ލީގު ކާމިޔާބުކުރާނީ ޗެލްސީ، އެކަމަކު ޔުނައިޓެޑަށް އެޓީމު ބަލިކުރެވޭނެ: އެންޑަ ހެރޭރާ

އެފްއޭ ކަޕް ކުއާޓަރ ފައިނަލްގައި ޗެލްސީއާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި އެންޑަރ ހެރޭރާއަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައި -- ފޮޓޯ: ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައި މިވަގުތު އޮތް ޗެލްސީން މިފަހަރުގެ ލީގު ކާމިޔާބުކުރާނޭ ކަމަށާއި އެހެން ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑަށް ޗެލްސީ ބަލިކުރެވޭނެ ކަމަށް އެޓީމުގެ މިޑްފީލްޑާ އެންޑަ ހެރޭރާ ބުނެފި އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ގަދަ ދެބާރު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ މި ސީޒަންގައި މިހާތަނަށް ދެފަހަރު ކުރިމަތިލާފައިވާ އިރު، އެ ދެފަހަރު ވެސް މޮޅުވީ ޗެލްސީ އެވެ. އެގޮތުން އިނގިރޭސި އެފްއޭ ކަޕްގެ ނޮކައުޓް ބުރުން ޔުނައިޓެޑް ކަޓުވާލީ ޗެލްސީ އެވެ. އެ މުބާރާތުގެ ސެމީން ޗެލްސީ ޖާގަ ހޯދި މެޗުގައި އެންޑަ ހެރޭރާއަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި މިސީޒަންގެ ޕްރިމިއާ ލީގުގައި އެޓީމުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން އެންޓޯނިއޯ ކޮންޓޭގެ ޓީމު ވަނީ 4-0ގެ ނަތީޖާއަކުން، ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ސްޕެނިޝް މިޑްފީލްޑަރ އެންޑަރ ހެރޭރާއަކީ މޮރީނިއޯގެ ޓީމުގައި ވަރަށް މުހިއްމު ކުޅުންތެރިއެއް-- ފޮޓޯ: ގެޓީ

ހެރޭ ވަނީ، ޗެލްސީ އަތުން ބަދަލުހިފައި، ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރާނޭ ކަމަށް ބުނެފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެފްއޭއެކަޕް މެޗުގެ ކޮންޓްރޯލް އަހަރެމެންނަށް ލިބުނު،" ހެރޭރާ ބުންޏެވެ.

"އެހެންނަމަވެސް އެ މެޗުގައި ކަންދިމާކުރީ ވަރަށް ބަދުނަސީބުކޮށް. އަހަންނަށް ހައްގު ރަތްކާޑެއް ނޫން ދެއްކީ. ފުޓްބޯޅައަކީ މިކަހަލަ އެއްޗެއް.

"މިހާރު އަހަރެމެންނަށް މިވަނީ ޗެލްސީ ބަލިކުރާން އިތުރު ފުރުސަތެއް ލިބިފައި. ލީގުގައި މިހާތަނަށް އެންމެ މޮޅު ޓީމު އެއީ. އެމީހުން ލީގު ކާމިޔާބުކުރާނެ.

"އެހެން ނަމަވެސް މިފަހަރު ޗެމްޕިއަންކަން ހޯދާނޭ ކަމަށް ވެލެވޭ ޓީމު ބަލިކުރުމަކީ އަހަރެމެންނަށް ކުރެވެން އޮތްކަމެއް، އަދި މިއީ ލިބޭ ބޮޑު ހިތްވަރެއް."

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީއާއި މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

ހެރޭރާ ބުނީ، "ރެޑް ޑެވިލް" އޮތީ، ޗެލްސީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ.

"އަހަރެމެން ޗެލްސީއަށް ވަރަށް އިހްތިރާމްކުރަން. އެމީހުންދަނީ މޮޅުކުޅުމެއް ދައްކަމުން. އެހެން ނަމަވެސް އޯލްޑް ޓްރަފަޑްގައި އަހަރެމެންނަށް މި މެޗުން މޮޅުވުން ހައްގު." ހެރޭރާ ބުންޏެވެ.

އުމުރުން 27 އަހަރުގެ ހެރޭރާއަކީ، މޮރީނިއޯގެ ޕްލޭނަށް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ، މިސީޒަންގެ މިހާތަނަށް 40 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ހެރޭރާ ގަބޫލުކުރާ ގޮތުގައި، އޭނާއަށް އަދިވެސް ޔުނައިޓެޑުގެ ކުރިއެރުމަށް އިތުރަށް ބައިވެރި ވެވޭނެ އެވެ.

"އަހަރެންގެ ކުރިއެރުމާއި އަހަރެންގެ ޕާފޮމަންސާ މެދު އަހަރެން އުފާކުރަން. އެކަމަކު އެހެން މީހުންނަށް ފެންނާނީ ސީޒަން ނިމޭއިރު ކްލަބު އޮންނަ ހިސާބު. މިހާރު އަހަރެމެން މިއޮތީ ނުރައްކާތެރި ފައްތަރެއްގައި،" ހެރޭރާ ބުންޏެވެ.

ލީގުގައި ޔުނައިޓެޑް މިހާތަނަށް 30 މެޗު ކުޅެފައިވާއިރު، އެޓީމު އޮތީ 57 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ. ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ 31 މެޗުން 75 ޕޮއިންޓާއެކު އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް އެޓީމު ކުޅޭ މެޗު ފަށާނީ، ރާއްޖޭ ގަޑިން މިރޭ 20:00ގަ އެވެ.

comment ކޮމެންޓް