އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ މަހާނަފުޅު ---

(06 އޭޕްރިލްގެ އަދަދާގުޅޭ)

އަމާނާތްތެރިކަން

އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒުގެ ރީތި ޚުލުޤުފުޅުގައި ތަޤްވާވެރިކަމާއި ވަރަޢަވެރިކަމުގެ އިތުރަށް އެންމެ ފާހަގަކޮށްލެވޭ އެއްސިފަފުޅަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމެވެ. ތެދުވެރިކަމެވެ.

ދިމާވާ ސަބަބަކާއިހުރެ ޒިންމީއެއްގެ މެހްމާނަކަށް ވެވަޑައިގަންނަވާން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް އެމީހަކު އަރުވާ ފަރީއްކޮޅުވެސް ބޭނުންކުރައްވަނީ އަގުދެއްވައިފައެވެ. އަގުދެއްވަނީވެސް ބާޒާރުގެ ޢާއްމު އަގަށްވުރެ އަގުބޮޑުކޮށެވެ.

ރައްޔިތެއްގެ ފަރާތުންވެސް ޢާއިލާގެ މެމްބަރެއްގެ އަތުންވެސް އެއްވެސް ކަހަލަ ހަދިޔާއެއް ޤަބޫލުފުޅެއްނުކުރައްވައެވެ. އެކަމާ ބެހޭގޮތުން އެއްފަހަރަކު މީހަކު ދެންނެވިއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަވެސް ހަދިޔާ ޤަބޫލުކުރެއްވިއެވެ. "އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ވިދާޅުވިއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި އެކަލޭގެފާނަށް އެރުވުނީ ޝައްކެއްނެތްގޮތުގައި ހަދިޔާއެވެ. ނަމަވެސް އަހަންނަށްވެސް،އަހަރެންގެ ފަހުން އަންނަ ވެރީންނަށްވެސް ހަދިޔާގެ ނަމުގައި ދެވޭނީ ރިޝްވަތެވެ."

ބައިތުލްމާލާމެދު އިސްލާމީ ސިޔާސަތުގައި އޮންނަ ތަޞައްވުރަކީ ބައިތުލްމާލަކީ މާތްﷲ އާއި، އެންމެހައި މުސްލިމުންގެ އާމާނާތެއް ކަމުގެ ތަޞައްވުރެވެ. އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ހިތްޕުޅުގެ އަޑީން އެކަން ޤަބޫލުކުރެއްވިއެވެ. ބައިތުލްމާލުން ރެވިއޮށްޓަރެއްގެ މިންވަރުގެ ފައިދާއެއްވެސް ހުއްދަނޫން ގޮތެއްގައި ހާޞިލުކުރެއްވުން އެއްކިބާގައި އޮތްވައި ބައިތުލްމާލުގެ އެއްޗެއްގެވަސް ނޭފަތްޕުޅުގައި ޖެހޭކަށްވެސް ރުހިވަޑައެއްނުގަންނަވައެވެ. ރޭގަނޑު ސަރުކާރުގެ މަސައްކަތްޕުޅު ކުރައްވާއިރު ބޭނުންކުރައްވާ ބައިތުލްމާލުގެ ބައްތި މަސައްކަތްޕުޅު ނިމުމާއެކު ނިއްވައިލައްވައެވެ. ނުވަތަ ފޮނުއްވައިލައްވައެވެ. އެއަށްފަހު އެކަލޭގެފާނުގެ އަމިއްލަފުޅު ބައްތި ގެންނަވައެވެ.

އެއްފަހަރަކު ބައިތުލްމާލަށް ގެނެވުނު ހުވަނދުގެ ބާވަތްތަކެއް އަރިހަށް ގެނެވުމުން ނޭފަތްޕުޅުގައި އަތްޕުޅު އެޅުއްވިއެވެ. އެތަކެތީގެ ވަސް ނުބެލުމަށްޓަކައެވެ. އަރިހުގައި އިންނެވި ބޭކަލަކު ވިދާޅުވިއެވެ. "އަމީރުލް މުއުމީނީނެވެ. މީރުވަސްދުވާ އެއްޗެއް ހުރި ތަނެއްގައި ތިބޭއިރު އެއްޗެއްގެ ވަސްޖެހުމުގެ ގެއްލުމަކީ ކޮބައިތޯއެވެ؟" ވިދާޅުވިއެވެ. "ހުވަނދުގެ ވަސްބެލުމަކީ ހުވަނދު ބޭނުންކުރުމާ އެއްފަދަ ކަމެކެވެ. ބައިތުލްމާލުގެ އެއްވެސް އެއްޗަކުން އަމިއްލަ ބޭނުމެއްކޮށް މަންފައެއް ހޯދުމަކީ އަހަންނަށް ޙަލާލުވެގެންވާ ކަމެއްނޫނެވެ."

