ޓީވީއެމް އާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފައިލް ފޮޓޯ

ޓީވީއެމް އާއި ޗެނަލް 13 އާ ދެކޮޅަށް އަބަރުގެ މައްސަލައެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

އުމަރު މިއަދު ވިދާޅުވީ ރޭ ބޭއްވި ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ އޭނާގެ އަބުރަށް އަރައިގެންފައި ކަމަށާއި އެމަންޒަރު އަޑާއެކު ޓީވީއެމް އާއި ޗެނަލް 13 އިން ރޭ ލައިވްކޮށް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށެވެ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން މީހެއްގެ އަބުރާ ބެހެވޭ ވާހަކައެއް ދައްކާ ނަމަ، ކޮންމެ ޓީވީ ޗެނަލަކުން ވެސް އެ އިވެންޓެއް ގެނެސްދިނުން މެދުކަނޑާލަން ޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަބުރާ ބެހުނު ވަގުތު ޓީވީއެމް އާއި ޗެނަލް13 އިން ވަނީ މެދުކަނޑާލުމެއް ނެތި އެ އިވެންޓު ވަގުތުން ގެނެސްދީފައި،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، މެމްބަރު ފަލާހު އޭނާގެ އަބުރަށް އަރައިގެންފައި ވަނީ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެފަދަ ކަމެއް ސާބިތުވެފައި ނެތް، ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މިނިވަން50 ގެ އެއްވެސް މަސައްކަތެއް އޭނާގެ ހިއްސާއެއް އޮތް އެއްވެސް ކުންފުންޏަކަށް ނުވަތަ އޭނާގެ އަނބިކަނބަލުންގެ ނުވަތަ ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކަށް ވެސް ހަވާލު ކޮށްފައި ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ކަމުގައި ހުންނެވި އިރު ހޯމް މިނިސްޓްރީގެ އެއްވެސް ޕްރޮޖެކްޓަކަށް އެފަދަ ކުންފުންޏަކުން ބިޑުކޮށްފައިނުވާ ކަމަށާއި އަދި އެއްވެސް ޕްރޮޖެކްޓެއް އެފަދަ ކުންފުންޏަކަށް ހަވާލުކޮށްފައިނުވާނެ ކަމަށެވެ.

comment ކޮމެންޓް