ހުރިހާވެސް ވިސްނުމެއް ހުރީ މެޗުން މޮޅުވުމަށް: މާޒިޔާގެ ކޯޗް

އޭޕްރީލް 4، 2017: އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ މާލޭގައި ކުޅު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގައި މާދަމާ އިންޑިޔާގެ މޯހަން ބަގާން އާ ދެކޮޅަށް ކުޅޭ މެޗުގައި އިދިކޮޅު ޓީމަކީ ކިހާ ފެންވަރެއްގެ ޓިމެއްތޯ ނުބަލާނެ ކަމަށާއި ހުރިހާވެސް ވިސްނުމެއް ހުރީ މެޗުން މޮޅުވުމަށް ކަމަށް މާޒިޔާގެ ކޯޗު މާރިޔަން ސެކުލޮސްކީ ބުނެފިއެވެ.

އޭއެފްސީ ކަޕްގައި މާޒިޔާއިން އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާދަމާ އިރުއޮއްސި 6:30 ގައި އިންޑިޔާގެ ކަލްކަތާގައެވެ.

މި މެޗާ ގުޅިގެން ސެކުލޮސްކީ ބުނީ އިދިކޮޅު ޓީމަކީ މޮޅު ޓީމެއްކަމަށާއި އެޓީމުގައި ތިބި 20 ކުޅުންތެރީންނަކީވެސް މޮޅެތި ކުޅުންތެރިން ތަކެއް ކަމަށެވެ. އަދި އެ ޓީމުން މާދަމާގެ މެޗަށް ނެރެނީ އާދައިގެ ސްކޮޑެއްތޯ ނުވަތަ އެންމެ މޮޅު އެގާރަ ތޯ ބެލުން މުހިއްމު ނޫންކަމަށާއި މުހިއްމީ މޮޅުވުން ކަމަށް ކޯޗު ބުންޏެވެ.

"އަހަރަމެންނަށްވެސް އެއްބަޔަކު އަނެއް ބަޔަކު އިނގޭ. އެއީ ވެދާނެ ދެ ޓީމަށް ވެސް އޮތް އެޑްވާންޓޭޖަކަށް. އަހަރެމެން ކުޅޭނީ އަހަރަމެންގެ ގޭމް ސަމާލުކަން ބަހައްޓާނީ އަހަރަމެންގެ ގޭމް ކުޅެވޭތޯ،" ސެކުލޮސްކީ ބުންޏެވެ.

މިވަގުތު މާލޭ ލީގުގެ އެއްވަނަ މަގާމުގައި އޮތް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މެޗާއި ގުޅޭ ގޮތުން ބުނީ ދެވަނަ ބުރަށް ދިޔުން މާޒިޔާއަށް މުހިއްމު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މޯހަން ބަގާން މާޒިޔާއަށް ވުރެ ވަރުގަދަކޮށް ފެނުނު ނަމަވެސް މިއަދު މާޒިޔާއަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި މާދަމާގެ މެޗު ވާދަވެރި މެޗަކަށް ވާނެ ކަމަށް އަސައްކޮ ބުންޏެވެ.

މާޒިޔާ ނިސްބަތްވާ ގުރޫޕް އީގެ ނަތީޖާތަކަށް ބަލާއިރު ބެންގަލޫރު އެފްސީ އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މޯހަން ބަގާން ދެވަނައިގައި އޮތް އިރު ތިންވަނާގައި އޮތީ މާޒިޔާ އެވެ.

comment ކޮމެންޓް