އެމްޕީއެލް އަދި ޕޮލިސް ކްލަބެވެ. އެ މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ކްލެސިކް މުބާރާތުގައި ވާދަކުރާނީ އަށް ޓީމެކެވެ.

18/30 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ގްރޫޕުތައް:

  • ގްރޫޕު އޭ - އައިޖީއެމްއެޗް، އެމްޕީއެލް، ވެމްކޯ، ޓީމް އެމްއޭސީއެލް
  • ގްރޫޕު ބީ - ހުޅުމާލެ ހޮސްޕިޓަލް، ޕްރިސަން ކްލަބު، މީރާ އެސްސީ، ޔޫތު މިނިސްޓްރީ
comment ކޮމެންޓް