ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން އެގައުމުގެ 54 ވަނަ ގައުމީ ދުވަސް އިއްޔެ ފާހަގަކޮށްފިއެވެ.
ހުޅުމާލެގައި ހުންނަ ހައި ކޮމިޝަނުގައި އެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގައުމީ ދިދަ ނެންގެވީ ހައިކޮމިޝަނަރު ރިއާ އެޑްމިރަލް އެސްއެމް އަބުލް ކަލާމް އަޒާދެވެ.
ބަންގްލަދޭޝް ހައި ކޮމިޝަންގެ މުވައްޒަފުންނާއި މާލޭގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ބައިވެރިވި އެ ރަސްމިއްޔާތުގައި ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރާއި ފޮރިން މިނިސްޓަރުގެ މެސެޖުތައް އިއްވiއެވެ.

ބަންގްލަދެޝްގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
އެ ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ދެއްކެވި ވާހަކައިގައި، ބަންގްލަދޭޝްގެ ބައްޕަގެ ގޮތުގައި ސިފަކުރާ ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާނާއި ގައުމުގެ މިނިވަންކަމަށްޓަކައި ފުރާނައިން ގުރުބާންވި ހަނގުރާމަވެރިންގެ ހަނދާން އާ ކުރެއްވިއެވެ.
ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު އޮތް އެކުވެރި ގުޅުން ފާހަގަކުރައްވައި އޭނާ، މިދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވިއެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އިތުރުކޮށް، ތައުލީމާއި ސިއްހަތާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ވެސް ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމު ކަމަށް ހައި ކޮމިޝަނަރު އަލިއަޅުއްވައިލެއްވިއެވެ.

ބަންގްލަދެޝްގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
މީގެ އިތުރުން، ރާއްޖޭގެ ސަރުކާރުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ގޮވައިލެއްވީ، 2041 ވަނަ އަހަރުގެ ނިޔަލަށް ބަންގްލަދެޝްއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކޮންމެ ރައްޔިތަކު ވެސް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށެވެ.