ކުޑަކުޑަ ރީހާނާ އެކު ބިދަބިން ބޮޑުބެރު ގްރޫޕް އެހެން ހަރުފަތަކަށް

ރީހާން އާ އެކު ބިދަބިން ޕޮޕް ބޭންޑުގެ މެމްބަރުން: ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޭންޑުގެ މެއިން ފޯކަސް އަކީ ރިސޯޓް މިއުޒިކަށް ނުކުތުން --- ފޮޓޯ/ ބިދަބިން

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ ފަސް ބައިވެރިންނާ ހަމައަށް މިހާރު މިއޮތީ އާދެވިފަ އެވެ. މުބާރާތުގައި މިހާތަނަށް އައިއިރު އެތައް ބައެއްގެ ހިތްތަކާ ކުޅެލި ބައިވެރިންތަކެއް ޝޯއާ މިވަނީ ވަކިވެފަ އެވެ.

އޭގެ ތެރެއިން ކުޑަ ނަމަވެސް ވަރުގަދަ އަޑެއްގެ ވެރިއެއް ކަމަށްވާ މުހައްމަދު ރީހާން ވަކިވެގެން ދިއުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި ކަމެކެވެ. މުބާރާތުގެ ގަދަ ނުވައަކުން ޖާގަ ނުލިބި ރީހާން ވަކިވެގެން ދިޔަ ނަމަވެސް، އޭނާ ވަނީ ޝޯގެ ޖަޖުންގެ ލޯބި ހޯދައިފަ އެވެ.

ބައެއް ޖަޖުން ރީހާންގެ އަޑު އުމަރު ޒާހިރުގެ އަޑާ ވައްތަރު ކަމަށް ބުނެ ތައުރީފް ކުރި އިރު، ޝޯގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވި މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޝިފާ ތައުފީގު ވަނީ ރީހާންގެ އަޑަކީ މިފަހަރުގެ ޝޯ އިން އިވިގެންދާ އެންމެ ރީތި ފިރިހެން އަޑުކަމަށް ބުނެފަ އެވެ.

ކޮންމެއަކަސް މިއަހަރުގެ މޯލްޑިވިއަން އައިޑޮލް އަކުން ދެން ރީހާންގެ އަޑެއް ނީވޭނެ އެވެ. ޝޯ އިން ރީހާން ވަކިވެގެންދިއުމަކީ ހިތާމަ އެކެވެ. ނަމަވެސް އޮތް ހިތްހަމަޖެހުމަކީ އޭނާ އަޑު އަދިވެސް މެދުނުކެނޑި އިވޭނެ ކަމެވެ.

ރީހާން އާ އެކު ބިދަބިން ޕޮޕް ބޭންޑުގެ މެމްބަރުން: ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު އާއްކޮ ބުނީ، ރީހާން ހުރުމުން ބޭންޑަށް ލިބޭ ޑިމާންޑް ބޮޑު ކަމަށް --- ފޮޓޯ/ ބިދަބިން

ޒުވާން ގިނަ ހުނަރުވެރިންތަކެއް ހިމެނޭ، ބިދަބިން ބޮޑުބެރު ގްރޫޕުގެ ވޯކަލިސްޓް، ރީހާން މިވަނީ އޭނާއަށް ލިބުނު ތަޖުރިބާގައި ބިދަބިން އާއިލާ އިތުރު ހަރުފަތަކަށް ގެންގޮސް ދީފަ އެވެ. މިއަދު ރީހާނަކީ ބިދަބިން ބޮޑުބެރު ގްރޫޕުން ވުޖޫދަށް އައި ޕޮޕް ބޭންޑް، "އެޕެލެން ބައި ބިދަބިން"ގެ މެއިން ވޯކަލިސްޓެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ ބިދަބިންގެ ޕޮޕް ބޭންޑެއް އުފެއްދުމަކީ ކުރިން ވެސް ކުރަމުން އައި ހިޔާލެއް ކަމަށާއި ހިޔާލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ އެކަމަށް ރީހާން ވެސް ބޭނުންވެފައި ހުރުމުން ކަމަށެވެ.

އާއްކޮ ބުނީ، ޕޮޕް ބޭންޑް އުފެދުނު ފަހުން އަދި މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް ބޭންޑަށް ލިބެމުންދާ ތަރުހީބު ރަނގަޅު ކަމަށެވެ. އަދި ރީހާން ހުރުމުން ޑިމާންޑް ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ އެންމެ ބޮޑު ފޯކަސް އެއް މިހިރީ ރިސޯޓްތަކަށް. އެހެން ނަމަވެސް މާލެއިން ވެސް ގިގު ނަގާނެ. ބޭންޑަށް ލިބެމުންދާ ތަރުހީބު ވަރަށް ރަނގަޅު. މިހާރު ވެސް ދެތިން ޝޯ ދީފިން،" ރިސޯޓް މިއުޒިކް ކުޅުމަށް ރިސޯޓަކާއެކު މަޝްވަރާ ކުރަމުންދާކަމަށް ބުނެ އާއްކޮ ބުންޏެވެ.

comment ކޮމެންޓް