މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.
ރާއްޖޭގެ އަންހެން ރިލޭ ޓީމުން އިއްޔެ ލޯ މެޑަލް ހޯދީ ހަތަރެއް ގުނަ 100 މީޓަރު ރިލޭ ދުވުމުންނެވެ. މިއީ ބައިނަލްއަގުވާމީ ގޭމްސްއަކުން ރާއްޖޭގެ އަންހެން ރިލޭ ޓީމު ހޯދި ފުރަތަމަ މެޑަލްއެވެ.
ރާއްޖޭގެ ޓީމުން ހަތަރެއް ގުނަ 100 މީޓަރު ރިލޭ ނިންމީ 47.03 ސިކުންތުން ދުވުން ނިންމައިގެންނެވެ. އެ އިވެންޓުން ރަން މެޑަލް ހޯދި މަޑަގަސްކަރައިގެ ޓީމުން ދުވުން ނިންމީ 44.82 ސިކުންތުންނެވެ. އަދި ރިހި މެޑަލް ހޯދީ 46.56 ސިކުންތުން ދުވުން ނިންމި މޮރިޝަސްއެވެ.
އައިއޯއައިޖީގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން އަންހެން ރިލޭ ޓީމުގައި ހިމެނެނީ އައިޝަތު ހިމްނާ ހަސަނާއި އަހުނާ ނިޒާރާއި މަރިޔަމް ރޫޔާ އަލީ އަދި މަރިޔަމް އަލްހާ ހުސައިނެވެ.
އައިއޯއައިޖީގައި ރާއްޖޭގެ މިކްސް ރިލޭ ޓީމުން ވެސް ވަނީ ލޯ މެޑަލްއެއް ހޯދައިފައެވެ. ރާއްޖެއަށް އެ މެޑަލް ހޯދައިދިން ޓީމުގައި ހިމެނެނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ހުސައިން ރިޒާ (ކުޑަ ރިޒާ) އާއި އާއިޝަތު ހިމްނާ ހަސަން އަދި ޒިވާ މޫސާ ޝަފީއުއެވެ.