ކުޅަދާނަ ޑައިރެކްޓަރު އަދި އެކްޓަރު އަހްމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ސީރީޒް، "ލޯބީގެ ހިޔަނި"ގެ ފުރަތަމަ ޓީޒާ ބެލުންތެރިނަށް ދޫކޮށްލައިފި އެވެ.
މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާގެ ވާހަކައަކަށް ހަދާފައިވާ އެ ޑްރާމާގެ މަންޒަރުތައް ނަގާފައި ވަނީ އަވަށްޓެރި ސްރީލަންކާގައެވެ.
އެއްމަހާ ތިން ދުވަސް ތެރޭގައި އެއްކޮށް ޑްރާމާ ޝޫޓްކޮށް ނިންމާލާފައިވާއިރު ދެން އޮޮތީ ޑްރާމާގެ އެޑިޓިންގެ މަސައްކަތްތްކެވެ.

"ލޯބީގެ ހިޔަނި" އިން ފެނިގެންދާނެ މަލް އަދި ސުޖީތާ---
ޑްރާމާގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ކެމެރާމަން އަލީ ރަޝީދު (ގޮޅާ) ބުނީ، ޑްރާމާގެ މަންޒަރުތައް ނެގުމުގައި ލަންކާގެ ބައެއް ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.
"ވާލޯބި އެނގޭ ނަމަ"، "ޒަލްޒަލާ" ފަދަ ފިލްމުތައް ދިވެހިންނަށް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު ނިމާލްގެ އެ ޑްރާމާ އަކީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑްރާމާއެކެވެ.
ޑްރާމާ ސިލްސިލާ "ލޯބީގެ ހިޔަނި" ގެ ޓީޒާ---
ބޮޑު ކާސްޓަކާއެކު ޑްރާމާ ޝޫޓްކޮށް ނިމިފައިވާއިރު ޑްރާމާގެ ލީޑު ރޯލުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި ފިލްމީ ދާއިރާގައި ބާރަށް ފިޔަޖަހަމުންދާ ތަރި، މަލީހާ ވަހީދު (މަލް)ގެ އިތުރުން އިސްމާއިލް ޖުމައިހް (ޖުމާ) އަދި ސުޖީތާ އަބްދުﷲ އެވެ. އޭގެ އިތުރުން ފާތުމަތު ޝީރީން، އާރިފާ އިބްރާހިމް އަދި ހާމިދު ވަޖީން ފަދަ ތަރިން ވެސް ޑްރާމާގައި ފެނިގެންދާނެ އެވެ.
ޑްރާމާގެ ފުރަތަމަ ޓީޒާ ދައްކާލިއިރުު އެ ޑްރާމާ ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއް އަދި ނޭނގެއެވެ. ނަމަވެސް އެ ޑްރާމާ ގެނެސްދޭނީ އަލަށް ލޯންޗުކުރާ ޓީވީ ޗެނަލަކުންނެވެ.