އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރުގެ މަގާމަށް ޑރ. އަބްދުﷲ ރަޝީދު ހަމަޖައްސައިފި

އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. އަބްދުﷲ ރަޝީދު އަހުމަދަށް އެ މަގާމުގެ ލިޔުން ހަވާލު ކުރަނީ --- ފޮޓޯ/ އެވިޑް ކޮލެޖް

އެވިޑް ކޮލެޖުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވައިސް ރެކްޓަރުގެ މަގާމް ތައާރަފްކޮށް، އެ މަގާމަށް ޑރ. އަބްދުﷲ ރަޝީދު އަހުމަދު ހަމަޖައްސައިފި އެވެ.

އެވިޑް ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވައިސް ރެކްޓަރު ކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކުރައްވާފައިވާ ޑރ. އަބްދުﷲ ރަޝީދަކީ ތައުލީމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ރާއްޖޭގެ ބޮޑެތި ސްކޫލްތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޕްރިންސިޕަލް އެވޯޑް އެންމެ ފުރަތަމަ ހާސިލް ކުރެއްވި ޕްރިންސިޕަލަކީ ވެސް ޑރ. އަބްދުﷲ ރަޝީދެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގް ވިދާޅުވީ، އެވިޑް ކޮލެޖުން އަބަދުވެސް ދެކެން ބޭނުން ވަނީ ކޮލެޖުގެ ދަރިވަރުންނަށް އިލްމީ ހިދުމަތް ފޯރުކޮށްދިނުމަށް ގާބިލު ބޭފުޅުން ކޮލެޖަށް ހިދުމަތް ކުރެއްވުން ކަމަށެވެ.

އެގޮތުން ކޮލެޖުގައި ވައިސް ރެކްޓަރެއްގެ މަގާމް ތައާރަފްކޮށް އެ މަގާމަށް ޑރ. އަބްދުﷲ ރަޝީދު އައްޔަން ކުރެއްވީ ކޮލެޖުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކޮލެޖުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރެއްވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކޮލެޖުގެ މެނޭޖްމަންޓާއި މުއައްޒަފުން ގުޅިގެން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރަނގަޅު ބަދަލުތަކެއް އެވިޑް ކޮލެޖުގެ ދަރިވަރުންނަށް ފެނިގެންދާނެ ކަމަށެވެ. ކޮލެޖުގައި ރިސާޗް ސެންޓަރެއް ގާއިމްކޮށް، ރިސާޗްތަކުގައި އެހީތެރިވާނެ ރިސާޗް ޕެނަލެއް ގާއިމް ކުރައްވާނޭ ކަމަށް ވިދާޅުވި އެވެ.

އެވިޑް ކޮލެޖުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ 2004 ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގަ އެވެ. އަދި 2005 ވަނަ އަހަރު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ފަހު އެވިޑް ޓްރޭނިންގް ސެންޓަރުގެ ނަމުގައި ރެޖިސްޓްރީކޮށް އެމްކިޔޫއޭ އިން ގަބޫލުކުރާ ފެންވަރުގެ ތަފާސް ކޯސްތަކެއް މާލެއާއި އަތޮޅުތަކުގައި ހިންގަން ފެށި އެވެ.

ޓްރޭނިން ސެންޓަރަކުން ކޮލެޖުގެ ނަމަށް އެވިޑް ކޮލެޖުގެ މަސައްކަތްތައް ފުޅާކުރީ 26 އޮގަސްޓް، 2013 ވަނަ އަހަރު އެވެ. އެގޮތުން މިހާރު އެ ކޮލެޖުގެ ދެ ކެމްޕަހެއް މާލޭގައި ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް