ޞަޙާބިއްޔާތުންގެ ނަމޫނާ-4

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް---

ރަސޫލާދެކެ ލޯބިފުޅުވުމާއި، ރަސޫލާއަށް ކަމޭހިއްތެވުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ބަރަކާތް ހޯއްދެވުމާއި، އެކަލޭގެފާނަށް ކަމޭހިއްތެވުމާއި، އެކަލޭގެފާނު ޙިމާޔަތް ކުރެެއްވުމުގައިވެސް ޞަޙާބިއްޔާތުން ޞަޙާބީންނަކަށް ފުކެއްވެސް ދުލެއް ނުކުރައްވައެވެ.

ބަރަކާތް ހޯއްދެވުން

ޞަޙާބިއްޔާއަކަށް ބޭފުޅަކު ލިބިވަޑައިގެންފިނަމަ އެބޭކަނބަލުން އެތުއްޕުޅު ބޭފުޅުން އެންމެފުރަތަމަ ގެންދަވަނީ ކައުސާހިބާގެ އަރިހަށެވެ. އިތުރުސާހިބާ އެތުއްޕުޅު ބޭފުޅުންގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުއްމަވަައެވެ. ކަދުރުކޮޅެއް ހައްޕަވައިފައި އެތުއްޕުޅު ބޭފުޅުންގެ އަނގަފުޅަށް ލައްވައިދެއްވައި އެބޭފުޅުންނަށް ބަރަކާތްލެއްވުން އެދިވަޑައިގެން ދުޢާފުޅުކޮށްދެއްވައެވެ.

ރަސޫލާގެ ހަނދާނީ އެެއްޗެހިކޮޅު ރައްކައުކުރެއްވުން

ރަސޫލާގެ ހަނދާނުގެ ގޮތުގައި އެކިއެއްޗެހިކޮޅު ރައްކައުތެރި ކުރައްވައިގެން ގެންގުޅުއްވުމަކީ ޞަޙާބިއްޔާތުން ވަރަށް އިސްކަންދެއްވި ކަމެކެވެ. އެބޭކަނބަލުންގެ އަމިއްލަފުޅު ހަށިކޮޅަށްވުރެވެސް ބޮޑަށް އެބާވަތަުގެ އެއްޗެހިކޮޅުތަކަށް ރައްކައުތެރިވެވަޑައިގެން އުޅުއްވިއެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެދުންކޮޅެއްގައި އޮންނަވަނިކޮށް ސުވަރުގެވަޑައިގެންނެވި ހެދުންކޮޅާއި އަދި އެހެން ޖުއްބާކޮޅެއް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަތްޕުޅުގައި ރައްކައުކުރައްވައިފައި އޮތެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައެއްފަހަރަށް އައްސައްޔިދާ ޝައްފައު ބިންތި ޢަބްދުﷲ ރަޟިޔަﷲ ޢަންހާގެ ގެކޮޅަށް ވަޑައިގެން އެގެކޮޅުގައި އަރާމުކުރައްވައި އުޅުއްވިއެވެ. އެހެންކަމުން އައްސައްޔިދާ ޝައްފާއު އިތުރު ސާހިބާއަށްޓަކައި ޚާއްޞަ ދާންމަތިކޮޅަކާއި ހެދުންކޮޅެއް ތައްޔާރުކުރެއްވިއެވެ. އިތުރު ސާހިބާ އެހެދުންކޮޅު ތުރުކުރައްވައިގެން އެދާންމަތިކޮޅުގައި އަރާމުކުރައްވައެވެ. އިތުރުސާހިބާ ސުވަރުގެ ވަޑައިގަތުމަށްފަހުވެސް ވަރަށް ގިނަދުވަސްވަންދެން އައްސައްޔިދާ ޝައްފާއުގެ ޢާއިލާގެ ބޭފުޅުން އެއެއްޗެހިކޮޅު ރައްކައުތެރި ކުރައްވައިގެން ގެންގުޅުއްވިއެވެ. މަރްވާނު ބުނުލް ޙަކަމް އެބޭފުޅުންގެ އަތްޕުޅުން އެއެއްޗެހިކޮޅު އަތުލެއްވީއެވެ.

ރަސޫލާއަށް އަދަބުވެރިވެވަޑައިގަތުން

ޞަޙާބިއްޔާތުން ވަރަށް ބޮޑަށް އިތުރުސާހިބާއަށް އަދަބުވެރިވެވަޑައިގެންނެވިއެވެ. އިތުރުސާހިބާގެ އަރިހަށް ވަޑައިގަންނަވާއިރު އެބޭކަނބަލުންގެ ހެދުންކޮޅާމެދު ވަކީންބޮޑަށް ފަރުވާތެރިވެވަޑައިގެންެނެވިއެވެ.

