ޗައިނާގެ އިގްތިސާދަށް ހަތް ޕަސަންޓުގެ ކުރިއެރުމެއް

ޗައިނާގެ ބެއިޖިންގްގައި ފަތުރުވެރިންތަކެއް ފޮޓޯ ނަގަނީ -- ފޮޓޯ/ ރޮއިޓާސް

ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ އިގްތިސާދު ކަމުގައިވާ ޗައިނާގެ އިގްތިސާދު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ގާތްގަނޑަކަށް ހަތް ޕަސަންޓުގް ކުރިއެރުމެއް ހޯދާފައިވާ ކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފި އެވެ.

ޗައިނާގެ ތަފާސް ހިސާބުތަކާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި، މިދިޔަ އަހަރުން ފެށިގެން ޗައިނާގެ އިގްތިސާދު ދިޔައީ ކުރިއަރަމުންނެވެ. އަދި އެފަދަ ޓްރެންޑެއް ހިފަހައްޓަމުން އައިސް، 2017 ވަނަ އަހަރު ފަށައިގަނެފައި ވަނީ ރަނގަޅު ދުވެއްޔެއްގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޗައިނާގެ އިގްތިސާދަށް ވަނީ 6.9 ޕަސަންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.

ހިސާބުތަކުގައިވާ ގޮތުން ޗައިނާގެ ރީޓެއިލް ސޭލްސް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ގާތްގަނޑަކަށް 11 ޕަސަންޓު ކުރިއަރައިފަ އެވެ.

ޗައިނާގެ އިގްތިސާދީ ކުރިއެރުން ކުރިއަރަމުން ދަނީ އެގައުމުގެ އުމްރާނީ ކުރިއެރުމަށް ދައުލަތުން ގިނަ ޚަރަދުތަކެއް ކުރަމުންދާތީ އެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށް ވީ އިރު، ޗައިނާގައި ގެދޮރަށާއި އެހެނިހެން ޕްރޮޕަޓީއަށް އޮންނަ ޑިމާންޑު އިތުރުވެ، ގިނަ ބަޔަކު ވަޒީފާ ވެސް އަދާކުރާތީ އިގްތިސާދު ދަނީ ބާރު ދުވެލީގައި ކުރިއަރަމުންނެވެ.

comment ކޮމެންޓް