އެކަލޭގެފާނު މިނިވަންކުރެއްވި އަޅެއްކަމުގައިވާ މަޒާޙިމަށް އެއްދުވަހަކު އެންގެވިއެވެ. "އަހަންނަށް ބާޒާރުން ފޮތްގޮނޑިއެއް ގަނެދޭށެވެ. "މަޒާޙިމު ގެނައި ފޮތްގޮނޑިޔާ ވަރަށް ހިތްޕުޅާ ހަމަކުރައްވައި ސުވާލުކުރެއްވިއެވެ. "މި ފޮތްގޮނޑި ގަތީ ކޮންތަނަކުން ހެއްޔެވެ؟" މަޒާޙިމު ޖަވާބު އެރުވިއެވެ. "މިއީ ބައިތުލްމާލުގެ އެއްޗެހި ބަހައްޓާ ގޭގައި އޮތް ރީތި ލަކުޑިކޮޅެކެވެ. އަޅުގަނޑު މިފޮތްގޮނޑިކޮޅު ހެއްދީ އެލަކުޑިކޮޅުންނެވެ." ޢުމަރު ވަރަށް ހިތްޕުޅާ ހަމަނުކުރައްވައި ވިދާޅުވިއެވެ. "ހަމަ މިހާރު ބާޒާރަށް ދާށެވެ. މިފެންވަރުގެ މިވަރުގެ ލަކުޑިކޮޅެއްގެ އަގުބަލައިގެން އަންނާށެވެ." މަޒާޙިމު ބާޒާރަށްގޮސް އަގުބަލައިލިއިރު އެވަރުގެ ލަކުޑިކޮޅެއްގެ އަގަކީ ބައިދީނާރެވެ. ޢުމަރުބުނު ޢަބްދުލް ޢަޒީޒުގެ ތަޤްވާވެރިކަމާއި، އިންތިހާދަރަޖައަށް ރައްކާތެރިވެ ވަޑައިގަންނަވާ ރައްކާތެރިވެ ވަޑައިގަތުމުގެ ސަބަބުން އެލަކުޑިކޮޅުގެ އަގަށް ބައިތުލްމާލަށް ދެދީނާރު ލެއްވިއެވެ.

ފަޤީރުންނަށާއި މިސްކީނުންނަށްޓަކައި ބައިތުލްމާލުގެ ޚަރަދުގައި ހިންގާ ފަތުރުވެރިގެތަކުން އަމީރުލް މުއުމީނީން އެއްވެސް ބޭނުންފުޅެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ޢާއިލާގެ މެމްބަރަކުވެސް އެއިންގެއަކުން އެއްވެސް މުހުތާދެއް ފުއްދެވުމުގެ ހުއްދައެއްނޯވެއެވެ. އެކަލޭގެފާނު ނާނެފިއްލަވަން ނުވަތަ ވުޟޫކުރައްވަން އެގޭގޭގެ ބަދިގެއިން ފެންހޫނު ކުރުންވެސް އޮންނަނީ މަނާކުރައްވައިފައެވެ. ނަމަވެސް އެކަލޭގެފާނަށް

އެނގިވަޑައިނުގެން އެކަލޭގެފާނުގެ ޚާދިމެއް އެއްފަހަރަކު މަހެއްހައި ދުވަހު ފަތުރުވެރިގެއެއްގެ ބަދިގެއިން ފެން ހޫނުކުރިއެވެ. އަމީރުލް މުއުމިނީނަށް އެކަން އެނގިވަޑައިގެންނެވުމުން ފެންހޫނުކުރަން ބޭނުންކުރެވުނު ދަރުގެ ހިސާބުބައްލަވައި އެއަދަދަށް ފަތުރުވެރިގެއަށް ދަރުފޮނުއްވިއެވެ.

