ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހަރަދު ބޮޑުކޮށް ހިންގާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން ބުދަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، އައިޖީއެމްއެޗްގެ އިމާރާތަކީ ކުޑަ ހަރަދަކުން ނިންމާލެވޭނެ ތަނެއް ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެކަން ކުރަނީ ހަރަދު ބޮޑުކޮށް ކަމަށެވެ.
ގާސިމް ވިދާޅުވީ އައިޖީއެމްއެޗްގެ އިމާރާތަކީ 142 މިލިއަން ޑޮލަރުގެ ބަދަލުގައި އެންމެ ބޮޑުވެގެން 40 މިލިއަން ޑޮލަރަށް ނިންމާލެވޭނެ ތަނެއް ކަމަށެވެ.
"ރަނގަޅަށް ނެގޯޝިއޭޓްކޮށްގެން އެކަން ކުރީމަ އަޅުގަނޑު ދަންނަވާނީ 40 މިލިއަން ޑޮލަރުވެސް ނާރާނޭ އެ ބިލްޑިންގ އަށް. 40 މިލިއަން ޑޮލަރުވެސް ނާރާނެ އިނގޭތޯ. އެހެން ނަމަވެސް ކަން އެއޮތީ ވެފައި،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކަފުޅުގައި ހަތަރު ސަތޭކަ ނުވަތަ ފަސް ސަތޭކަ މިލިއަނަށް އެޅެން އޮތް އެއާޕޯޓު، ބިލިއަނެއް ނާރާ ނިމެން ނެތްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.
ގާސިމް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އައިޖީއެމްއެޗްގައި ހަދާ އިމާރާތުގެ އަގުގައި އަދި އިމާރާތް ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އިން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ރައްދުދެއްވާފައެވެ.
ރައީސް ވިދާޅުވީ، އެ އިމާރާތާ ގުޅޭ ގޮތުން ކޮރަޕްޝަނުގެ ތުހުތަމު ކުރި ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލުމަށްފަހު އެ އިމާރާތުގެ މަސައްކަތުގައި ކޮރަޕްޝަން ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.