ޔުނައިޓެޑް އަތުން ޗެލްސީ ބަލިވެ ލީގު ފޯރި ގަދަވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 2-0 ލަނޑުން މެންޔޫ މޮޅުވެގެމް -- ފޮޓޯދަ ގާޑިއަން

އިނގިރޭސި ޕްރިިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ބައްދަލުކުރި މެޗު 2-0 ލަނޑުގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވުމުން، ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ފުރުސަތު ބޮޑުވެއްޖެއެވެ.

ލީގުގެ ގަދަ ހަތަރެއްގައި މިވަގުތު އޮތް ޓީމުތަކަށް ބާކީ ހަ މެޗު އޮތްއިރު، އެއްވަނައިގައި އޮތް ޗެލްސީއާ ދެވަނައިގައި އޮތް ޓޮޓެންހަމްއާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެވެ. އަދި މީގެ އިތުރުން ޓޮޓެންހަމް ޗެލްސީއަށް ވުރެ އިތުރަށް ފައިދާ 10 ގޯލް އޮތުމުންވެސް އިތުރަށް ފުރުސަތު ފުޅާވެއެވެ.

މި ސީޒަންގައި ފުރަތަމަ ފަހަރަށް ޗެލްސީ އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް 60 ޕޮއިންޓާ ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލިއިރު، ލިވަޕޫލް ވަނީ ވެސްޓްބްރޮމް އަތުން 1-0 ލަނޑުން މޮޅުވެ 66 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ، 64 ޕޮއިންޓެވެ.

މިސީޒަންގެ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފުރަތަމަ ޗެލްސީއާ ވާދަކުރިމެޗުން ޗެލްސީ ވަނީ 2-0 ލަނޑުން މޮޅުވެފައެވެ. އަދި އޭގެ ފަހުން، ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު އެންޑަ ހެރޭރާއަށް ރަތްކާޑެއް ދެއްކި، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ޗެލްސީން ވަނީ އެޓީމުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ ޔުނައިޓެޑް އަތުން 4-0 ލަނޑުން މޮޅުވެ ޔުނަޓެޑް ކަޓުވާލުމަށްފަހު ސެމީން ޖާގަ ހޯދައިފައެވެ.

ބަދަލުހިފުމުގެ ރޫހުގައި ރޭގެ މެޗަށް ނުކުތް ޔުނައިޓެޑުން އެންޓޯނިއޯ ކޮންޓޭގެ ޓީމުގެ ގޯލް ހުޅުވައިލާން ނެގީ އެންމެ ހަތް މިނިޓެވެ. ޗެލްސީގެ ހާފްގެ ތެރޭން ހެރާރާ އަތުގައި ވަރަށް ރީތިކޮށް ބޯޅަ ޖެހި ހޭންޑްވި ނަމަވެސް ރެފްރީ ބޮބީ މޭޑްލީއަށް އެމަންޒަރު ނުފެންނަކަމަށް ބުނުމުން އޭގެ ފައިދާ ނަގައި ޖެސޭ ލިންގާޑް ތަނަވަސްކޮށްދިން ފުރުސަތުގައި ޒުވާން ފޯވާޑް މާކަސް ރަޝްފަރޑް ވަނީ ވަރަށް ރީތިކޮށް ޗެލްސީގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. މިއީ 2013 ވަނަ އަހަރު ލިވަޕޫލްގެ ސްކާޓެލް، މެޗުގެ ތިން ވަނަ މިނިޓްގައި ޗެލްސީކޮޅަށް ލަނޑެއް ކާމިޔާބު ކުރި ފަހުން އެޓީމުގެ ގޯލަށް އެންމެ އަވަހަށް ވަން ލަނޑެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 2-0 ލަނޑުން މެންޔޫ މޮޅުވެގެމް -- ފޮޓޯދަ ގާޑިއަން

ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއަކާ ގުޅިގެން، އެއްނަމްބަރު ގޯލްކީޕަރު ތިބައު ކޯޓުވާގެ ބަދަލުގައި އަޝްމިރް ބެގޮވިޗް ގޮވައިގެން ނުކުތް ޗެލްސީގެ ގޯލް ދެވަނަ ފަހަރަށް ޔުނައިޓެޑުން ފޫއަޅުވައިލީ ދެވަނަ ހާފްގެ ހަތަރު ވަނަ މިނިޓުގައެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރޭން ހެރާރާ ފޮނުވާލި ބާރު ހަމަލާ ގޯލްތެރެއަށް ވަނީ، ކާޓް ޒޫމާގެ ފައިގައިޖެހިފައެވެ.

ި މެޗުގައި ޔުނައިޓެޑަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީވެސް، ހެރޭރާއެވެ. އޭނާ ވަނީ، މެޗުގެ 90 މިނިޓްގައި ވެސް ޗެލްސީގެ އެންމެ ވަރުގަދަ ހަތިޔާރުކަމަށްވާ، އެޑެން ހަޒާޑަށް ނޭވާލާނޭ ފުރުސަތެއްވެސް ނުދީ ވަރަށް ފުރިހަމައަށް އޭނާ މާކްކޮށްގެން ހިފަހައްޓައިފައެވެ.

