އައިޖީއެމްއެޗް އާ އިމާރާތުގެ އަގު ދިފާއުކުރައްވައި ރައީސް ވާހަކަ ދައްކަވައިފި

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އައިޖީއެމްއެޗްގައި އަލަށް ހަދާ އިމާރާތުގެ އަގުގައި އަދި އިމާރާތް ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން ރައްދުދެއްވައިފި އެވެ.

ޕީޕީއެމް އިން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައިޖީއެމްއެޗްގެ އާ އިމާރާތް 40 މިލިއަނަށް ރުފިޔާ އިން ހެދޭނެ ކަމަށް ބުނެ ޖަގަހަތަކުގައި ވާހަކަ ދައްކާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ ކިހިނެއްވާނެ ކަމެއްކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"މިސާލަކަށް އެބައިވޭ ޖަގަހަތަކުގައި ވާހަކަ ދައްކާއަޑު އައިޖީއެމްއެޗްގައި އަލަށް އަޅާ އެތައް ބުރީގެ އިމާރާތް ސާޅީހަކަށް މިލިއަން ރުފިޔާ އިން ނިންމޭނެ ވާހަކަ. ކިހިނެއްތޯ 40 މިލިއަނަށް އެކަން ވާނީ. ސާޅީސް މިލިއަނަށް އެކަން ވަންޏާ 40 މިލިއަން ދީފައި އަދި ހަދިޔާއެއްގެ ގޮތުގައި އިތުރު 200 މިލިއަން ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ހުރި އައިޖީއެމްއެޗުގެ އިމާރާތަކީ ވެސް އަވަށްޓެރި ގައުމަކުން ހަދިޔާކޮށްފައި ހުރިތަނެއް ކަމަށާއި އައިޖީއެމްއެޗްގެ ހިދުމަތްތައް މަތި ކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާ ދެވެން ޖެހޭނެ ކަމަށާއި ފާޓިލިޓީ ސެންޓަރުތައް މިހާރު އެތާ ހުރި އިރު ކެންސަރަށް ފަރުވާދެވޭނެ ތަނަކަށް ވެސް އެ ހޮސްޕިޓަލް ހަދަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އައިޖީއެމްއެޗްގެ އާ އިމާރާތާ ގުޅޭ ގޮތުން ވެސް އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގެ އާ އިމާރާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލުމަށް ފަހު އެ އިމާރާތުގެ މަސައްކަތުގައި ކޮރަޕްޝަން ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއަކު ނެތް ކަރަޕްޝަނުގެ މައްސަލައެއް، އެކަމަކު މިއަދު ކުރާ ކަމަކީ ކަރަޕްޝަނޭ ކިޔައިގެން ވާހަކަ ދައްކާއިރު 500 ރުފިޔާ ސަލާމަތް ކުރާކަށް އަޅުގަނޑު ދެ މަސް ދުވަހަކު ނުހުންނާނެ ތަނެއްގެ ވަށާ ފާރު ނުރާނައެއް، އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުން އަވަސް ކަމާއެކީގައި، އެ މަސައްކަތް ކުރާނީ އަވަސްކަމާ އެކު، އެ މަސައްކަތް ކުރިއަށް ދާއިރު ކޮރަޕްޝަންގެ އަމަލެއް އުޅޭ ނަމަ އެކަން ބަލަން ތިބޭ ބަޔަކު ބަލާނެ،" ރައީސް ވިދާޅުވި އެވެ.

ފަންސަވީސް ބުރީގެ އައިޖީއެމްއެޗްގެ އާ އިމާރާތް ބިނާކުރަނީ، ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގަ އެވެ. އެ މަޝްރޫއަކީ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އިމާރާތުގެ ހަ ބުރިއެއް ހާއްސަ ކުރަން ނިންމާފައި ވަނީ ނޭޝަނަލް ޑައިގްނޯސްޓިކް ހިދުމަތަށެވެ.

comment ކޮމެންޓް