ޔުނިވާސިޓީ ގްރޭންޓްސް ކޮމިޝަނުގެ 11 ވަނަ ބައްދަލުވުން ފަށައިފި

ޔުނިވާސިޓީ ގްރަންޓްސް ކޮމިޝަންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ސާކް މެންބަރު ގައުމުތަކުގެ ޔުނިވާސިޓީ ގްރަންޓްސް ކޮމިޝަން އަދި އެއާ އެއްފަދަ އިދާރާތަކުގެ އިސްވެރިންގެ 11 ވަނަ ބައްދަލުވުން ފަށައިފި އެވެ.

އެ ބައްދަލުވުން މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގައި ފަށާފައިވާއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މަތީ ތައުލީމުގެ ފެންވަރު މަތި ކުރުމަށް ރާއްޖެ އާއި ސާކް ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި އެވެ.

އެގޮތުން ސާކް ކޮލިޓި އެޝުއަރެންސް ނެޓްވޯކުގެ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން ސާކްޗެއާސް، ފެލޯޝިޕް އަދި ސްކޮލާޝިޕްގެ ދައުރަށް ވެސް ބައްލަވާލެއްވި އެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ސާކް ސަރަހައްދުގެ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއަށް އަންނަމުންދާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ސާކް ސަރަހައްދުގައި އޯޕަން އެންޑް ޑިސްޓެންޓް އެޑިއުކޭޝަން ޕޮލިސީއެއް ގާއިމް ކުރުމުގެ މުހިއްމު ކަމާ މެދު އަލިއަޅުއްވާލާފައިވާއިރު، އެ ދާއިރާއިން ރާއްޖެއިން ވެސް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގެ މަގުސަދަކީ، ސާކް ސަރަހައްދުގައި ދޭ މަތީ ތައުލީމުގެ ފެންވަރު ކުރިއަރުވައި މަތީ ތައުލީމާއި ބެހޭ ސިޔާސަތުތައް އެކަށައަޅައި ސަރަހައްދީ ޔުނިވާސިޓީތަކުގެ ސެޓްފިކެޓުތައް ރިކޮގްނައިޒް ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ސާކްގެ ހުރިހާ ގައުމަކުން ވެސް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

comment ކޮމެންޓް