އެނގިވަޑައިނުގަތުމުގެ ތެރޭގައިވެސް އިތުރު ސާހިބާއާމެދު އެއިން ބޭކަނބަލެއްގެ ދޫފުޅުން ބޭއަދަބީ ބަސްފުޅެއް ބޭރުކުރެއްވިއްޖެނަމަ އެކަމާ ނުހަނު ހިތާމަފުޅުކުރައްވައި މަޢާފު އެދިވަޑައިގަންނަވައެވެ. ޞަޙާބިއްޔާއެއްގެ ބޭފުޅަކު އަވަހާރަވަގެން އެކަމާ ކީރިތި ކުރައްވަނިކޮށް، އިތުރުސާހިބާއަށް އެތަނަށް ވަޑައިގެންެނެވުނެވެ. އިތުރުސާހިބާ އެކަމަނާއަށް ނަސޭހަތް ދެއްވަމުން ޙަދީޘުކުރެއްވިއެވެ. "މާތްﷲއަށް ބިރުވެތިވެވަޑައިގަންނަވާށެވެ. ކެތްތެރިވެވަޑައިގަންނަވާށެވެ." އެކަމަނާއަށް އެއީ ކޮންބޭކަލެއްކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން ވިދާޅުވިއެވެ. "އަހަރެންގެ މުޞީބަތާ ކަލޭގެފާނަކާ ވާކަމެއް ނޫންދޯއެވެ؟" އިތުރު ސާހިބާ އެނބުރި ވަޑައިގަތުމުން އެތާ ތިބި މީހުން ދެންނެވިއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަމަނާ އަވަސްއަވަހަށް ދުވެވަޑައިގެންފައި ވަޑައިގެން އިތުރުސާހިބާއާ ބައްދަލުކުރައްވައި މަޢާފު އެދިވަޑައިގެންެނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "އަޅުގަނޑަށް ސާހިބާ ނޭނގުނީއެވެ."

ރަސޫލާ ޙިމާޔަތްކުރެއްވުން

އިތުރު ސާހިބާ ޙިމާޔަތް ކުރެއްވުމަކީ ޞަޙާބީންނެކޭ އެއްފަދައިން ޞަޙާބިއްޔާތުންގެ ހިތްޕުޅުގެ އަޑީގެ ޝުޢޫރެކެވެ. ފުރުޞަތެއް ލިބިވަޑައިގެންފިނަމަ އެކަލޭގެފާނަށްޓަކައި އެބޭކަނބަލުން ވަނީ ފިދާވެވަޑައިގެންފައެވެ.

އައްސައްޔިދާ ނުސައިބާ ބިންތި ކަޢުބު އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. ނުހަނު ބިރުފުޅުކުޑަކަމާއެކު ހަނގުރާމަކުރެއްވިއެވެ. އުޙުދު ހަނގުރާމައިގައި މުސްލިމުންނަށް ފަތަޙަ ލިބިފައި އޮތްއިރު ނުސައިބާގެ މަސައްކަތްޕުޅަކީ މުޖާހިދުންނަށް ފެން އުފުއްލަވައިދެއްވުމެވެ. ނަމަވެސް މުސްލިމުންގެ ފައިތިލަތައް މައިދާނުން އުފުރުނުހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން އިތުރުސާހިބާގެ ނިވާފަތްގަނޑަކަށްވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާއާ ދިމާޔަށް އަރައަރައިގެން އަންނަ ކާފިރުން އެކަމަނާގެ ދުނިދަނޑިކޮޅާއި ކަނޑިކޮޅުން މަތަކުރައްވަމުން ފޭކުރައްވަމުން ގެންދެވިއެވެ. އެމަސައްކަތްޕުޅުގައި އެކަމަނާ ޒަޚަމުވެވަޑައިގެންނެވިއެވެ. ޚުދް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރައްވައިފައިވެއެވެ. އުޙުދުގެ ދުވަހުގައި އަހުރެންގެ ކަނާތްފަރާތާއި ވާތްފަރާތުގައި ނުސައިބާ ބަރާބަރަށް ހަނގުރާމަކުރައްވަނިކޮށް ދުށީމެވެ.

ޠަލީބު ބުނު ޢުމައިރު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެން އެކަލޭގެފާނުގެ މައިކަނބަލުން އުރުވާ ބިންތި ޢަބްދުލް މުއްޠަލިބު އަށް އެޚަބަރުދެއްވުމުން ވިދާޅުވިއެވެ. "ދަރިފުޅު އެމީހަކު ތިޔަ ޙިމާޔަތްކުރި މީހަކީ އެކަމަށް އެންމެ ޙައްޤުކަންބޮޑު މީހާއެެވެ. ފިރިހެނުން ފަދައިން އަހަރެމެންނަށްވެސް ކުޅަދާނަކަން ލިބިގެންވީނަމަ އެކަލޭގެފާނު ޙިމާޔަތްކުރީމުހެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ހަނގުރާމަކުރީމުހެވެ."

