ބަރްލަސްކޯނީގެ އޭސީ މިލާން އެންމެފަހުން ޗައިނާ ކުންފުންޏާ ހަވާލުކޮށްފި

ބަރލަސްކޯނީގެ ވެރިކަމުގައި އޭސީ މިލާން ވަނީ ޖުމުލަ 29 ޓްރޮފީ ހޯދާފައި -- ފޮޓޯ: ބީބީސީ

އިޓަލީގެ ފުޓްބޯޅައިގެ ގަދަ ބާރު، އޭސީ މިލާން ޗައިނާގެ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު، ޗައިނާގެ ރޮސޮނޭރީ ސްޕޯޓް އިންވެސްޓްމަންޓް ލަކްސްއިން، އޭސީ މިލާންގެ 99.9 އިންސައްތަ ގަނެފައިވަނީ، 740 މިލިއަން ޔޫރޯއަށެވެ. އަދި މި ފައިސާ ދެއްކި ކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ހަތްފަހަރު ކާމިޔާބުކޮށް، ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އިޓަލީގެ އެންމެ ކާމިޔާބު ކްލަބު 1986 ވަނަ އަހަރުން ފެށިގެން ނިސްބަތްވަނީ، އިޓަލީގެ ބޮޑު ވަޒީރުކަން ތިން ފަހަރު ކުރައްވާފައިވާ، ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީއަށެވެ.

މިލާންގެ ވެރިޔާގެ ގޮތުގައި ބަރްލަސްކޯނީ ހޭދަކުރި 31 އަހަރު ތެރޭގައި އެ ކްލަބު ވަނީ، ޗެމްޕިއަންސް ލީގު 5 ފަހަރު، އިޓާލިއަން ލީގު 8 ފަހަރު، އިޓާލިއަން ސުޕަރކަޕް 7 ފަހަރު، ޔުއެފާ ސުޕަރކަޕް 5 ފަހަރު ހޯދައިފައެވެ. އެހެން ނަމަވެސް 1990ގެ އަހަރު ތަކުން ފެށިގެން މިލާނަށް ކުރިމަތިލާން ޖެހުނު ބައެއް ގޮންޖެހުންތަކުން އަރައި ނުގަނެވި، އެންމެ ފަހުން ކްލަބު ވިއްކާލަން ބަރލަސްކޯނީ ނިންމެވީއެވެ.

ރޮސޮނޭރީ ސްޕޯޓް އިންވެސްޓްމަންޓް ލަކްސްއަށް އޭސީ މިލާން ވިއްކާލުމަށް، ބަރލަސްކޯނީގެ އާއިލާއަށް ނިސްބަތްވާ ފިންއިންވެސްޓް ހޯލްޑިންގްސް އިން ނިންމީ 5 އޯގަސްޓް 2016ގައެވެ. އަދި އެއަށް ފަހު، މިއަހަރުގެ މާޗް 24 ގައި ފިންއިންވެސްޓްގެ ސީއީއޯ ޑެނީލޯ ޕެލެގްރިނޯއާއި ރޮސޮނޭރީގެ ފަރާތުން ޑެވިޑް ހޭން ލީ ވަނީ، އެއްބަސްވުން އާކޮށްފައެވެ.

"އޭސީ މިލާނަށް ނިސްބަތްވާ ހުރިހާ ތަކެއްޗެއް، (99.93 ޕަސެންޓް) ފިންއިންވެސްޓުން ވަނީ ރޮސޮނޭރީ ސްޕޯޓް އިންވެސްޓްމަންޓް ލަކްސްއަށް ވިއްކާލާފައި،" ދެ ފަރާތުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވެއެވެ.

އެބަޔާނުގައި ބުނީ، އެންމެ ފަހުގެ ނިންމުންތަކުގައި ވެސް ވަނީ، ކުރީން މިދިޔަ އަހަރުގެ އޯގަސްޓުމަހުވެސް އެއްބަސް ވަފައިވާ ގޮތަށް، 30 ޖޫން 2016އާ ހަމައަށް އެ ކްލަބުގެ ދަރަނީގެ ގޮތުގައި ހިމެނޭ 220 މިލިއަން ޔޫރޯއާއެކު ޖުމުލަ 740 މިލިއަން ޔޫރޯގެ އަގަކަށް ކަމަށެވެ.

މީގެ އިތުރުން، އޭސީ މިލާން އިތުރަށް ހަރުދަނާކޮށް، ކްލަބަށް އިތުރަށް ވަރުގަދަކުރުމަށް ވެސް ރޮސޮނޭރީ އިން އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މިލާންގެ އާ ވެރިޔާ، ޗައިނާގެ ޔޮންގޮން ލީ ވަނީ، ވޭތުވެދިޔަ ހަ އަހަރު އިޓާލިއަން ލީގުގައި ޓްރޮފީގައި ބީހިލުމުގެ ފުރުސަތު ލިބިފައި ނުވާ މިލާނަށް އަލުން ބަހާރުމޫސުން ގެނެސްދޭނޭ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން، ބަރްލަސްކޯނީއާއި، ފިންއިންވެސްޓްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި، މިލާންގެ ސަޕޯޓަރުން، ރޮސޮނޭރީ ސްޕޯޓް އިންވެސްޓްމަންޓް ލަކްސްއަށް ފުރިހަމައަށް އިތުބާރު ކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"އޭސީ މިލާންއަކީ، ކާމިޔާބު މާޒީއެއް އޮތް، ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކްލަބެއް. މި ކްލަބު އަލުން ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު އަހަރެމެން މިވަނީ އަޅާފައި. އަދި މުސްތަގުބަލުގައި މި ލެޖެންޑަރީ ކްލަބާއެކު ހަރުފަތަކަށް ފަހު ހަރުފަތެއް، ކުރިއަރަމުން ގޮސް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކުރިއަށް އަރާނޭކަމަށް އަހަރެމެން ވައުދުވަން،" ޔޮންގޮން ލީ ވިދާޅުވިއެވެ.

comment ކޮމެންޓް