ފާރިސް ޕާޓީން ވަކިކުރި މައްސަލަ ޕީޕީއެމްގެ ޣައިރު ހާޒިރުގައި ބަލަނީ

ފާރިސް މައުމޫން: އޭނާ ޕީޕީއެމުން ވަކި ކުރި މައްސަލައިގެ ޝަރީއަތް ޕީޕީއެމްގެ ޣައިރު ހާޒިރުގައި ކުރުމަށް ވަނީ ނިންމާފައި ----

ޕީޕީއެމްގެ މެމްބަރުންގެ ދަފްތަރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަކި ކުރި މައްސަލަ ޕީޕީއެމްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ތާވަލު ކޮށްފައި އޮތް އިރު، ޕީޕީއެމްއިން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

ފާރިސްގެ ވަކީލު މިއަދު ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުންތަކެއް ތާވަލު ކުރި ނަމަވެސް، ޕީޕީއެމް އިން ހާޒިރުވެފައި ނުވާ ކަމަށެވެ. އެހެން ކަމުން ޕީޕީއެމްގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދަން ސިވިލް ކޯޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަދުގެ އަޑުއެހުމުގައި ހެކިންގެ ލިސްޓު ހުށަހަޅާފައިވާނެ ކަމަށެވެ.

ފާރިސް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ، ކޮމެޓީއަށް މައްސަލަ ހުށަހެޅުމަށް ވަކި އުސޫލެއް ކަނޑައަޅާފައިވާ އިރު، ފާރިސް އާއި އައިމިނަތު ނާދިރާގެ މައްސަލަ ކޮމެޓީއަށް ހުށަހަޅާފައި ވަނީ އުސޫލުތަކާ ހިލާފަށް އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލާގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައި ނުވާއިރު، މައްސަލަ ހުށަހެޅުނުކަން ވެސް ނާންގައި މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.

އެހެން ކަމުން ފާރިސް ޕާޓީން ވަކިކުރަން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށްވަނީ އެދިފަ އެވެ.

comment ކޮމެންޓް