އެއްފަހަރަކު އެކަލޭގެފާނު ޚާދިމަކާ މަސްކޮޅެއް ފިހަން ހަވާލުކުރެއްވިއެވެ. އެ ޚާދިމު މަސްކޮޅު ފިހުނީ ސަރުކާރުގެ ފަތުރުވެރިގޭގެ ބަދިގެއިންނެވެ. އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެމަސްކޮޅުގައި އަތްޕުޅުވެސް ނުލެއްވިއެވެ. ވިދާޅުވިއެވެ. " ތިޔަމަސްކޮޅު އަހަންނަށް ރޯދިކުރައްވައިފައި ނެތީއެވެ. ކަލޭގެ ތިޔަމަސްކޮޅު ކާލާށެވެ."

އެއްދުވަހަކު ބައިތުލްމާލަށް ވަރަށް ގިނަ އާފަލު ލިބުނެވެ. އަމީރުލް މުއުމިނީން މުސްލިމުންނަށް އާފަލު ބައްސަވައި ދެއްވާން އިންނަވަނިކޮށް އެކަލޭގެފާނުގެ ތުއްޕުޅު ބޭފުޅެއް އެތަނަށް ވަޑައިގެންނެވިއެވެ. އެތަނުން އާފަލެއް ނަންގަވައިގެން ފަރީއްކުޅުއްވާން ފެއްޓެވިއެވެ. ޢުމަރު ބުން ޢަބްދުލްއަޒީޒް ދަރިކަލުންގެ އަތްޕުޅުން އެއާފަލު އަތުލެއްވިއެވެ. ދަރިކަލުން ކީރިތި ކުރައްވަމުން ގަނޑުވަރަށް ވަޑައިގެން މަންމާފުޅުގެ އަރިހުގައި ޝަކުވާކުރެއްވިއެވެ. އެކަމަނާ ބާޒާރަށް މީހަކު ފޮނުއްވައިގެން އާފަލު ބައްލަވައިގެންފައި ދަރިކަލުންނަށް ދެއްވިއެވެ. ޢުމަރުބުނު ޢަބްދުލްޢަޒީޒު އެދުވަހު ގަނޑުވަރަށް ވަޑައިގަތުމުން އާފަލު ވަސްދުވާތީ ސުވާލު ކުރެއްވިއެވެ. " އަނެއްކާ ބައިތުލްމާލުގެ އާފަލު މިގެއަށް ގެނައި ހެއްޔެވެ؟" އަނބިކަނބަލުން އެކަންވީގޮތް ވިދާޅުވުމުން ޢުމަރު ވިދާޅުވިއެވެ. " މާތްﷲ ގަންދެމެވެ. އަހަރެން ފިރުކައިގަތީ އެދަރިފުޅު އަނގަ ޖަހައިގެން ހުރި އާފަލެއްނޫނެވެ. އަހަރެންގެ ހިތުގެ ތެރެއިން އާފަލެއް ފިރުކައިގަތީއެވެ. އެކަމަކު މުސްލިމުންގެ އާފަލަކާހުރެ ހަލާކުގެ ތެރެއަށް ވެއްޓޭކަށެއް އަހަރެން ބޭނުމެއްނޫނެވެ."

އަމީރުލް މުއުމިނީން އެއްދުވަހަކު އެކަލޭގެފާނުގެ އަނބިކަބަލުން ފާޠިމާ ބިންތި ޢަބްދުލްމަލިކުގެ އަރިހުގައި ލުބްނާނުގެ މާމުއި ފަރީއްކުޅުއްވާ ހިތްޕުޅުވާ ވާހަކަ ވިދާޅުވިއެވެ. ފާޠިމާ، ލުބްނާނުގެ ގަވަރުނަރު

އިބްނު މަޢުދީކަރަބަށް ސިޓީފުޅެއް ލިޔުއްވުމުން އޭނާ ވަރަށް ގިނަ މާމުއި ފޮނުއްވިއެވެ. ފާޠިމާ، އަމީރުލްމުއުމިނީންނަށް މާމުއި ފަރީއްކޮޅަށް އެރުއްވުމުން ސުވާލުކުރެއްވިއެވެ. " އަނެއްކާ އިބްނު މަޢުދީކަރަބަށް ލިޔުއްވައިގެން މާމުއި ގެންނެވީތޯއެވެ." ފާޠިމާ އާދޭހޭ ވިދާޅުވުމުން އަމީރުލް މުއުމިނީން އެއިން މާމުއި ފޮދެއްގެ ރަހަވެސް ނުބެއްލެވިއެވެ. އެމާމުއިތައް ވިއްކަވައިލައްވައިފައި އޭގެ އަގު ބައިތުލްމާލަށް ލެއްވިއެވެ. ހަމައެއާއެކު އިބްނު މަޢުދީކަރަބަށް އިންޒާރުގެ ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓީފުޅުގައި ވެއެވެ. " މާތްﷲ ގަންދެމެވެ. މީގެފަހުން މިބާވަތުގެ ކަމެއް ކޮށްފިނަމަ ތިޔަމަޤާމަކު ނުހުރެވޭނެއެވެ. އަހަރެން ކަލޭގެ މޫނު ދެކޭކަށްވެސް ބޭނުމެއްނޫނެވެ."

ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ އަނބިކަބަލުން އެއްފަހަރަކު ސަރުކާރުގެ ޕޯސްޓް އުފުލާ އަހުގައި މީހަކު ފޮނުއްވައިގެން ދެދީނާރުގެ މާމުއި ބައްލަވައިގެންނެވިއެވެ. އަމީރުލް މުއުމިނީނަށް އެކަން އެނގިވަޑައިގެންނެވުމުން އެމާމުއި ވިއްކަވައިލެއްވިއެވެ. ދިމިޝްޤުގެ ބާޒާރުން އެމާމުޔަށް ދެދީނާރަށްވުރެ އިތުރަށް ފައިސާ ލިބުނެވެ. އެހެންކަމުން އަނބިކަބަލުންނަށް ދެދީނާރު ދެއްވައިފައި ބާކީ ހުރި ފައިސާ ބައިތުލްމާލަށް ލެއްވިއެވެ. އަނބިކަބަލުންނާ ދިމާޔަށް ވިދާޅުވިއެވެ. " ކަމަނާ ޢުމަރަށްޓަކައި ނުހައްޤުން މުސްލިމުންގެ ސޫތްޕަކަށް އުނދަގޫ ކުރައްވައިފިއެވެ."

އެއްފަހަރަކު އަމީރުލް މުއުމިނީނަށް ކަދުރު ފަރީއްކޮޅަށް އެރުވުނެވެ. އެކަދުރަކީ ސަރުކާރުގެ ޕޯސްޓް އުފުލާ އަހުގައި ގެނެވުނު ކަދުރެވެ. އަމީރުލް މުއުމިނީންނަށް އެކަން އެނގިވަޑައިގަތުމުން އެކަދުރުތައް ވިއްކަވައިލައްވައި އޭގެ އަގު ބައިތުލްމާލަށް ލެއްވިއެވެ.

އަމީރުލް މުއުމިނީން އެއްރެޔަކު ސަރުކާރުގެ ބައްތިއެއްގެ އަލީގައި މުސްލިމުންގެ މަސައްކަތްޕުޅެއް ކުރައްވާން އިންނަވަނިކޮށް އަނބިކަނބަލުން ފޮނުއްވި ޚާދިމެއް އަރިހަށް އައިސް ގެކޮޅުގެ ވާހަކައެއް ދަންނަވާން ފެށިއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުން އަބްދުލް އަޒީޒް ރަޙިމަހުﷲ ވިދާޅުވިއެވެ. "އިހަށް ބައްތި ނިއްވައިލާށެވެ. ބައްތީގައި ހުރީ މުސްލިމުންގެ ތެލެވެ. އެތެލުން ބޭނުންކުރުން ހުއްދައީ މުސްލިމުންގެ މަސްލަހަތުތަކާ ގުޅޭ މަސައްކަތްތަކުގައެވެ."

ސީރަތުގެ އިލްމުވެރިންވަނީ މިބާވަތުގެ ވަރަށް ގިނަ ވާހަކަތަކެއް ލިޔުއްވައިފައެވެ. ބަޔަކު އެކަލޭގެފާނުގެ ޝަޚްސިއްޔަތު ދަނެގަނެ އިބްރަތެއް ހޯދަން މިވަރުވެސް ފުދޭނެކަމަށް ބަލައި ދިގުވާހަކަތައް ކުރުކޮށްލަމެވެ. އެވާހަކަތަކުން ސާބިތުވަނީ އަމީރުލްމުއުމީނީން ޢުމަރު ބުނު ޢަބްދުލްއަޒީޒުގެ ޒާހިދުކަމެވެ. ތަޤްވާވެރިކަމާއި، އާމާނާތްތެރިކަމެވެ. މުސްލިމުންގެ ބައިތުލްމާލަށް ރައްކާތެރިވެވަޑައިގެންނެވިލެއް ބޮޑުކަމެވެ. އެކަންކަމުން ހެކިލިބެނީ އެކަލޭގެފާނަކީ އަލްޚުލަފާއުއްރާޝިދޫންގެ ފުރިހަމަ ނަމޫނާއެއްކަމަށެވެ. ތެދުމަގު ލިބިވަޑައިގެން ތިއްބެވި ހަތަރު ޚަލީފާއިން ފިޔަވައި އިސްލާމީ ތާރީޚުން އެކަލޭގެފާނުގެ ފަދަ ނަމޫނާއެއް ހުށަހެޅުމަކީ ނާދިރުކަމެކެވެ. އިސްލާމީ އުންމަތުގެ ހުރިހާ ފިކުރީ މަދަރުސާތަކެއްގެ މީހުން އެކަލޭގެފާނުގެ މަތިވެރި މަޤާމަށް އިޢުތިރާފުވަނީ މިހިރަ މިހިރަ ސަބަބުތަކާހުރެއެވެ.

ކައުސާހިބާދެކެ ލޯބިފުޅުވުން

އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަހިމަހުﷲ ، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމްދެކެ ލޯބިފުޅުވަނީ ޢިޝްޤުގެ ދަރަޖަޔަށެވެ. ކޮންމެ ކަމެއްވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމެއް ކުރެއްވިގޮތަށް ކުރެއްވޭތޯ ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވިއެވެ. އާޚިރަތުގެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކުވެސް އިތުރު ސާހިބާގެ އަރިހުގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަމުގެ އިހްސާސްފާޅުކުރެއްވިއެވެ. ޞަހާބީންގެ ތެރެއިން ބައްދަލުވެވަޑައިގަތުމުގެ ނަސީބު ލިބިވަޑައިގެންނެވި ބޭކަލުންގެ އަރިހުންނާއި، އެކަލޭގެފާނުގެ ޒަމާނުގެ ތާބިޢީންގެ އެހެނިހެން ބޭބޭކަލުންގެ އަރިހުން އިތުރު ސާހިބާގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުގެ މުތީތައް ހޯއްދަވައި ގިނައަދަދަކަށް ހިތްޕުޅުގައި

ޚަޒާނާކުރެއްވިއެވެ. ވަރަށް ޝައުޤުވެރިކަމާއިއެކު، ނުހަނު ސަމާލުކަން ދެއްވައިގެން އެޚަޒާނާ މީހުނަށް ރައްދުކުރެއްވިއެވެ. އެބަސްފުޅުތަކާއި އަމަލުފުޅުތަކާ އެއްގޮތަށް ކަންތައް ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ ރިވާޔަތްތަކުގެ ވަރަށް ގިނަ ޢަދަދެއް ޙަދީޘު ޢިލްމުގެ ފޮތްތަކުގައި ވަނީ ވާރިދުވެފައެވެ.

އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވިއިރު ބައެއް މީހުން ދަންނަވައި އުޅުނެވެ. ކަލޭގެފާނު މަދީނާއަށް ވަޑައިގަންނަވާށެވެ. އޭރުން އާޚިރަތުގެ ދަރުތުފުޅުގައި ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އާއި، އަބޫބަކުރުއް ސިއްދީޤު އާއި އުމަރުލްފާރޫޤް (ރަޟިޔަﷲ ޢަންހުމް)ގެ އަރިހުގައި އެންމެ ފަހުގެ ޖާގަ ހަމަޖެއްސެވޭނެއެވެ. ކައުސާހިބާގެ ރައުޟާ ތަންމަތިކޮޅަށް ހެއްދެވޭނެއެވެ. ރައުޟާ ޝަރީފާގައި ކަށްވަޅެއްގެ ޖާގަ އެބައޮތެވެ. ޖަވާބުގައި ވިދާޅުވިއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހުގައި ވަޅުލެވުމަށް އަހަރެން އެކަށީގެންވާ ކަމުގައި ދުށުމަކީވެސް މާތްﷲ ގެ ހަޟްރަތުން އަހަރެން ސަލާމަތް އެދޭކެމެކެވެ. އަހަންނަކީ އެފަދަކަމަށް އެދުންވެރިވާން ކުފޫހަމަވާ މީހެއްނޫނެވެ."

comment ކޮމެންޓް