ރެފްރީން މިހާރަށް ވުރެ ބޮޑަށް ސީރިއަސް ވާންޖެހޭ: ނިޒާމްބެ

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް--

މުބާރަތް ބާއްވާ ފަރާތްތަކާއި ކުލަބުތަކުން މުބާރާތަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ތައްޔާރުވާއިރު ރެފްރީން މިފަދަ މުބާރާތްތަކަށް ތައްޔާރު ނުވުމަކީ މައްސަލައެއް ކަަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ވިކްޓަރީ އަދި ޓީސީ ބައްދަލުކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓީސީގެ ކޯޗު ބުނީ ރެފްރީ ކަންތައްތައް ކުރި ގޮތް ސިފަ ކުރެވުނީ ބޮޑު "ޖޯކެއް"ގެ ގޮތުގައި ކަމަށެވެ.

"މި މެޗުގައި ރަނގަޅަށް އެއްކަމެއްވެސް ނުދޭ. މުޅި މެޗު ރެފްރީއަށް ކޮންޓްރޯލް ނުވެގެން އުޅޭތަން ފެނިގެންދިޔައީ. ހަގީގަތަކީ މެޗަށް ރެފްރީ ތައްޔާރު ނޫންކަން. ރެފްރީގެ އަމަލުތައް ފާހަގަވީ ބޮޑު ޖޯކެއްގެ ގޮތުގަ،" މެޗްގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ފުޓްބޯޅަ ރަނގަޅުކޮށް އެހެން ހަރުފަތަކަށް ގެންދަން މަސައްކަތް ކުރާނަމަ ރެފްރީން ސީރިއަސް ވާން ޖެހޭ ކަމަށާއި އަދި ރެފްރީންގެ ކަންކަންވެސް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

ޓީސީއަށް ދެހާފުގައި ދެ ޕެނަލްޓީ ލިބިގެންދިޔަ މެޗަށް ފަހު ނިޒާމްބެ ބުނީ އެންމެ ފުރަތަމަ ނިންމުމުން ފެށިގެންގޮސް އެންމެ ފަހު ނިންމުމާ ހަމައަށް ރެފްރީ ކަންކަން ކުރީ ގޯސްކޮށް ކަމަށާއި އެތައް ބައިވަރު ފައިސާއަކާ އެތައް ބައިވަރު ވަގުތެއް އެ މުބާރާތަށް ހޭދަ ކުރާއިރު ރެފްރީން މިކަންކަން ބޮޑު ޖޯކެއްގެ ގޮތުގައި ނެގުމަކީ ބަލައިގަނެވޭނެ ކަމައް ނޫންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފުޓްބޯޅައިން ކަމެއް ހާސިލް ކުރަން ބޭނުންވާނަމަ މިފަދަ ކަންކަން ރަނަގަޅު ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މިކަންކަމާ މެދު ޒިންމާ ނަގަން ޖެހޭނީ ކާކު ކަމެއް އަދި ކަން ރަނގަޅު ކުރާނީ ކިހިނެތް ކަމެއް ބުނުމަކީ އަޅުގަނޑުގެ ވަޒީފާއެއް ނޫން. ނަމަވެސް އެނގޭ އެއްޗަކީ މެޗުގައި ރެފްރީކަން ކުރީ ގޯސްކޮށްކަން،" ނިޒާމްބެ ބުންޏެވެ.

comment ކޮމެންޓް