މައުމޫންގެ ޕާސަނަލް އެސިސްޓެންޓް ސޮފްވާން ހޯދަން ފޮޓޯ އާންމުކޮށްފި

އަހުމަދު ސޮފްއާން: އޭނާ ހޯދަނީ ފުލުހުންގެ އިކޮނޮމިލް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން-- ފޮޓޯ/ ޕޮލިސް

ފުލުހުންގެ އިކޮނޮމިލް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައުމޫންގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްއާން ހޯދަން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ފަރާތުން ތަހުގީގު ކުރާ މައްސަލައަކަށް ސޮފްއާން ހޯދަމުންދާ ކަމަށެވެ.

ރައީސް މައުމޫންގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި ސޮފްވާން (ވ)--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޮފްއާނަކީ ރައީސް މައުމޫން ޕީޕީއެމް ހިންގެވި އިރު ކައުންސިލު މެމްބަރެއް ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދި މިހާރު ވެސް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސޮފްއާން ހުންނެވީ އިންޑިއާގަ އެވެ. ރައީސް މައުމޫން ވެސް ހުންނެވި ކަމަށް ވަނީ އިންޑިއާގަ އެވެ.

ފުލުހުން އޭނާ ހޯދަނީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ ސޮފްއާނާ ބެހޭ މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

comment ކޮމެންޓް