އިދިކޮޅު ދެ މެންބަރަކު ވަރަށް އަވަހަށް ޕީޕީއެމްއާ ގުޅޭނެ: ފަލާހު

އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު --- ސަން ފައިލް ފޮޓޯ

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ތެދުވެތިބި އިދިކޮޅު ދެ ޕާޓީއެއްގެ ދެ މަޖިލިސް މެންބަރަކު ވަރަށް އަވަހަށް ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނޭ ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ، ޕީޕީއެމްއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމުތައް ހަވާލުކުރުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ޕީޕީއެމްއާ ގުޅޭނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރެއް ކަމަށެވެ.

ޕީޕީއެމްއިން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، އިދިކޮޅަށް ސަރުކާރު ކޯލިޝަންގެ މެންބަރުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމަށް އެ ފަރާތްތަކުން ބުނަމުން ދިޔައަސް އެކަން ނުވާނެ ކަމަށެވެ.

ނަމަވެސް ވަރަށް އަވަހަށް އިދިކޮޅު ދެ މެންބަރަކު ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށާއި އެކަން ފާހަގަކޮށް ބާއްވާ ޖަލްސާ ވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"އެބަ ބުނޭ ޕީޕީއެމް ޕީޖީގެ ބައެއް މެންބަރުން އެމްޑީޕީއަށް ދާން އުޅޭ ވާހަކަ، ނުދާނެ، އެ ދިޔައީ ޕީޕީއެމްގެ މެންބަރުންނެއް ނޫން، ޕީޕީއެމްގައި ތިއްބެވި މެންބަރުންނެއް އިދިކޮޅު ފަރާތްތަކަށް ނުގެންދެވޭނެ، އެކަމަކު ވަރަށް އަވަހަށް ޖޭޕީ އާއި އެމްޑީޕީއިން ދެ މަޖިލިސް މެންބަރުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ، ވަރަށް އަވަހަށް އެ ޖަލްސާ އޮންނާނެ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު މިރޭ މިހެން ވިދާޅުވިއިރު ރޭ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ވަނީ ޕީޕީއެމްއަށް ވަރަށް އަވަހަަށް އިދިކޮޅު މަޖިލިސް މެންބަރުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް