ގިނަ ވީޑިއޯ ލަވަތަކުންނާއި ބައެއް ފިލްމުތަކުން ފެނިގެންދާ ދެމަފިރިން ކަމަށްވާ އަހުމަދު އަމަން އަލީ އާއި މަރިޔަމް ޝަހުޒާ (ޝަހޫ) ލީޑް ރޯލް ކުޅޭ ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" އަންނަ ރޯދަ މަހު ދައްކަން ހަމަޖެހިފައިވާ ކަމަށް ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނެފި އެވެ.
އެ ޑްރާމާ ގެނެސް ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހި ލަވަތަކަށާއި ޑްރާމާތަކަށް ހާއްސަ ކޮށްގެން ޕްރޮޑިއުސަރު ހުސައިން އާދިލް (ސެންޑިލް) އިސްކޮށް ހުރެގެން، އަލަށް ތައާރަފް ކުރާ ޗެނެލަކުންނެވެ. އެ ޗެނަލް ލޯންޗުކުރަން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

"ޝަކުވާއަކާ ނުލާ"ގެ ޝޫޓިންގެ ތެރެއިން. މިހާރު ވަނީ ޝޫޓިންވެސް ނިމިފައި---
ޑްރާމާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު އައްޔަ ބުނީ ޑްރާމާގެ ހުރިހާ މަސައްކަތެއް ނިމި އަންނަ ރޯދަ މަހު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.
"މިހާރު ޑްރާމާ އެޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. އެ މަސައްކަތް މި މަހު ނިންމާލާފައި ދެން ކުރިޔަށް ގެންދާނީ ޑަބިން. ވަރަށް ބާރަށް އެބަ ކުރިޔަށްދޭ ޑްރާމާގެ މަސައްކަތްތައް. އިރާދަކުރެއްވިއްޔާ ރޯދަ މަހު ޑްރާމާ ފެންނާނެ،" އައްޔަ ބުންޏެވެ.
"ސިއްރު" ފަދަ ފިލްމުތަކަށް ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާގެ އަސަރުގަދަ ވާހަކަ އަކަށް އުފައްދާ ފަނަރަ އެޕިސޯޑުގެ "ޝަކުވާއަކާ ނުލާ" އަކީ ކައިވެނިން ބޭރުން ގުޅުންތަކެއް ހިންގާ ޒުވާން ފިރިހެނެއްގެ ވާހަކަތަކެއް ދައްކުވައިދޭނެ ޑްރާމާ އެކެވެ.
"ޝަކުވާއަކާ ނުލާ" ގެ ޓީޒާ އެއް---
ޖުމަލް 13 އެޕިސޯޑްގެ މައްޗަށް ހަދާފައިވާ އެ ޑްރާމާގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ ފުވައްމުލަކުގަ އެވެ.
ޑްރާމާގެ ލީޑުރޯލުން ފެނިގެންދާ އަމަން އާއި ޝަހުޒާ ފިޔަވައި ދެން މުޅިން ވެސް ޑްރާމާއިން ފެންނާނީ ފުވައްމުލަކު ފަންނާނުންނެވެ.