ޓެޑްރީގެ ފިލްމީ ހަޔާތަށް 30 އަހަރު!

ޓެޑްރީގެ ފިލްމީ ކެރިޔަރަށް 30 އަހަރު----

ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދިގު މުއްދަތެއްގައި ބެލުންތެރިން މުނިފޫހި ފިލުވާލަދިނުމަށް، ފޫހި ކަމެއްނެތި ހުރި ޓެޑްރީގެ ފިލްމީ ހަޔާތަށް މިހާރު 30 އަހަރު ފުރުނީއެވެ. ޓެޑްރީއަށް ވަރަށް މަރުހަބާ އެވެ.

ޓެޑް އޭނާގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ބުނީ، އެންމެ އުފާވަނީ މިހާތަނަށް އައި އިރު ރިޝްވަތުން ސަލާމަތްވެގެން ހުރެވުމުން ކަމަށެވެ.

"މިއަދު އަހަރެން އެންމެ އުފާވަނީ މަގޭ މަސައްކަތުގެ ހަޔާތުގައި މިއަދާ ހަމައަށް މަސައްކަތެއް ނުވަތަ ބީލަމެއް ކާމިޔާބު ކުރުމަށް އެއްވެސް ފަރާތަކަށް ރިޝްވަތެއް ދޭން ހުށަހަޅައި ނުވަތަ ދީފައި ނުވާތީ އެވެ." ފޭސްބުކްގައި ޓެޑް އާންމު ކުރި ކުރު ލިޔުންކޮޅެއްގައި ބުންޏެވެ.

ޓެޑްރީ "ސަން" އަށް މައުލޫމާތު ދެނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން ޓެޑް ބުނީ، "އެއްވެސް ފަރާތަކުން ހުށަހެޅި ރިޝްވަތެއް އަދި އެފަދަ ޝައްކެއް އެކުލެވޭ އެއްވެސް މަސައްކަތެއް ގަބޫލުކޮށްފައި" ވެސް ނުވާނެ ކަމަށެވެ.

ޓެޑްރީ އަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރެއިން އެއް ޑައިރެކްޓަރެވެ. އެތައް ބައެއްގެ ލޯތްބާއި ތައުރީފްގެ ބަސްތައް ޓެޑްރީގެ މަަސައްކަތްތަކަށް އަންނަނީ ރައްދުވަމުންނެވެ. ނަމަވެސް ޓެޑްރީގެ މަަސައްކަތްތައް މަދުވެގެން ފާޑު ކިޔާ މީހުންވެސް ގިނައެވެ. ސަބަބަކީ މިހާތަނަށް އޭނާ ޑައިރެކްޓް ކޮށްފައިވަނީ އެންމެ ދެ ފިލަމަށް ވާތީއެވެ.

"ޖާދޫގައި ޖެހޭނޭ" ވީޑިއޯ ލަވަ---

ދެ ފިލްމު ވިޔަސް އެއްވެސް މައްސަލައެއްނެތެވެ. ގެނެސްދީފައިވަނީ ވަރުގަދަ ދެ ފިލްމެވެ. ބެލުންތެރީން އެ ދެ ފިލްމުގެ ޖާދޫގައި ޖައްސާލިއެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ބެލުންތެރީންނަށް ޓެޑްރީ މަޝްހޫރު ވެގެން ދިޔައީ 1994 ވަނަ އަހަރު އޭނާ ޑައިރެކްޓް ކުރި "ދެރިޔާ" އިންނެވެ. އެ ފިލްމު ގިނަ ބައެއްގެ ހިތްތަކާ ކުޅެލިއެވެ. ނަމަވެސް އެ ފިލްމަށް ފަހު ޓެޑްރީ އެއްވެސް ފިލްމެއް ޑައިރެކްޓެއް ނުކުރެއެވެ.

ް1998 ވަނަ އަހަރު ޓެޑްރީ ޕްރޮޑިއުސްކޮށް ރިލީޒް ކުރި "އަމާނާތް" ފިލްމީ ދާއިރާއަށް އިންގިލާބެއް ގެނުވިއެވެ. 19 އަހަރު ފަހުން އަނެއްކާވެސް ސިނަމާއަށް ފިލްމު އައިސް މިވަނީ އެ ހަންދާންތައް މުޅިން އާ ކޮށްފައެވެ. އެހާ ގިނަ ދުވަސް ވީފަހުން ވެސް ފިލްމު ބާ ނުވާކަން ހާމަވެގެންދިޔައީ ފިލްމަށް އޮތް އޯޑިއަންސުންނެވެ. ހައުސްފުލް ޝޯތަކާއެކު ފިލްމު މާލޭގެ އިތުރުން އޮތޮޅު ތެރޭގައިވެސް ދެއްކިއެވެ.

