ޕެރެގުއާއީގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

ޕެރެގުއާއީގައި މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްފަ -- ފޮޓޯ: އޭއެފްޕީ

އަސުންސިއޮން (އޭޕްރިލް 1): ޕެރެގުއާއީގެ ރައީސަށް އަނެއްކާވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހެދުމަށް ހުށަހެޅި ބިލަކާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި އެވެ.

ޕެރެގުއާއީގައި އޮތް 35 އަހަރުގެ ހުދުމުހުތާރު ވެރިކަމަށް ފަހު 1995ގައި އެކުލަވާލި ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ރައީސަކަށް ވެރިކަން ކުރެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ.

ނަމަވެސް ރައީސް ހޮރަކްޓިއޯ ކާޓެސް މަސައްކަތް ކުރައްވަނީ އަންނަ އަހަރުވެސް އޭނާއަށް ވެރިކަމަށް ވާދަ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާށެވެ. ޕެރެގުއާއީގެ ސެނެޓުން އެބިލަށް ރުހުން ދީފައިވާ އިރު ބިލު ގާނޫނަކަށް ހެދުމަށްޓަކައި މަޖިލީހުގެ ތިރީގޭގެ ރުހުން ހޯދައި، ގައުމުގައި ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ޖެހޭނެ އެވެ.

އޭއެފްޕީގައިވާ ގޮތުން މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ކުޑަދޮރުތަކާއި ފެންސުތައް ހަލާކުކޮށް، މަޖިލިސް ތެރޭގައި ރޯކޮށްފައެވެ. އަދި އެބިލަށް ތާއިދު ކުރާ މަޖިލިސް މެމްބަރުންގެ އޮފީސްތަކަށް ގެއްލުންދީ ލޫޓުވައިފައެވެ.

އެމުޒާހަރާތައް ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ރަބަރު އުންޑައާއި ވޯޓާ ކެނަން ބޭނުންކޮށްފައެވެ. ޕެރެގުއާއީގެ މީޑިއާތަކުން ބުނާ ގޮތުގައި މުޒާހަރާ ތެރޭގައި ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިންނަށާއި، ފުލުހުންނަށް އަނިޔާވެފައިވެ އެވެ.

އަދި މަޖިލީހުގައި ރޯކުރި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް ދެގަޑި އިރު ފަހުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެމުޒާހަރާތަކާ ގުޅިގެން ރައީސް ކާޓެސް ވަނީ ހަމަނުޖެހުން ނުއުފެއްދުމަށް ގޮވާލައްވާފައެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް