ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލުވާނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ފާސްކުރި ޖަލްސާއަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަޑައިނުގެންނެވި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު "ސަން"އަށް މިއަދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ނަޝީދު ވަޑައިނުގެންނެވި ސަބަބެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް އަންގަވާފައި ނުވާ ކަމަށެވެ. އެމަނިކުފާނަށް ގުޅުއްވުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް ނޭނގޭ އުސްތާޒު ނަޝީދު ވަޑައިނުގެންނެވި ސަބަބެއް. އަޅުގަނޑުމެން ގަބޫލު ކުރަނީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ނަޝީދަށް ވަޑައިނުގެންނެވުނީ. އެބޭފުޅާގެ ފޯނަށް ގުޅިން. ފޯނު ނިއްވާލާފައި އޮތީ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.
ޖަލްސާއަށް ވަޑައިނުގެންނެވި ސަބަބު ހޯއްދެވުމަށް "ސަން"އިން ނަޝީދަށް ގުޅައި މެސެޖު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.
މިއަދުގެ ޖަލްސާ އަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވެސް ވަޑައެއް ނުގަންނަވަ އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހުސައިން މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވި ސަބަބު ހާމަކޮށްދެއްވަމުން ނިހާން ވިދާޅުވީ މެމްބަރު ހުސައިން ގެންދަވަނީ ބެންކޮކުގައި ބޭސްފަރުވާ ހޯއްދަވަމުން ކަމަށެވެ. ފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
"އެބޭފުޅާގެ އެކްސްކިއުޒު އަޅުގަނޑުމެން ބަލައިގަންނަން. ފްރެކްޗާއެއް އުޅޭތީ ހުސައިން ގެންދަވަނީ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން. މިރޭ 11:00ގައި ރާއްޖެ ވަޑައިގަންނަވާނެ،" ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް 42 މެމްބަރުންގެ ސޮއާއެކު ހުށަހަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައި ވަނީ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު މަސީހުގެ މައްޗަށް ހުށަހެޅުނު އިތުބާރު ނެތް ކަމުގެ ވޯޓުގައި ސަރުކާރަށް ތާއިދު ކުރައްވާ 48 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ސަރުކާރާ އެއްކޮޅަށް އެ ދުވަހު ވޯޓު ދެއްވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ. މިއަދު ވޯޓަށް އެހި ވަގުތު ސައުދު ވަނީ އިދިކޮޅު ފަރާތްތަކާ އެކު މަޖިލިސް ދޫކުރައްވައި ވަޑައިގެންފަ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު މަސީހާ ދެކޮޅަށް ވޯޓަށް އެހި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިއަދުގެ ޖަލްސާގައި ސަރުކާރަށް އެއްކޮޅަށް ވޯޓު ދެއްވި އެވެ. ހަތާވީސް ވަނަ ދުވަހު ބޭއްވި ޖަލްސާގައި މޫސައަށް ވޯޓެއް ނުދެއްވެ އެވެ.