ހޯމް ސްކޫލިންއަކީ، ހަމައެކަނި ނުކުޅްދުންތެރިކަން ހުންނަ ކުދިންނަށް އެކަނި އޮތް ވަސީލަތެއް ނޫން ކަމަށާއި މިހާރު ތައުލީމާ ބެހޭ ގާނޫނުގައި އޮތް ގޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ އިސްލާހަށްވުރެ ރަނގަޅު ކަމަށް އެމްއެންޔޫގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.
ޑރ. ހަސަން ހަމީދު ވަނީ، ތައުލީމާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ދެކޭ ގޮތް ހާމަކުރައްވައި، ގެންނަން ބޭނުންވާ ބަދަލުތައް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ސިޓީއަކުން ހިއްސާކުރައްވާފައެވެ.
އޭގެތެރޭގައި، ތައުލީމާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާއަށް ހުށަހަޅާފައިވާ ގޮތް ހިމެނެއެވެ.
އެ ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
ދަރިވަރުންތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްވާންމިގޮތުން، އެ އިސްތިސްނާއެއް އެއްވެސް ކުއްޖަކަށް ދޭން ވާނީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ވާނަމަ ކަމަށް ކަމަށް ގާނޫނުގައި އޮވެއެވެ.
މިހާރު ގާނޫނަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހެޅީ، ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން ކިޔައިވައިދިނުމަށެވެ. އަދި، އެ ކުދިން މަޖުބޫރު ތައުލީމު ހާޒިމުވާނެ ކުދިންނެއް ނޫން ކަމަށް އިސްލާހުގައި ބުނެފައިވެއެވެ،
އެކަމަކު، ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ މިންވަރަކަށް ކިޔަވައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަންވާނެ ކަމަށް އިސްލާހުގައިވެއެވެ.
ޑރ. ހަސަން ހަމީދު ވިދާޅުވީ، އިސްލާހަށް ވުރެ ކުރިން އޮތް ގޮތް ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި ކުއްޖަކު ސްކޫލަށް ނުފޮނުވިދާނޭ އެތައް ކަމެއް މެދުވެރިވެދާނެ ކަމަށެވެ.
ނުކުޅެދުންތެރިކަމަކީ އޭގެތެރެއިން އެއް ކަންތައް ކަމަށާއި ހޯމް ސްކޫލިން އަކީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އޮތް ވަސީލަތެއް ނޫން ކަމަށް ޑރ. ހަސަން ލިޔުއްވާފައިވެއެވެ.
މިސާލެއް ނަންގަވައި އޭނާ ވިދާޅުވީ، ބެލެވެރިޔަކާ އެކު ކުޑަ ކުއްޖަކު، ޔޮޓެއްގައި އެކި ރަށްރަށަށް ދަތުރުކުރާ ނަމަ ވެސް ކުއްޖާ ސްކޫލަށް ނުފޮނުވިދާނެ ކަމަށެވެ.
"އެހެންކަމުން، އިސްތިސްނާގެ ދާއިރާ ފުޅާކޮށް އޮތް ގޮތް، އިޞްލާޙަށް ވުރެ ރަނގަޅުކަމަށް ފެނެއެވެ" އޭނާ ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ބިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެކޮޅު ހައްދަވަފާއެވެ. މިއީ ޖާރިޔާ ބިލުގެ ގޮތުގައި ސިފަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި، ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އެ ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި، ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ހޯމްސްކޫލިން އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި އިސްލާހުތަކެކެވެ.