ގާސިމް ހައްޔަރުކުރީ 42 މެމްބަރުންގެ ވޯޓު ހޯދުމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެވަނަ ފަހަރަށް ހައްޔަރުކުރީ 42 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ސޮއި ހޯދުމަށް އެކި މެމްބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށްކަން ސަން އަށް އެނގިއްޖެއެވެ.

އެކަން އެނގުނީ ޕްރޮސިކިއުޓާ ޖެނެރަލް އެދިގެން ގާސިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުންނެވެ. އެ އަމުރުގެ ކޮޕީ ސަން އަށް ވަނީ ލިބިފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އަމުރުގައި ބުނެފައިވާގޮތުން ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބަރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލީހުގެ ގަވާއިދަށް މި މަހުގެ 10 ވަނަ ދުވަހު އިސްލާހު ގެނައުމުން އެ މައްސަލަ ވެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެގޮތުން އެ މައްސަލަ ވެއްދުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯދުމަށް ގާސިމް އެކި މެމްބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އެ ކޯޓުގައި އަމުރުގައި ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ފަނޑިޔާރުންނަށް ނުފޫޒުފޯރުވުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރެވެއެވެ.

ގާސިމް އިސްވެހުންނަވައިގެން ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރުލިބިދޭފަދަ މޭރުމަކުން ވާހަކަދައްކަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެ ކޯޓު އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ގާސިމް ދޫކޮށްފައި ބެހެއްޓުމަކީ އެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅިދާނެ ކަމެއް ކަމަށެވެ. އަދި އެކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވައި ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި އެ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަންވެގެންދާނެ ކަމެއް ކަމަށެވެ.

ގާސިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ފެންނަ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައިވާގޮތުން ލިބިފައިވާ ހެއްކާއި ގަރީނާ އަކީ އިންޓެލިޖެންސް ރިޕޯޓެކެވެ.

ކޯޓު އަމުރުގައިވާގޮތުން ތުހުމަތުކުރެވޭ އެ މައްސަލައިގެ ބާވަތަކީ ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރުމެވެ.

comment ކޮމެންޓް