ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމަށް މިއަދު ޓީޓީ ހޯލްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ ހަވަނަ ދުވަހަކީ، "ވޯލްޑް ޓޭބަލް ޓެނިސް ޑޭ" ނުވަތަ ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން މިއަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ، "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" މިޝިއާރުގެ ދަށުން ދުނިޔޭގެ ޓީޓީ ދުވަސް ފާހަގަކުރަމުންނެވެ.

ޓީޓީ ދުވަސް ފާހަގަކުރުމަށް، ރާއްޖޭގައި ވެސް މިއަދު ވަނީ، ހަރަކާތްތަކެއް ބާއްވައިފައެވެ. އެގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ، ޒުވާނުންގެ މަރުކަޒުގައި ހުންނަ އެ އެސޯސިއޭޝަންގެ ޓީޓީ ހޯލްގައި، "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" މި ޝިއާރުގެ ދަށުން ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ވޭތުވެ ދިޔަ އަހަރު، ކުލަގަދަ ގޮތެއްގައި ޓީޓީ ދުވަސް ފާހަގަކުރި ނަމަވެސް މިއަހަރު އެހާ ކުލަގަދަކޮށް ފާހަގަކޮށްފައި ނުވަނީ، މިދާކަށްދުވަހު ރާއްޖޭގައި ފެތުރިގެންދިޔަ އެޗްވަންއެންވަން ރޯގާއާ ގުޅިގެން، އާންމުން އެއްތަނަކަށް އެއްވެ އުޅުމުގައި އަދިވެސް ސަމާލުކަން ދޭންޖެހޭތީ އެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމަށް މިއަދު ޓީޓީ ހޯލްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ، ކުރިން ރާވާފައި އޮތީ މިއަހަރުގެ ޓީޓީ ދުވަސް، ރޯޑްޝޯއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށާއި އެހެން ނަމަވެސް ކަންދިމާކުރިގޮތުން އެ ހަރަކާތްތައް މިއަހަރު ކުރިއަށް ނުގެންދެވުނީ ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރު ވަރަށް ކުލަގަދަކޮށް މި ދުވަސް ފާހަގަކުރިން. އެހެން ނަމަވެސް މިއަހަރު އެގޮތަށް ފާހަގަކުރަން ބަލާއިރު، ގިނަ ބެލެނިވެރީން އަދިވެސް ފަސްޖެހިވަޑައިގަންނަވާ، ސިއްހީ ގޮތުންބަލަން ޖެހޭ ކަންކަމަށް ބައްލަވާފައި ކުދީން އެގޮތަށް ތަންތަނަށް ފޮނުވާން،" ޝުޖާ ވިދާޅުވިއެވެ.

"ގިނަ ކުދީން ތަކެއް ބައިވެރި ނުވި ނަމަވެސް، އަޅުގަނޑުމެން މިއަދު މިވަނީ، ޓީޓީ ހޯލްތެރޭގައި ހަމަ އެންމެނަށް ބައިވެރި ވެވޭގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި. ދެން މިކަމުގައި ހަމަ، ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށްލަން. ބައެއް ކުދީންވެސް އައިސް ހަމަ ހޯލްތެރޭގައި ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތަކުގައި ބައިވެރިވި."

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމަށް މިއަދު ޓީޓީ ހޯލްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އެންމެންނަށް ވެސް ޓޭބަލް ޓެނިސްގެ ނަމުގައި މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ހާއްސަ ހަރަކާތްތައް ރަސްފަންނުގައި ކުރިއަށް ގެންދިޔައިރު، އެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޔާމީނެވެ.

ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޝުޖާ ވިދާޅުވީ، މިއަހަރު، ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރެވުނު ނަމަވެސް، އަންނަ އަހަރު މިދުވަސް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ، ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަރަށް ކުލަގަދަކޮށް މިދުވަސް ފާހަގަކުރާން. މީގެ އެންމެ ބޮޑު ބޭނުމަކީ، ޓީޓީއަކީ ކޮންމެ މީހަކަށްވެސް، ކޮންމެ މާހައުލެއްގައި ވެސް ކުޅެވިދާނޭ ކުޅިވަރެއްކަން އަންގައި ދިނުން. ވަރަށް ކުޑަ ތަންކޮޅެއްގައި ވެސް ކުޅެވޭނެ ކުޅިވަރެއް މިއީ. އަދި ހަމަ އެހެންމެ، ނުކުޅެދުންތެރިކަން ހުން ފަރާތްތަކަށްވެސް ޓީޓީ ކުޅުއްވެވޭނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް