ފަހަތުން އަރައި ތައުލީމީ ގުޅުން ބަލިކޮށް އައިޖީއެމްއެޗް ހިނިތުންވެލައިފި

ވިމެންސް ފުޓްސަލް ފިއެސްޓާގައި ޓީމް އައިޖީއެމްއެޗްއާއި ޓީމް ނަމްބާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އައިޖީއެމްއެޗް މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި، ފަހަތުން އަރައި ތައުލީމީ ގުޅުން ބަލިކޮށް އައިޖީއެމްއެޗުން އުންމީދު އާކޮށްފިއެވެ.

މިއަދު ހަވީރު 17:00ގައި ކުޅުނު މި މެޗު އައިޖީއެމްއެޗުން ކާމިޔާބުކުރީ 2-3ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ދެޓިމުގެ ފަރާތުންވެސް ވަރަށް ރަނގަޅަށް ކުޅެމުންދިޔައިރު އެންމެ ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ ތައުލީމީ ގުޅުމުންނެވެ. މެޗުގެ ހަތަރުވަނަ މިނިޓްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޝައުފާ އިބްރާހީމެވެ.

އޭގެ މިނިޓެއް ފަހުން ސަރާ މޭހްރުބާ ވަނީ އައިޖީއެމްއެޗަށް ލަނޑެއް ކާމިޔާބުކޮށްދީ ތައުލީމީ ގުޅުން ހާސްކޮށްލައިފައެވެ. ނަމަވެސް ތައުލީމީ ގުޅުމަށް އުންމީދު އައުކޮށްދީ ހިނިތުންވުން ގެނެސްދިނީ ޝައުފާއެވެ. އޭނާވަނީ މެޗުގެ 8 ވަނަ މިނިޓްގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

އައިޖީއެމްއެޗްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހައްވާ ޝާމާ އަހްމަދެވެ. އޭނާ މި ލަނޑު ކާމިޔަބުކުރީ މެޗުގެ ސާދަ ވަނަ މިނިޓްގައެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 14 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީވެސް ޝާމާ އަހްމަދެވެ.

މި މެޗުން ބަލިވި ތައުލީމީ ގުޅުން ދެ މެޗު ކުޅެފައިވާއިރު އެ ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އައިޖީއެމްއެޗުން ތިން މެޗު ކުޅެފައި ވާއިރު. އެޓީމު ވަނީ ދެމެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ.

comment ކޮމެންޓް