ޔުނައިޓެޑްއަތުންވީ ބައްޔާއެކު ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރޭން ދެމެޗުން ބަލިވީއެވެ. އެހެން ނަމަވެސް ލީގުގައި ޗެލްސީ މިހާތަނަށް ކުޅުނު 32 މެޗުގެ ތެރޭން އެޓީމު ބަލިވި މިއީ ފަސްވަނަ މެޗެވެ.

މީގެ ދުވަސްކޮޅެއް ކުރީން ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑަކާއެކު އޮތް ޗެލްސީއަށް، މިހާރު ތާވަލުގެ ދެވަނައިގައި ހަތަރު ޕޮއިންޓުގެ ތަފާތަކާއެކު އޮތް ޓޮޓެންހަމްގެ ފަރާތުން ޕްރެޝަރު އިތުރުވި ނަމަވެސް އަދިވެސް ލީގު ހޯދުމުގެ ފަހި ފުރުސަތު ބޮޑީ ޗެލްސީއަށެވެ. އެގޮތުން، ލީގުގައި އެޓީމު ކުޅެންޖޭ މެޗުތަކަށް ބަލާއިރު، އެންމެ ވަރުގަދަ އިމްތިހާނަކަށް އޮތީ ލީގުގެ ހަވަނައިގައި މިހާރު އޮތް އެވަޓަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ދެން ހުރި މެޗު ތަކަކީ ސައުތުހެމްޓަން، މިޑްލްސްބަރާ، ވޮޓްފޯޑް އަދި ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 2-0 ލަނޑުން މެންޔޫ މޮޅުވެގެމް -- ފޮޓޯދަ ގާޑިއަން

މެޗަށް ފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ، މިފަދަ މެޗަކަށް ވާންޖެހޭ ފުރިހަމަ ތައްޔާރު ނުވުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

"މި އީ މެންޗެސްޓާ ޔުނައިޓެޑް މޮޅުވުން ހައްގު މެޗެއް. މެޗަކުން މޮޅުވާން ބޭނުންވާ ހިތްވަރާއި އަޒުމާ އެއްބާރުލުން އެޓީމުގެ ފަރާތުން ވަނީ ފެނިފައި،" ކޮންޓޭ ބުންޏެވެ.

"ވަރަށް ސާފު، މައްސަލައަކީ އަހަރެން. މިފަދަ ހާލަތަކަށް ފުރިހަމައަށް ތައްޔާރު ނުވުމަކީ ކޯޗުގެ މައްސަލައެއް. އަހަންނަށް ބުނެ ނުދެވުނީ މިފަތަ މެޗަކަށް ތައްޔާރުވާންޖެހޭ މިންވަރާއި ކުޅުންތެރީންގެ ފަރުވާތެރިވާންޖެހޭ ގޮތް."

ކޮންޓޭ ބުނީ، ލީގު އަދި ކުރިއަށް އޮތީ ކަމާށާއި ޓޮޓެންހަމްއަށްވެސް ލީގު ހޯދުމަށް މިހާރު 50-50ގެ ފުރުސަތެއް ފަހިވެފައިވާ ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، ޗެލްސީއަކީ ކައުންޓަރ އެޓޭކުގައި ލަނޑުޖެހުމަށް މުޅި އިންގްލޭންޑަށް ބެލި ނަމަވެސް އެންމެ މޮޅު ކްލަބު ކަމަށާއި، އަދި ރޭގެ މެޗުގައި އެޓީމުގެ ފުރަތަމަ 11ގައި ތިބީ އެފްއޭކަޕުން ޔުނައިޓެޑް ބޭރުކޮށްލި ޓީމުގައި ތިބި ފުރަތަމަ 11 ކަމަށެވެ. އެހެން ނަމަވެސް، ޔުނައިޓެޑުން ރޭގެ މެޗުގައި ޗެލްސީގެ ކުޅުންތެރީން މާކު ކުރިލެއް ރަނގަޅުކަމުން މޮޅުވުމުގެ ދޮރު ހުޅުވުނީ ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ މިކުދީން ކުރި ހިތްވަރަށް. އަހަރެން އުފާވީ ޗެލްސީ ބަލިކުރެވުނީމަކާ ނޫން، އެކަމަކު މި ތިން ޕޮއިންޓު އަހަރެމެންނަށް ވަރަށް މުހިއްމު،" ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.

މޮރީނިއޯ ބުނީ، ޗެލްސީ ބަލިކުރެވުނޭ ކިޔާފައި އޭނާއަށް އިތުރު ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށާއި އެހެން ނަމަވެސް، ލީގުގެ ލީޑަރު ބަލިކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

comment ކޮމެންޓް