ލެވަންޑޯސްކީ ނުވިއްކާނެކަން ރެއާލަށް އެނގޭނެ: ބަޔާންގެ ޗީފް

ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ: ރެއާލް މެޑްރިޑަށް އޭނާ ނުވިއްކާނޭ ކަމަށް ބަޔާނުން ބުނޭ -- ފޮޓޯ: އީއެސްޕީއެން

ބަޔާން މިއުނިކްގެ ޕޮލެންޑް ތަރި ރޮބާޓް ލެވަންޑޯސްކީ ނުވިއްކާނެކަން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށް، ބަޔާންގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.

މި ސީޒަންގައި ޖަރުމަނު ލީގަށް 26 މެޗު ކުޅެފައިވާ ލެވަންޑޯސްކީ ވަނީ ލީގުގައި 28 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި، ޗެމްޕިއަންސް ލީގު ހަތް މެޗު ކުޅުނު އިރު، އެ މުބާރާތުގައި ޖުމުލަ އަށް ލަނޑު ކާމިޔާބުކޮށްފައި ވެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ކުރިމަތިލުމަށް ބަޔާންއާ ރެއާލުން ތައްޔާރުވެފައި ވާއިރު، އެ މެޗުގައި ރެއާލާ ދެކޮޅަށް، އުމުރުން 28 އަހަރުގެ ޕޮލެންޑް ފޯވާޑް ކުޅޭނެއެވެ.

ކުރިއަށް އޮތް ޓްރާންސްފާގައި ލެވަންޑޯސްކީ ރެއާލަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުން ދޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި، ބަޔާންގެ ޗީފް ވިދާޅުވީ، "ލެވަންޑޯސްކީ ރެއާލަށް ދާންޖެހޭ އެއްވެސް ސަބަބެއް ނޭނގޭ" ކަމަށެވެ.

"އަހަންނާ ޕެރޭޒާ ދެމީހުންނަށް އެނގޭ ކުރެވިދާނޭ ކަންތައްތަކާ ނުކުރެވޭނޭ ކަންތައްތައް،" އިޓަލީގެ އޭއެސްއަށް ދިން އިންޓަވިއުއެއްގައި ރުމިނެގާ ވިދާޅުވިއެވެ.

"ޕެރޭޒަށް ވަރަށް ރަނގަޅަށް އެނގޭނެ އަހަރެމެން ވިއްކާލަން ބޭނުން ނުވާ ކުޅުންތެރިއަކު އަހަރެމެން ދޫކޮށް ނުލާނޭކަން.

"މިއީ މެޑްރިޑްގައި ވެސް މިކަން އޮންނާނޭގޮތް. ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރޭ، އަދި ކުރެވޭނޭ ކަންތައްތައްވެސް އެނގޭ. މީގެ ދެ އަހަރު ކުރީން އަހަރެމެން ރެއާލަށް ޓޯނީ ކްރޫޒް ވިއްކާލިން، ބަދަލުގައި އެމީހުން އަހަރެމެންނަށް ޒަބީ އަލޮންސޯ ވިއްކާލި. އެއީ ވަރަށް އެކަށޭނަ ބަދަލެއް."

ކުރިން ހުޅަނގު ޖަރުމަނާއި، އަދި ބަޔާނަށްވެސް ކުޅެފައިވާ މަޝްހޫރު ތަރި، ރުމެނިގާ ގަބޫލުކުރައްވާ ގޮތުގައި، ލެވަންޑޯސްކީ، މިހާރު އެހުރި ފޯމުގައި ކުރިއަށް ދާނަމަ، އޭނާ ބެލަންޑޯ އެވޯޑަށް ވާދަކުރާނެއެވެ. އެގޮތުން ކާމިޔާބު ސީޒަނެއް ހޭދަކުރެވިއްޖެ ނަމަ، ބެލަންޑޯ ހޯދުމަކީ އުނދަގޫ ކަމެއް ނޫންކަމަށް ބަޔާންގެ ޗީފް ވިދާޅުވިއެވެ.

"ރޮނާލްޑޯވެސް ރެއާލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ރެކޯޑުތަކެއް މުގުރާލައި، އަދި ޕޯޗްގަލާއެކު ޔޫރޯ ކާމިޔާބުކުރި.

"ބޭނުންވަނީ، ޓީމާއެކު އަދި އަމިއްލަ ފެންވަރުގައިވެސް ކާމިޔާބު ސީޒަނެއް ހޭދަކުރުން. ރޮބާޓް އެދަނީ އެފަދަ ދުވަސްތަކެއް ގުނަމުން. އަދި އެކަން ނުނިމޭ."

ބަޔާންގެ ޗީފް ވިދާޅުވީ، ލެވަންޑޯސްކީއާ މެދު އެންމެ ހިތްހަމަ ޖެހޭ ކަމަކީ، "އޭނާގެ މަސައްކަތްތައް ހުންނާނީ ސީދާ ޓްރޮފީއަށް،" އަމާޒުކޮށްގެން ކަމަށް ވާތީ ކަމަށެވެ.

comment ކޮމެންޓް