ރެއާލާއި ބާސާއަށް މޮޅެއް

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ލަގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-2 ލަނޑުން --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި އިއްޔެ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ބާސެލޯނާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އިއްޔެ ކުޅުނު މެޗުގައި ލަގަނޭސްގެ މައްޗަށް ރެއާލުން ކުރި ހޯދާފައިވަނީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރެއާލްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ވޭލްސް ތަރި ގެރެތު ބޭލް ކުޅެފައެއް ނުވެއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ލަގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-2 ލަނޑުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ 15 ވަނަ މިނެޓުގައި ރެއާލަށް މާކޯ އަސެންސިއޯގެ ބޯޅައަކުން ހަމޭސް ރޮޑްރިގޭސް ލީޑު ހޯދައިދިންއިރު، އޭގެ ތިން މިނެޓްފަހުން ނާޗޯ ދިން ބޯޅައަކުން ރެއާލަށް ލީޑު ފުޅާކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ފެނިގެންދިޔައީ ރެއާލުން ތިން ލަނޑުގެ ލީޑެއް ހޯދިތަނެވެ. މަޓިއޯ ކަވަސިޗްގެ ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން މޮރާޓާއެވެ.

ރެއާލުން ތިން ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، ލަގަނޭސްއިން ވަނީ ދެ ލަނޑު ޖަހައި ރެއާލުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ލަގަނޭސްގެ ފުރަތަމަ ލަނޑު ގެބްރިއަލް ޕިރޭސް ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓްފަހުން ލަގަނޭސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލޫސިއާނޯއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-2 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި ލަގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 4-2 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 48 ވަނަ މިނެޓުގައެވެ. ރޮޑްރިގޭޒް ނަގައިދިން ރީތި ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މޮރާޓާއެވެ. އެ ލަނޑާއެކު މޮރާޓާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ.

އިއްޔެ ބާސާ ކުޅުނު މެޗުގައި އެޓީމުން ވަނީ އަމިއްލަ ދަނޑުގައި ސެވިއްޔާ އަތުން 3-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ.

ސްޕެނިޝް ލަލީގާގައި ސެވިއްޔާ ކޮޅަށް ލަނޑުޖެހުމަށްފަހު ބާސާގެ މެސީ އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި ބާސާއިން ކާމިޔާބުކުރި ތިން ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ބާސާއަށް ލުއިސް ސުއަރޭޒް ލީޑު ހޯދައިދިންއިރު، މެސީގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 28 ވަނަ މިނެޓު އަދި މެޗުގެ 33 ވަނަ މިނެޓުގައެވެ.

އެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ރަތް ކާޑެއް ވެސް ފެނިގެންދިޔައެވެ. ބާސާގެ ބްރެޒިލް ތަރި ނޭމާއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައިވަނީ ސެވިއްޔާގެ ވިޓޯލޯއަށެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، ދެވަނައިގައި އޮތީ ބާސެލޯނާއެވެ. ރެއާލަށް 29 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް 30 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.

comment ކޮމެންޓް