ހައްޔަރު ކުރީ އޮޅުމަކުން، ފުލުހުން އަޅުގަނޑާމެދު ކަންތައް ކުރީ ރަނގަޅަށް: ގާސިމް

ގާސިމް އިބްރާހީމް: ފުލުުހުންނަށް ތައުރީފު ކުރެއްވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރަން ފުލުހުންނަށް ނިންމުނީ ވެސް އަދި ފުލުހުންގެ އެދުމަށް އެމަނިކުފާނު ހައްޔަރު ކުރަން ކުރިމިނަލް ކޯޓުން އަމުރު ކުރެވުނީ ވެސް އޮޅުމެއްގެ ތެރެއިން ކަމަށް ގާސިމް އަމިއްލަފުޅަށް ވިދާޅުވެއްޖެ އެވެ.

ގާސިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހައި ކޯޓުން އޭނާ ދޫކޮށްލުމަށް މިއަދު ވަނީ އަމުރުކޮށްފަ އެވެ. ފުލުހުންގެ ބަންދުގައި ގާސިމް ވަނީ ހަ ދުވަސް ހޭދަ ކުރައްވާފަ އެވެ.

ހައި ކޯޓުން ނުކުމެވަޑައިގަތް މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާ ހައްޔަރު ކުރުމަށް އަމުރު ނެރެފައި ވަނީ، ގޯސްކޮށް ކަމަށް ފަނޑިޔާރުން ވެސް އިއްތިފާގުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ފުލުހުންނަށް އޮޅުމެއްގެ ތެރެއިންނޭ، ކުރިމިނަލް ކޯޓަށް ވެސް އެ މައްސަލަ ނިންމުނީ އޮޅުމެއްގެ ތެރެއިންނޭ. އެއީ ވަރަށް ގިނަ މާއްދާތަކެއް އިމްތިޔާޒުގެ ގާނޫނުން އުނިކުރައްވާފަވުމާ ގުޅިގެން ދިމާވި މައްސަލައެކޭ. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ހައި ކޯޓުގައި ވިދާޅުވި ދައުލަތުން އޮތީ މިސްޓޭކެއް ހެއްދެވިފައި ކަމަށް،" ގާސިމް ވިދާޅުވި އެވެ.

"ތިން ފަނޑިޔާރުންގެވެސް އިއްތިފާގުން މުޅި މިކަމުގަ، ބަންދުކުރުމުގަ ހުރި ހުރިހާ ޕްރޮސެސްއަކީ ގޯސްކޮށް ހިނގާފައި ހުރި ކަމެއް ކަމަށް. ހުކުމް ވެސް ކުރައްވާފަ ވަނީ ވަގުތުން ދޫކޮށްލުމަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް އިންސާނުންނަކީ ގޯސް ހެދޭ ބައެއް ކަމަަށާއި، އަތްދަށުން ކަމެއް ނެއްޓިގެން ހިނގައިދާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަމަ އަތްދަށުން ނައްޓައިގެން ދިޔަ ކަމެއް އެއީ. ހަމަ އެހެން ދިމާވެދާނެ އިންސާނުންނަށް އިނގޭތޯ. އަޅުގަނޑުމެންނަށް ވެސް ދިމާވެދާނެ އެކަހަލަ ކަމެއް. އެހެންވީމަ އެއީކީ އަޅުގަނޑުމެން މާބޮޑޫ މައްސަލައެއް ކަމަކަށް ނުދެކެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ހުރިހާ މުއައްސަސާތަކަށް ބެލިޔަސް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި، އެކަމާ އުފާ ކުރާ ކަމަށެވެ.

ގާސިމް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ފުލުހުންގެ ތެރެއިން ހުރި ގަވާއިދުތައް ވަރަށް ހަރުކަށި ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފައި ހުރި އިރު ގާސިމާ ދޭތެރޭ ކަންތައްތައް ކުރައްވާފައި ވަނީ، ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކަށެއް ނޫން އެހެން ބޭފުޅުންނަށް ވެސް، އެތާ އުޅޭ އެންމެ އާދައިގެ ކުއްޖާ ގޮވާލީމަވެސް އެއްވެސް ކަހަލަ ނަފްރަތުކަމެއް ނެތި އެ ބޭފުޅުން ވާހަކަދައްކާ ކަންތައްތައް ކުރެވޭ މަންޒަރު އަޅުގަނޑަށް ފެނުނީ. އެކަމަކު ކުރީގަ 2004 ގަ އެބައި، އެފެންވަރެއްގައި ނެތް. މިއަދު ގަވާއިދުތަކާ އުސޫލުތައް ވަރަށް ހަރުކަށި. އޭރު ހުރި ވަރަށްވުރެ މާބޮޑަށް ހަރުކަށި،" ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް