ބަންގާޅުުގައި ކޮންމެ ދުވަހަކު ހަ ގަޑިއިރަށް ފޭސްބުކް ބޭން ކުރަނީ

ބަންގްލަދޭޝްގައި ކޮންމެ ދުވަހަކު ހަ ގަޑިއިރަށް ފޭސްބުކް ބޭން ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.

އެ ގައުމުގެ ނޫހެއް ކަމަށްވާ "ބަންގްލަދޭޝީ ޑެއިލީ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފޭސްބުކް ބޭން ކުރަން ނިންމާފައި ވަނީ ދަންވަރު ގަޑީގައެވެ. އަދި އެގޮތަށް ސަރުކާރުން ނިންމާފައި ވަނީ އެ ގައުމުގެ ދަރިވަރުންނާއި ޒުވާނުންނަށް ރަނގަޅަކަށް ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ ނޫހުން އެހެން ބުނެފައިވާއިރު، އެގައުމުގެ އެހެން ނޫހެއް ކަމަށްވާ "ޑެއިލީ ސްޓާ"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފޭސްބުކްގެ ސަބަބުން އެގައުމުގެ ދަރިވަރުންނާއި ޒުވާނުންނަށް ވަރަށް ބޮޑު ނޭދެވޭ އަސަރު ކުރެއެވެ. އެއީ ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ފަރުވާ ކުޑަވުން ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މިފަދަ ޚަބަރު ތަކެއް ފެތުރުނު ނަމަވެސް އެގައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން އޮތީ އެކަމާ ދެކޮޅަށެވެ. ޑެއިލީ ސްޓާއިން އެ ކޮމިޝަނުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެފަދަ ގޮތަކަށް ފޭސްބުކް ބޭން ކޮށްފި ނަމަ ފޭސްބުކް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކާއި، އަދި ފޭސްބުކަށް ލިންކުވާ އެޕްލިކޭޝަންތައް، ވައިބާ އަދި ވަޓްސްއެޕް ބޭނުން ކުރާ ފަރާތްތަކަށް ވެސް ދަތިތަކަކާ ކުރިމަތިވާނެ އެވެ.

އެ ކޮމިޝަނުން ވަނީ، ދަރިވަރުން ފޭސްބުކް ބޭނުން ކުރާއިރު އެކަންތައްތައް ގާތުން ބަލައި ކޮންޓްރޯލް ކުރުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް ސަރުކާރުން އެ ކަން ކުރުމަށް އަންގައިފި ނަމަ އެކަން ކުރުމަށް އެ ކޮމިޝަންވެސް އޮތީ ތައްޔާރަށެވެ.

މިއީ އެ ގައުމުގެ ސަރުކާރުން މިފަދަ ކަމެއް ކުރުމަށް ނިންމި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް މިފަދަ ކަމެއް ކުރަން ނިންމީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު ބޭން ކުރީ ޑިޖިޓަލް ސާވިސްތަކެވެ. އެގޮތުން އެފަހަރު އެ ގައުމުގެ ސަރުކާރުން ވަނީ 260 ދުވަސް ވަންދެން ޔޫޓިއުބް ބޭން ކޮށްފައެވެ.

comment ކޮމެންޓް