ދުނިޔޭގައި މަރުވާ ކޮންމެ ދިހަމީހުންގެ ތެރެއިން އެކަކު މަރުވަނީ ދުންފަތުގެ ސަބަބުން

ދުނިޔޭގައި މަރުވާ ކޮންމެ ދިހަ މީހުންގެ ތެރެއިން އެކަކު މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކުރިމަތިވާ ބަލިތަކާ ގުޅިގެންކަން ކަމާބެހޭ އައު ދިރާސާއަކުން ހާމަވެއްޖެއެވެ.

އިލްމީ ދިރާސާތައް ޝާއިއުކުރުމުގައި ދުނިޔޭގައި ނަންމަޝްހޫރު "ލާންސެޓް" މަޖައްލާގައި ޝާއިއުކޮށްފައިވާ ދުންފަތާބެހޭ އައު ދިރާސާއެއް ބުނާގޮތުން 2015 ވަނަ އަހަރު ދުނިޔޭގައި އެއްމިލިޔަން މީހުން އެމީހުންގެ ހަޔާތުގެ ކޮންމެ ދުވަހަކު ދުންފަތުގެ އިސްތިއުމާލު ކުރަމުން ގެންގޮސްފައިވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރޭގައި ސިގިރެޓާއި ސުއްޓާ ބިޑިފަދަ ތަކެތި ބުއިމުގެ އިތުރުން ދުންފަތްލައިގެން ދުފުމާއި ގުޑުގުޑާ (ޝީޝާ) ބުއިންފަދަ ކަންކަން ހިމެނެއެވެ.

މިދިރާސާ ބުނާގޮތުން 2015 ވަނައަހަރު ކޮންމެ ހަތަރު ފިރިހެނުންގެ ތެރެއިން އެކަކު އަދި ކޮންމެ ވިހި އަންހެނުންގެ ތެރެއިން އެކަކު ދުންފަތުގެ އިސްތިއުމާލުކޮށްފައިވާއިރު އެއަހަރު މަރުވި ކޮންމެ 10 މީހުންގެ ތެރެއިން އެކަކު މަރުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކުރިމަތިވާ ބަލިތަކާގުޅިގެންނެވެ. ދުންފަތް ބޭނުންކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު ބައްޔަކީ ފުއްޕާމޭގެ ކެންސަރާއި އަނގައިގެ ކެންސަރެވެ.

މިސާވޭ ބުނާގޮތުން ދުންފަތުގެ އަވާގައިޖެހޭ މީހުންގެ ނިސްބަތް ދުނިޔޭގެ ގިނަ ގައުމުތަކުގައި އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. ސިނގިރެޓާއި ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރިނަމަވެސް މިތަކެތީގެ ބޭނުންކުރާމީހުންގެ އަދަދު ދަށަށްދިޔުމުގެ ބަދަލުގައި ދަނީ މައްޗަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދުނިޔޭގައި އެންމެ ގިނައީ ޗައިނާއާއި އިންޑިޔާއާއި އެމެރިކާއާއި ރަޝިޔާގައެވެ. މިހަތަރު ގައުމުގެ ތެރެއިން އިންޑިޔާއާއި ޗައިނާއަކީ ދުނިޔޭގައި އާބާދީވެސް އެންމެ ބޮޑު ދެގައުމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ކުރިމަތިވާ ބަލިތަކާގުޅިގެން މަރުވާމީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވަނީ މިހަތަރު ގައުމުގައިކަންވެސް މިސާވޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަން އިލްމީ ގޮތުން ކަށަވަރުކުރެވުނީ 1960ގެ އަހަރުތަކުގައެވެ. އެއަށްފަހު ދުނިޔޭގެ ގައުމުތަކުގެ ސިއްޙަތާބެހޭ ދާއިރާތަކުން ގެންދަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް އާންމުން ހޭލުންތެރި ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިއާއެކު ދުންފަތް އުފައްދާ ކުންފުނިތަކުންވެސް ގެންދަނީ ދުންފަތުގެ އިޝްތިހާރު ވަރުގަދަ ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ދުންފަތުގެ ނުރައްކާ އާންމު ރައްޔިތުންނަށް ވިސްނައިދިނުމަށް އެންމެ ބޮޑަށް ކޭންޕޭން ކުރާ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތައް ހިމެނެއެވެ. މިއާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ފާއިތުވި އަހަރުތަކުގައި މައްޗަށް ނުގޮސް ހިފެހެއްޓިފައިވާއިރު ބްރަޒީލްގައި މިނިސްބަތް ކުޑަމިންވަރަކަށް ދަށް ކުރެވިފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ޖުމްލަ އަދަދު އިތުރުވާ ސަބަބެއްގެ ގޮތުގައި ދުނިޔޭގެ އާބާދީ އިތުރުވާ އިތުރުވުންވެސް ހިމެނެއެވެ. (ލާންސެޓް)

comment ކޮމެންޓް