ޝުޖާއު އަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި އެޑިއުކޭޝަންގެ އިސްވެރިޔަކު ހައްޔަރުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ---

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ހައްޔަރުކޮށްފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ ރޭގެވަގުތެއްގައެވެ. ހަނީފް ހައްޔަރުކުރުމުގެކުރިން ފުލުހުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު ހިފަހައްޓާފައެވެ.

ހަނީފަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އަރިސް ބޭފުޅެކެވެ. ދާދިފަހުން ސައުދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމާ ގުޅިވަޑައިގެންފައެވެ.

ފަނޑިޔާރު ޝުޖާއު އާއި ހަނީފަކީ ވެސް ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލު ފުލުހުން ހާމައެއްނުކުރެއެވެ.

ޝުޖާއު އަކީ އައްޑޫ ސިޓީގެ މީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރެކެވެ. ޝުޖާއު އަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ހައި ސެކިއުރިޓީގައި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ވަނީ މާލެ ގެނެސްފައެވެ.

ޝުޖާއު އަށް ހަމަލާދިނުމާ ގުޅޭގޮތުން އައްޑޫ ބަހުރުވައިން ދެ މީހަކު ވާހަކައްދާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ.

comment ކޮމެންޓް