އެތުލެޓިކޯއިން ރެއާލް ހިފެހެއްޓިއިރު، މަލާގާ އަތުން ބާސާ ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަ ލީގާގައި އެތުލެޓިކޯ މެޑްރިޑުން ރެއާލް މެޑްރިޑް ހިފެހެއްޓިއިރު، މަލާގާ އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު 'މެޑްރިޑް ޑާބީ' މެޗުގައި އެތުލެޓިކޯ އަތުން ރެއާލް އެއްވަރުވެފައިވަނީ 1-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވަނީ ރެއާލްއަށެވެ. ރެއާލްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ، އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލަކް މަތަކުރިއިރު، އޭނާގެ ދެވަނަ ހަމަލާ ގޯލަށް ވަނުމުގެ ކުރިން ސްޓެފަން ސަވިޗް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ކަރިމް ބެންޒެމާއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އެތުލެޓިކޯގެ ކީޕަރު އޮބްލަކްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޓޯނީ ކްރޫސް ނަގައިދިން ހިލޭ ޖެހުމަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޕެޕޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އެތުލެޓިކޯއިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. އަންހެލް ކޮރޭއާ ދިން ބޯޅައަކުން އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

އެތުލެޓިކޯ އަތުން ރެއާލް އެއްވަރުވުމުން، އޭގެ ފައިދާ ބާސާއަށް ނެގިފައެއް ނުވެއެވެ. ބާސާގެ ބްރެޒިލް ތަރި ނޭމާއަށް ރަތް ކާޑު ދެއްކި މެޗުގައި މަލާގާ އަތުން ބާސާ ބަލިވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ މަލާގާގެ ދަނޑުގައެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި މަލާގާއިން ބާސާ ބަލިކުރީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ވެސް ބާސާގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ތަނަވަސްކޮށްފައިވަނީ ބާސާއިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ޔޯޑީ އަލްބާ ދިން ބޯޅައަކުން ބާސާގެ އުރުގުއާއީ ތަރި ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ، މަލާގާގެ ކެމަރޫން ގޯލްކީޕަރު ކާލޯސް ކާމޭނީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މަލާގާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ހުއާން ކާލޯސް ދިން ރީތި ބޯޅައަކުން މަލާގާއަށް ލީޑު ހޯދައިދިނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މިދިޔަ އަހަރު ބާސާއިން މަލާގާއަށް ދޫކޮށްލި ސްޕެއިން ފޯވަޑް ސެންޑްރޯ ރަމީރޭޒްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މަލާގާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ބާސާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ދެވަނަ ރީނދޫ ކާޑަކާއެކު ނޭމާއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ނޭމާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކީ ޑިއޭގޯ ލޮރެންޓޭއަށް ކުރި ބޭކާރު ފައުލަކާ ގުޅިގެންނެވެ. ނޭމާއަށް ރަތް ކާޑު ދެއްކުމުން ބާސާއިން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި މަލާގާއިން ބާސާ ބަލިކުރީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ނުކުރެވި އުޅެނިކޮށް، މަލާގާއިން ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. ޕަބްލޯ ފޯނަލްސް ދިން ބޯޅައަކުން މަލާގާއަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ޖޯނީއެވެ.

އެ ނަތީޖާތަކާއެކު ސްޕެނިޝް ލަލީގާ ތާވަލުގެ ގަދަ ހަތަރަކަށް ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ތާވަލުގެ އެއްވަނައިގައި ކުޅުނު 30 މެޗުން ލިބުނު 72 ޕޮއިންޓާއެކު ރެއާލް އޮތްއިރު، ދެވަނައިގައި އޮތް ބާސާއަށް 31 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯއަށް 31 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ސެވިއްޔާއަށް 31 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.

comment ކޮމެންޓް