ނޫސްވެރިންނަށް ބެރިކޭޑްގެ އެތެރެއިން ފުރުސަތު ނުދެނީ ސަލާމަތީ ސަބަބުތަކަށް: ފުލުހުން

ގާސިމް ހައިކޯޓަށް ހާޒިރު ކުރި ދުވަހު ވީޑިއޯކުރަން އުޅުނު ނޫސްވެރިއަކަށް ފުލުހުން ހުރަސް އަޅަނީ --- ސަންފޮޓޯ// ފަޔާޒު މޫސާ

ފުލުހުން ހިންގާ ބައެއް އޮޕަރޭޝަންތަކުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައި ހުންނަ ސަރަހަދުތަކަށް ވަނުމުގެ ފުރުސަތު ނޫސްވެރިންނަށް ނުދެނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް ފުލުހުން ބުނެފި އެވެ.

ވޭތުވެ ދިޔަ ހަފްތާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި އިރު ފުލުހުން ހިންގި އޮޕަރޭޝަންގައި ޖަހާފައިވާ ބެރިކޭޑްތަކުގެ އެތެރެއިން ނޫސްވެރިންނަށް ވަނުމުގެ ފުރުސަތެއް ނުދެ އެވެ. އެކަމުގެ ސަބަބުން ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ވެސް ވީ ދަތި ކަމަކަށެވެ.

އެ ފުރުސަތު ނޫސްވެރިނަށް ނުދެނީ ކީއްވެތޯ 'ސަން' އިން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ނޫސްވެރިންނަށް ފުރުސަތު ނުދޭން ކުރާ ކަމެއް ނޫން ކަމަށެވެ.

"ފުލުހުން ހިންގާ ބައެއް އޮޕަރޭޝަންތަކުގައި ނޫސްވެރިންނަށް ވެސް އަދި އެހެން މީހުންނަށް ވެސް ފުރުސަތު ނުދެނީ ސަލާމަތީ ގޮތުން ފުލުހުން އެގޮތަށް ނިންމާފައި ހުންނަ އޮޕަރޭޝަންތަކުގައި،" ޝިފާން ވިދާޅުވި އެވެ.

ފުލުހުން ޖަހާފައިވާ ބެރިކޭޑްގެ އެތެރޭން ނޫސްވެރިންނަށް ފުރުސަތު ދީގެން ސެކިއުރިޓީ ބެހެއްޓުމުގެ ގާބިލްކަން ފުލުހުންގެ ނެތްތޯ ސުވާލު ކުރުމުން ޝިފާން ވިދާޅުވީ އެއީ "ސުވާލެއް ވެސް އުފެދޭ ކަމެއް ނޫން" ކަމަށެވެ. ފުލުހުންނަކީ އެއަށްވުރެ ގާބިލް ބައެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

ނޫސްވެރިނަށް ފޮޓޯ ނަގާށާއި ވީޑިއޯ ކުރުމުގެ ފުރުސަތު ނުދީ ފަހަކަށް އައިސް ފުލުހުން އަމަލުކުރާ ގޮތާމެދު މީޑިއާ ކައުންސިލުގެ ބައްދަލުވުމެއްގައި ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ވަނީ އެނގިފަ އެވެ.

comment ކޮމެންޓް