އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އާސެނަލް ކުރަމުންދާ މަސައްކަތަށް، ރެލިގޭޝަން ޒޯނުގައި އޮތް ކްރިސްޓަލް ޕެލަސް ހުރަސް އަޅައިފިއެވެ.
ރެލިގޭޝަނުން ސަލާމަތްވުމަށް ކްރިސްޓަލް ޕެލަސްއިން ގަދައަޅައި މަސައްކަތްކުރަމުން ދާއިރު، އަމިއްލަ ދަނޑުގައި ރޭ އެޓީމުން ވަނީ، އާސެނަލް އަތުން 3-0 ލަނޑުގެ ތަފާތަކުން މޮޅުވެ، ލީގުގައި ކުރިއަށް ދިއުމަށް އާސެނަލް ކުރަމުންދާ މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ.

ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާސެން ވެންގާ -- ސަން ފޮޓޯ: އޭޕީ
ރޭ ކުޅުނު މި މެޗުގެ ނަތީޖާއާއެކު، ޕްރިމިއާ ލީގުގައި އާސެނަލް މިވަގުތު އޮތީ، 30 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. ކްރިސްޓަލް ޕެލަސްއިން ވަނީ، 31 މެޗުން 34 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ކްރިސްޓަލް ޕެލަސްއިން ވަނީ، ލީޑުނަގައިފައެވެ. 17 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ، އެންޑްރޯސް ޓައުންސެންޑެވެ.
ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން ކޮންމެވެސް ވަރެއްގެ ހަމަލާތަކެއް ފެނިގެން ދިޔަ ނަމަވެސް ދެވަނަ ހާފްގައި އެޓީމަށް ކްރިސްޓަލްގެ ގޯލަށް އެއްވެސް ވަރަކަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ކްރިސްޓަލް ޕެލަސް ކުޅުންތެރީން އުފާފާޅުކުރަނީ. މި މެޗުން އާސެނަލް ބަލިވީ 3-0 ލަނޑުން -- ސަން ފޮޓޯ: ބީއޭޕީ
މެޗުގެ 63 ވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސްއަށް ލީޑު ފުޅާކޮށްދިނީ، ޔޯހާން ކަބާޔޭގެ ލަނޑުންނެވެ. އަދި އޭގެ އެޓީމަށް ލިބުނު ޕެނަލްޓީއަކުން، އޭގެ ފަސްމިނިޓް ފަހުން، ލުކާ މިލިވެޖޮވިޗް ކާމިޔާބުކުރި ލަނޑާއެކު ޕެލަސް ވަނީ، ރެލިގޭޝަނާ 6 ޕޮއިންޓް ދުރަށް ޖެހިލައިފައެވެ.
އާސެން ވެންގާ އާސެނަލްއާ ހަވާލުވެ ވޭތުވެ ދިޔަ 20 އަހަރު ދުވަހުވެސް، ޕްރިމިއާ ލީގުގެ ގަދަ ހަތަރެއް އެޓީމަށް ކަށަވަރު ކޮށްދީފައި ވާއިރު، މިސީޒަންގެ މިހާތަނަށް އެޓީމުން ނެރެމުންދާ ނަތީޖާ ތަކާމެދު ހިތްހަމަ ނުޖެހިގެން، މި މެޗު ބަލަން ސައުތު ނޯރވުޑަށް ދަތުރުކުރި އާސެނަލްގެ ގިނަ ސަޕޯޓަރުން ވަނީ ވެންގާގެ އިސްތިއުފާއަށް ގޮވައި ނުރުހުން ފާޅުކޮށްފައެވެ.

އާސެނަލްގެ ސަޕޯޓަރުން ވަނީ، ވެންގާގެ އިސްތިއުފާއަށް ގޮވާލާފައި -- ފޮޓޯ: ބީބީސީ
ލީގުގައި އާސެނަލަށް ބާކީ 8 މެޗު އޮތްއިރު، ވެންގާގެ ޓީމު އޮތީ، ލީގުގެ ހަތަރު ވަނައިގައި އޮތް، މެންޗެސްޓާ ސިޓީއަށް ވުރެ 7 ޕޮއިންޓް ފަހަތުގައެވެ.