ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ އިއްޔެ މަގާމުން ވަކިކުރުމާ ގުޅިގެން އެ ހޮސްޕިޓަލްގެ މުވައްޒަފުން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.
ޝާފިޒު ވަކިކުރުމާ ގުޅިގެން މިއަދު ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައި އިރު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ބިދޭސީ ޑޮކްޓަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަތޮޅު ހޮސްޕިޓަލްގެ ފޭސްބުކު ޕޭޖުގައިވާގޮތުން އެ ހަމަހިމޭން ކަމުގެ ސުކޫތު ގެނައީ ފާއިތުވި ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލްގެ މެނޭޖަރުގެ މަގާމުގައި ހުންނަވައި ޝާފިޒު ހޮސްޕިޓަލަށް ކޮށްދެއްވާފައިވާ އަގު ނުކުރެވޭފަދަ ގިނަ ގުނަ މަސައްކަތްތައް ބަލައިގަނެ، އޭނާ މަގާމުން ވަކިކުރުމުގެ ހިތާމަފާޅުކުރުމުގެ ގޮތުންނެވެ.
ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ ޝާފިޒު ފަދަ އަގު ނުކުރެވޭވަރުގެ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކު ވަކިވެގެންދިޔުމަކީ ސިއްހީ ދާއިރާއަށް ލިބުނު ނިކަމެތި ކަމެއް ކަމަށެވެ.
ޝަފިޒަކީ ތައުލީމީ ގާބިލް ބޭފުޅެއް ކަމަށާއި މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގައި އޭނާ އަކީ ލާމަސީލު ލީޑަރެއް ކަމަށް ވެސް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
"އެބޭފުޅާ އަކީ ނަޒާހަތްތެރިކަމުގެ ލާމަސީލު ދަރިއެއް. ގއ. އަތޮޅުގެ ހެލްތު ސެކްޓާގެ އެންމެހައި މުވައްޒަފުންގެ ދުއާ އަކީ މެނޭޖަރު ޝާފިޒު މޫސާ އަށް ވަރަށް ފާގަތި މުސްތަގުބަލެއް އެކަލާނގެ މިންވަރު ކުރެއްވުން،" ގއ. އަތޮޅު ހޮސްޕިޓަލްގެ ފޭސްބުކު ޕޭޖުގައި ލިޔެފައިވެ އެވެ.
ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމުން ޝާފިޒު ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމާ ގުޅިވަޑައިގެންފައި ވަނިކޮށެވެ. ޝާފިޒަކީ ސައުދުގެ ވަރަށް އަރިސްބޭފުޅެކެވެ. އޭނާ މަގާމުން ވަކިކުރުމުން އަތޮޅު ހޮސްޕިޓަލްގެ ފޭސްކުބު ޕޭޖުގެ ޕްރޮފައިލް ފޮޓޯ ވެސް ވަނީ ކަޅުކުލައަށް ބަދަލުކޮށްފައެވެ.