ރޮނާލްޑޯގެ ދެ ލަނޑުން ފަހަތުންއަރައި ބަޔާން އަތުން ރެއާލް މޮޅުވެއްޖެ

ބަޔާން ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ރޮނާލްޑޯ އުފާފާޅުކުރަނީ: ބަޔާންއާ ދެކޮޅަށް ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑުން ފަހަތުންއަރައި ޖަރުމަންގެ ބަޔާން މިއުނިކް އަތުން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުގައި ބަޔާންގެ މައްޗަށް ރެއާލުން ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ބަޔާން ކޮޅަށް ލަނޑުޖެހުމަށްފަހު ރެއާލްގެ ރޮނާލްޑޯ(މ) އުފާފާޅުކުރަނީ: ބަޔާންއާ ދެކޮޅަށް ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ބަޔާނުންނެވެ. ތިއާގޯ އަލްކަންޓަރާ ނަގައިދިން ކޯނަރަކުން ބަޔާނަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ޗިލީ މިޑްފީލްޑަރު އާޓުރޯ ވިޑާލްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލް ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ބަޔާން ލީޑު ފުޅާކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔައިރު، ރެއާލަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބަޔާންގެ ވިޑާލްއާއި ތޯމަސް މުލާއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައިރު، ރެއާލްގެ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ، ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބަޔާން ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާންއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓްފަހުން ރެއާލުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޑެނިއެލް ކާވޭހަލް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބަޔާން ގޯލުގެ ތިރީ ކަނަށެވެ.

އެ ލަނޑަށްފަހު ވެސް ރެއާލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ގެރެތު ބޭލްއާއި ރޮނާލްޑޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ރޮނާލްޑޯ ފޮނުވާލި ހަމަލާ، ކީޕަރު ނޯޔާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާންއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ 61 ވަނަ މިނެޓުން ފެށިގެން ބަޔާނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ހަވީ މާޓިނޭޒްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. މާޓިނޭޒްއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ ހަތަރު މިނެޓް ވެސް ނުވަނީހެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ރެއާލްއިން ދެވަނަ ލަނޑެއްޖަހައި ބަޔާންގެ ދަނޑުގައި ލީޑު ހޯދިއެވެ. މާކޯ އަސެންސިއޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ. ރޮނާލްޑޯގެ އެ ލަނޑު ފެނުނުތާ ތިން މިނެޓްފަހުން ރެއާލް މާސެލޯއަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ބަޔާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާންއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާންއާ ދެކޮޅަށް ރެއާލް ނުކުންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރެއާލްގެ އަމިއްލަ ދަނޑުގައެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ އެތުލެޓިކޯއިން ވަނީ އަމިއްލަ ދަނޑުގައި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގެ މައްޗަށް 1-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. އެ މެޗުގެ 28 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.

comment ކޮމެންޓް