ބިލަބޮންގް ސްކޫލު ހިންގާ އިމާރާތުގައި ސްކޫލް ހިންގާނެ ބަޔަކު ހޯދަނީ

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް----

ގްރޭޑް އެކަކުން ފެށިގެން 12އަށް ކިޔަވައިދެމުން އަންނަ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް، ކުރީގެ އީޕީއެސްއެސް ހިންގި އިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

އީޕީއެސްއެސް އިމާރާތުގައި ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައިދޭ ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މިހާރު ބިލަބޮންގް ސްކޫލް ހިންގަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ. ނަމަވެސް އައިލެންޑާސް އެޑިއުކޭޝަނަަށް ހިންގަން ހަވާލުކޮށްފައިވާ ދިހަ އަހަރުގެ މުއްދަތު 2019 ވަނަ އަހަރު ހަމަވާނެތީ ކުރިޔާލައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެ ފުރުސަތު ހުޅުވާލީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުންޏެވެ.

އެ އިމާރާތުގައި ސްކޫލް ހިންގަން އައިލެންޑާސް އެޑިއުކޭޝަން އަށް ވެސް ކުރިމަތިލެވޭނެ އެވެ.

އެޑިއުކޭޝަން އޮފިސަރ އިބްރާހިމް އާސިފް ރަޝީދު ވިދާޅުވީ، އައިލެންޑާސް ނޫން ބަޔަކު ސްކޫލު ހިންގަން ހަވާލުވި ނަމަވެސް މިހާރު ބިލަބޮންގް ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގެއްލުމެއް ނުފޯރާނެ ކަމަށެވެ.

އޭގެ އިތުރުން ކުރިޔާލައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ހުޅުވާލުމުން، ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް އެކަމަށް ހޭނެން ވަގުތު ލިބޭނެ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

comment ކޮމެންޓް