ވަގަށް ގޮވި ކަމަށް ބުނެ މެމްބަރު ފަލާހު ގޮވައިގެން އުމަރު ފުލުހަށް

ފަލާހް އާއި އުމަރު --

މިނިވަން50ގެ އެކި ހަރަކާތްތައް ހިންގުމަށް ކުދިކުދި ކުންފުނިތައް އުފައްދަވާފައިވާ ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ކުރެއްވި ތުހުމަތު ތަކާ ގުޅިގެން އަނބުރުގެ މައްސަލައެއް އުމަރު ފުލުހަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ފަރާތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ފަލާހު ވަނީ ގާސިމް އިބްރާހީމަށާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، އިދިކޮޅުގައި ފަރާތްތަކުން މިހާރު މަސައްކަތް ކުރައްވަނީ އަމިއްލައަށް ޖެހިފައި ތިއްބެވި މަޅިތަކުން ސަލާމަތްވުމަށް ކަމަށާއި އުމަރު ނަސީރު ވެސް ސަރުކާރުގައި ހުންނެވިއިރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

"ދެން ބައްލަވާ އުމަރު ނަސީރު. އެއްޗެއް ވިދާޅެއް ނުވާނެ. ތިބޭފުޅުން ބައްލަވާ މިނިވަން 50ގައި ކުދިކުދި ކުންފުނި ހަދާފަ އެހެރީ 10 ދުވަހަށް 15 ދުވަހަށް. އެކަމަކު ކޮރަޕްޝަންގެ ވާހަކަ އެހެން މީހުންނާ ދިމާލަށް މި ދައްކަނީ. އުމަރު އަޅެ ކޯޓަށް ދޭބަލަ އަޅުނގަޑު ގޮވައިގެން، އަޅުނގަޑު ސާބިތު ކޮށްދޭނަން. ނުދާނެ ކޯޓަކަށެއް. ނުދާނެ،" ފަލާހު ވިދާޅުވިއެވެ.

"ވައްކަން ކޮށްކޮށްފަ ވަގަށް މި ގޮވަނީ އެހެން މީހުންނާ ދިމާލަށް. މިއީ ވަރަށް ދެރަ ކަމެއް. ވަރަށް ނިކަމެތި ކަމެއް،" ފަލާހު އިތުރަށް ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް އުމަރު ނަސީރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ރޭ އިރާކޮޅުގެ ވަގުތެއްގައި ޓީވީ މޯލްޑިވްސް އާއި ޗެނަލް 13 އިން މުޅި ރާއްޖެއަށް ވަގުތުން ފޮނުވަމުން ގެންދިޔަ އާއްމު ބައްދަލުވުމެއްގައި އޭނާއާ ދިމާލަށް ވަރަށް ސަރީހަ ބަހުން 'ވަގަށް' ގޮވާ އަބުރަށް އަރައިގެންފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ، މެމްބަރު ފަލާހު އޭނާގެ އަބުރަށް އަރައިގެންފައި ވަނީ ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އެފަދަ ކަމެއް ސާބިތުވެފައި ނެތް، ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މިނިވަން50 ގެ އެއްވެސް މަސައްކަތެއް އޭނާގެ ހިއްސާ އެއް އޮތް އެއްވެސް ކުންފުންޏަކަށް ނުވަތަ އޭނާގެ އަންހެނުންގެ ނުވަތަ ދަރިއެއްގެ ހިއްސާ އެއް އޮތް ކުންފުންޏަކަށް ވެސް ހަވާލު ކޮށްފައި ނުވާނެ ކަމަށް އަުމަރު ވިދާޅުވެފައިވެއެވެ.

"އަޅުނގަޑު މިނިސްޓަރު ކަމުގެ މަގާމްގައި ހުރި ދުވަސްތަކުގައި އެފަދަ ކުންފުންޏަކަށް އެ މިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށް ފައިނުވާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެއްވެސް ސިފައެއްގައި އެއްވެސް މަސައްކަތެއް ހަވާލުކޮށްފަނުވާނެ ވާހަކަ ދެންނެވީމެވެ،" ސީޕީ އަރީފަށް އުމަރު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ފަލާހު މިފަދަ ތުހުމަތެއް އުމަރަށް ކުރެއްވިއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިހާރު ވަނީ މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން އޭރު ހޯމް މިނިސްޓްރީ އިން ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވޭތޯ ބެލުމަށް ތަހުގީގެއް ފަށާފަ އެވެ.

comment ކޮމެންޓް