ފަހުވަގުތު އަންޑާލެޚްޓުން ޔުނައިޓެޑް ހިފަހައްޓައިފި

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އަންޑާލެހްޓާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ފަހުވަގުތު ބެލްޖިއަމްގެ އަންޑާލެޚްޓުން އިނގިރޭސިވިލާތުގެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފިއެވެ.

ޔޫރޮޕާ ލީގުގައި ރޭ އަންޑާލެޚްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ އަންޑާލެޚްޓްގެ އަމިއްލަ ދަނޑުގައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އަންޑާލެޚްޓަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި މިސިމޯ ބްރޫނޯއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، އެޓީމުގެ އިސާކް ތެލިންއަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އަންޑާލެޚްޓާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޖެސޭ ލިންގާޑްއަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އަންޑާލެޚްޓްގެ އަރިމަތީ ދަނޑިއަށެވެ. އޭގެކުރިން އިބްރަހިމޮވިޗްއަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަރްމޭނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރިޔަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެންޓޯނިއޯ ވެލެންސިއާ ދިން ބޯޅައަކުން މާކަސް ރަޝްފާޑް ފޮނުވާލި ހަމަލާ، އަންޑާލެހްޓްގެ ކީޕަރު ރުބެން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން މިކިތާރިޔަންއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައިރު، ރަޝްފާޑަށް ލިބުނު ބޯޅައަކުން އަންޑާލެޚްޓްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމަލާއެއް ފޮނުވާލުމުގެ ކުރިން އޭނާ އަތުން ނިކޮލާއޭ ސްޓެންޗޫ ވަނީ އެ ބޯޅަ ހޯދައިފައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އަންޑާލެޚްޓާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގައި އަންޑާލެޚްޓުން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. އިވާން އޮބްރަޑޮވިޗް ނަގައިދިން ހުރަހަކުން އަންޑާލެޚްޓަށް ނަތީޖާ ހަމަހަކޮށްދިނީ ލިއާންޑާ ޑެންޑޮކާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑްގެ ގޯލް ކުރިމަތީ ހުރެ، ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗަށް އަންޑާލެޚްޓް ނުކުންނަން ޖެހޭނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ މެޗަށް ނުކުންނައިރު، ޔުނައިޓެޑަށް އަވޭ ގޯލުގެ ފައިދާއެއް އޮންނާނެއެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ އަޔެކްސް ވަނީ ޖަރުމަންގެ ޝާލްކޭ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ގެންކް އަތުން 3-2 ލަނޑުގެ ނަތީޖާއަކުން ސްޕެއިންގެ ސެލްޓާ ވިގޯ މޮޅުވިއިރު، ފްރާންސްގެ ލިޔޯން ވަނީ އަމިއްލަ ދަނޑުގައި ކުޅެ 2-1 ލަނޑުން ތުރުކީގެ ބެސިކްޓާސް ބަލިކޮށްފައެވެ.

comment ކޮމެންޓް