ގައުމީ ތަރިކަ މަޝްރޫއުގައި ދަރިވަރުންގެ ވިސްނުން ދަނެގަތުމަށް މަހާސިންތާއެއް ބާއްވަނީ

އޭޕްރީލް 20، 2017: މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފާހަގަކުރުމަށް އެ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތަރިކަ ރައްކާކޮށް ކުރިއެރުވުމަށް ސަރުކާރުން ފަށާފައިވާ ތަރިކަ މަޝްރޫއުގައި ތައުލީމީ ދާއިރާއިން ކުރެވިދާނެ ކަންތައްތައް ކަނޑައެޅުމުގައި ދަރިވަރުންގެ ވިސްނުން ދަނެގަތުމަށް "ދަރިވަރުންގެ ތަރިކަ މަހާސިންތާ"އެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ރޭ ވިދާޅުވީ ދަރިވަރުންގެ ތަރިކަން މަހާސިންތާއަކީ މަޝްވަރާ ބައްދަލުވުމެއް ކަމަށާއި އެ މަހާސިންތާ ބޭއްވުމުގެ ކަންކަން މިހާރު ކުރިއަށް ދާ ކަމަށެވެ.

ރާއްޖޭގައި ޒަމާނީ ތައުލީމް އުނގަންނައިދޭތާ 90 އަހަރު ފުރުން ފާހަގަ ކުރާއިރު، އެ ދާއިރާ ބައްޓަން ވެގެންދާނެ ގޮތާ މެދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން 15 އަހަރު ދުވަހުގެ ތަސައްވުރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 15 އަހަރު ދުވަހު ތައުލީމީ ދާއިރާގެ ތަސައްވުރު

  • ގްރޭޑް 10 ނިންމައި އިތުރު ދެ އަހަރުގެ ތައުލީމާ އެކު މަތީ ތައުލީމަށް ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 80 ޕަސެންޓު އިތުރު ކުރުން
  • ޒަމާނީ ޓެކްނޮލީޖީގެ އެހީގައި ދަރިވަރުންގެ ކިޔެވުން ތަރުތީބުކޮށް ސްކޫލުތައް އިންޓަނެޓް ވިއުގައަކުން ގުޅައިލައިގެން ފަސޭހަކަމާ އެކު ކަރިކިއުލަމް ތަންފީޒުކޮށް، ވާޗުއަލް ކޮށް އުނގެނުމުގެ މާހައުލުތަކެއް ގާއިމް ކުރުން

މިނިސްޓަރު ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ މީހުންނާ ގުޅިގެން ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި ތަހުޒީބުކޮށް މީހުން ދިރިއުޅޭތަން ފެނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއަކީ ކުޑަ އިގްތިސާދެއް އޮންނަ ގައުމަކަށް ވެފައި ބޭރުގެ އެހީއާ އެކު އަންނަ އަޅުވެތިކަމުން ސަލާމަތްވުމުގެ ކުޅަދާނަކަން ކާބަފައިން ދައްކުވައިދީފައިވާކަން ދަރިވަރުންނަށް އަންގަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ކުޑަ ޖަޒީރާ ގައުމަކަށް ވީ ނަމަވެސް މި ގައުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ހައްގު ބަސް ބުނަން ކެރޭ ރައްޔިތެއް ދިރިއުޅޭ ގައުމެއްކަން ދަރިވަރުންނަށް އަންގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރުވަން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ފާހަގަކޮށް ވާހަކަ ދައްކައިފަ އެވެ. އެގޮތުން ޓީޗަރުންގެ ތައުލީމީ ފެންވަރު މަތި ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ވާހަކަ އާއި އެންމެ ކުއްޖަކު ވެސް އެއްކިބާ ނުކޮށް ތައުލީމް އުނގަންނައިދިނުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ.

comment ކޮމެންޓް