ރަސޫލާއަށް ޚިދްމަތްކުރެއްވުން

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޚިދްމަތްކުރެއްވުމަކީ ޞަޙާބިއްޔާތުން ދެކެވަޑައިގެންނެވި ގޮތުގައި އެކަނބަލުންނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ޝަރަފެވެ. ޞަޙާބިއްޔާތުންގެ ތެރެއިން ސަލްމާ އެވެ ކިޔުނު ބޭކަނބަލަކު އިތުރުސާހިބާއަށް މެދުކެނޑުމެއްނެތި ޚިދްމަތްކުރެއްވުމުގެ ސަބަބުން ޚާާދިމާ ރަސޫލުﷲގެ ލަޤަބު ލިބިވަޑައިގެންފައިވެއެވެ. އައްސައްޔިދާ ސަފީނާ އަކީ ސަލްމާ ރަޟިޔަﷲ ޢަންހާގެ މައިކަނބަލުންގެ އަޅެކެވެ. ސަފީނާގެ މުޅި އުމުރުފުޅަށް އިތުރުސާހިބާއަށް ޚިދްމަތްކުރެއްވުން ޝަރުޠުކުރައްވައި އެކަމަނާ ސަފީނާ މިނިވަންކުރައްވާން އުޅުއްވުމުން ސަފީނާ ވިދާޅުވިއެވެ. "ކަމަނާ ތިޔަކަން ޝަރުޠު ނުކުރެއްވި ކަމުގައިވިޔަސް އަޅުގަނދުގެ ޢުމުރުގައި އެކަލޭގެފާނުގެ ޚިދްމަތަކުން ވަތްކެއް ނުވީމުހެވެ."

ރަސޫލާއަށް ކިޔަމަންވެވަޑައިގަތުން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅުތަކަށް ޞަޙާބިއްޔާތުން ވަރަށް ފުރިހަމަޔަށް ތަބާވެވަޑައިގެންނެވިއެވެ. އެބޭކަނބަލުންގެ ޙަޔާތްޕުޅުގެ ކޮންމެ ދާއިރާއަކަށް ވިސްނުން ހިންގައިލި ކަމުގައިވިޔަސް އެކަމުގެ ހެކިތަކާއި ދަލީލުތައް ހާމަވާން އެބަހުއްޓެވެ. މިތާނގައި އަޅުގަނޑު މިފާހަގަކުރަނީ ގާތްތިމާގެ މީހުން މަރުވެގެން އެކަމާ ހިތާމާފާޅުކުރުމާ ބެހޭގޮތުން އެކަނބަލުން ޢަމަލުކުރެއްވި ގޮތެވެ. ޢަރަބީންގެ ތާރީޚު ދެނެވަޑައިގަންނަވާ ބޭފުޅުންނަށް ވަންހަނާވެވަޑައިގެންފައި ނުވާނެ ފަދައިން ގާތްތިމާގެ މީހުންގެ މަރާ ވިދިގެން އެކަމާ ހިތާމަފާޅުކޮށް ރޮއިހެދުމާއި އެކަމުގެ ހިތާމައިގައި ޅެންހަދައި އުޅުމަކީ ޢަަރަބީންގެ ތެރޭގައި އެހެނިހެން ޤައުމުތަކަށްވުރެ މާބޮޑަށް ފެތުރި ޢާންމުވެފައި އޮތްކަމެކެވެ.

ތިމާގެ ފިރިމީހާ ފިޔަވައި އެހެނިހެން ގާތް މީހުން މަަރުވުމުން އެކަމާ ހިތާމަފާޅުކުރުމުގެ މުއްދަތަކީ ތިންދުވަސް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމަޖެއްސެވިއެވެ. ޞަޙާބިއްޔާތުން އެކަމަށް ވަރަށް ފުރިހަމަޔަށް ޢަމަލުކުރެއްވިއެވެ. އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާގެ އަޚަކު އަވަހާރަވިތާ ހަތަރުވަނަޔަށްވީ ދުވަހުވެސް ޢަރަބީންގެ އާދަކާދައިގެމަތީން ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވަން އެކަނާއާ ބައްދަލުވާން އަންހެނުންތަކެއް އައެވެ. އެކަމަނާ އެބައިމީހުންގެ ތެރެއަށް ނުކުމެވަޑައިގެން ހުވަނދު ތުރުކުރައްވައިފައި ވިދާޅުވިއެވެ. މިވަގުތަކު އަހަރެން ހުވަނދުލާކަށެއް ބޭނުމެއް ނޫނެވެ. އެކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވެއެވެ. މުސްލިމް އަންހެނަކަށް އޭނާގެ ފިރިމީހާ ފިޔަވައި އެހެން މީހަކަށް ތިންދުވަހަށްވުރެ ގިނަދުވަހު މާތަމްކުރުން ހުއްދައެއް ނޫނެވެ. އަހަރެން ހުވަނދު މިލަނީ އެއަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުންނެވެ.

އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާގެ ބައްޕާފުޅު އަވަހާރަވީތާ ތިންދުވަސްވުމުން އެކަަމަނާ ހުވަނދު ތުރުކުރެއްވުމަށްފަހު ވިދާޅުވިއެވެ. އަހަރެން ހުވަނދު ލާކަށެއް ބޭނުމެއް ނޫނެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންވުމެވެ.

ޞަޙާބިއްޔާތުން އަބަދުވެސް ތިއްބަވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރުހިވަޑައިގަތުން ހޯއްދެވުމުގެ ފިކުރުފުޅުގައެވެ. ފަހަރެއްގައިވެސް އިތުރު ސާހިބާ ރުހިވަޑައިނުގެންފިނަމަ އެކަލޭގެފާނުގެ ރުހިވަޑައިގަތުން ހޯއްދެވުމަށްޓަކައި އެކަށީގެންވާ ކޮންމެ ތަދްބީރެއް ކުރައްވައެވެ.

އަންހެނުންގެ ކުރިމަތީގައި އެކަނބަލުންގެ ކާވެނީގެ މައްސަލައަކީ އެންމެ މުހިއްމު އެއްމައްސަލައެވެ. ނަމަވެސް ޞަޙާބިއްޔާތުން އެބޭކަނބަލުންގެ ކާވެނިފުޅުގެ ހުރިހާވެސް އިޚްތިޔާރެއް އިތުރު ސާހިބާއަށް ދޫކޮށްލެއްވިއެވެ. އިތުރު ސާހިބާ ރުހިވަޑައިގެން ހުށަހަޅުއްވާ ކޮންމެ ބޭކަލަކާ ޞަޙާބިއްޔާތުން އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި ހިތްޕުޅުގެ އަޑީގެ ރުހިވަޑައިގަތުމާއެކު ކާވެނިބައްލައވައިގަންނަވައެވެ.

ފާޠިމާ ބިންތި ޤައިސު ރަޟިޔަﷲ އަންހާގެ ކާވެނިފުޅަށް އެދިވަޑައިގެން ޢަބްދުރަޙްމާނު ބުނު ޢައުފުު ރަޟިޔަﷲ ޢަންހު ހުށަހެޅުއްވިއެވެ. ޢަބްދުރަޙްމާނު އަކީ ނުހަނު މުއްސަނދިފުޅު ބޭކަލެކެވެ. އަނެއްކޮޅުން އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހު އާ ކާވެނިފުޅު ބެއްލެވުމާ ބެހޭގޮތުން އިތުރުސާހިބާ ފާޠިމާއާ ވާހަކަދެއްކެވިއެވެ. ފާޠިމާ ވިދާޅުވިއެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކާ އަޅުގަނޑު ކާވެނި ކޮށްދެއްވާށެވެ. އަޅުގަނޑުގެ މައްސަލަ ނިންމެވުމުގެ ފުރިހަމަ އިޚްތިޔާރު ކަލޭގެފާނަށް އަރުވައިފީމެވެ.

އިތުރުސާހިބާއަށް ޖާފަތް އެރުވުމަކީ ޞަޙާބިއްޔާތުން ވަރަށް ބޮޑަށް ޝައުޤުވެރިވެ ވަޑައިގެންނެވި ކަމެކެވެ. އެފަދަ ފުރްޞަތެއް ލިބިވަޑައިގެންފިނަމަ ނުހަނު ކަމޭހިއްތެވުމާއި، ލޯތްބާއި އަދަބުވެރިކަމާއެކު އެވާޖިބު އަދާކުރައްވައެވެ.

ޞަޙާބިއްޔާތުންގެ ހިތްޕުޅުގަިއ އިތުރުސާހިބާގެ ލޯބިފުޅުވަނީ ކެކި އުތުރި އަރައަރައެވެ. އޭގެތެރެއިން ވަރަށް ގިނަ ބޭކަނބަލުންނަށް އިތުރުސާހިބާގެ ނަންފުޅު އިވިވަޑައިގަންނަވާއިރަށް ހިތްޕުޅުގެ އަޑިން ވިދާޅުވެއެވެ. "އަޅުގަނޑާއި އަޅުގަނޑުގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ޤުރްބާންކުރަމެވެ."

___________________________

comment ކޮމެންޓް