"ދެރިޔާ" ގެ ލަވައެއް---

މި މަހުގެ ހަވަނަ ދުވަހު "އަމާނާތް" ވަނީ ޔޫޓިއުބް ގައިވެސް އާންމުކޮށްފައެވެ. ހަތަރު ދުވަހުގެ ތެރޭ ނަވާރަ ހާސް ވިއުސް ވަނީ ލިބިފައެވެ. ޓެޑްގެ އެ މަސައްކަތް ވެސް ނުހަނު ކާމިޔާބެވެ.

ޓެޑްރީ އަކީ ގިނަ ވީޑިއޯ ލަވަތަކެއް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ފަންނާނެކެވެ. އެ ލަވަތައް އަދިވެސް އެހާމެ މަގްބޫލެވެ. "އޯގާ ވެރިވޭ ލޯބީގާ"، "ފިނިފެން މަލެކޭ" އަދި" ޖާދޫގައި ޖެހޭނޭ" ފަދަ ލަވަތައް މިއީ މިހާރުވެސް ޓީވީ ތަކުން ދައްކާ ލަވަތަކެވެ.

ޓެޑްރީއަކީ އެކިއެކި ކުންފުނިތަކުގެ ޓީވީ އިޝްތިހާރުތަކާއި ސަރުކާރުގެ މުއައްސަސާތަކުން ހޭލުންތެރިކަން އުފައްދަން ތައްޔާރު ކުރާ އުފެއްދުންތަކާއި ގިނަ އަދަދެއްގެ ޑޮކިއުމަންޓްރީ ވެސް ހަދާފައިވާ ޑައިރެކްޓަރެކެވެ.

ބިތުފަންގި ސީރީޒް ޕްރިމިއާ ކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ކޮރަޕްޝަނަށް ހޭލުންތެރިކަން އުފެއްދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު ގެނެސް ދިން 13 އެޕިސޯޑްގެ ޑްރާމާ ސިލްސިލާ "ބިތުފަންގި" ލިޔެ، ޑައިރެކްޓް ކުރީ ވެސް ޓެޑްރީ އެވެ.

އޭގެ އިތުރުން ދިވެހީންގެ ތެރޭގައި މަޝްހުރު ވެގެން ދިޔަ "ސަޅިބައިސާ" ވެސް ޑައިރެކްޓްކުރީ ޓެޑްރީއެވެ.

ޓެޑްރީ ފިލްމީ ދާއިރާގައި މަަސައްކަތް ކުރަން ފެށި ފަހުން، އޭނާގެ ހިއްސާއެއް ފިލްމަކަށް ކޮންމެވެސް ސިފައެއްގައި ނުލިބޭ ފިލްމެއް ސްކްރީނަށް އައިސްފައި ހުންނާނީ މަދުންނެވެ. އެހެން ވުމުން ޓެޑްރީގެ ތިރީސް އަހަރުގެ އަގު ވަޒަން ކޮށް ތައުރީފް ކުރުން ހައްގެވެ.

"ލަސްވިޔަސް" ގެ ޓީޒާ---

ޓެޑްރީ އަދިވެސް ހުރީ މިދާއިރާގައި ކުރިޔަށް ގޮސް ބެލުންތެރިންގެ މުނިފޫހިފިލުވާލަ ދިނުމަށް ތައްޔާރަށެވެ. 23 އަހަރުފަހުން ޓެޑްރީ ވަނީ ފިލްމެއް ޑައިރެކްޓް ކުރަން ނިންމާފައެވެ. މިފަހަރު އޮތީ "ލަސްވިޔަސް" އެވެ.

"ލަސްވިޔަސް" އާ ގުޅޭ ގިނަ ވާހަކަތަކެއް އަދި ދައްކާފައެއް ނެތެވެ. އެނގޭހާވެސް އެއްޗަކީ އަންނަ އަހަރު ފިލްމު ސްކްރީނަށް ގެންނަން ޓެޑްރީ މަަސައްކަތް ކުރާކަމެވެ. ކޮންމެއަކަަސް މީ ޓެޑްރީގެ މަސައްކަތްތަކަށް ލޯބިކުރާ މީހުންނަށް އޮތް އުފާވެރި ހަަބަރެކެވެ.

comment ކޮމެންޓް