ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭއަށް އެތެރެވާން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ގޭބަންދަށް ބަދަލުކުރުމަށް ކޯޓުން ނިންމައިފި އެވެ.
ޕެރަގުއޭގެ ފަނޑިޔާރެއް ވަނީ ރޮނާލްޑީނިއޯ، އޭނާގެ ބަންދުގެ މުއްދަތު ޕެރަގުއޭގެ އަސުންސިއޯންގެ ހޮޓެލްއެއްގައި ހޭދަކުރުުމަށް އަމުރުކޮށްފަ އެވެ.
ފޭކް ޕާސްޕޯޓް މައްސަލާގައި ރޮނާލްޑީނިއޯއާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ޕެރަގުއޭއިން ހައްޔަރުކުރީ މިދިޔަ މަހުގެ ހަތް ވަން ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފަ އެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާއަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީ އެވެ.
އެ ދެމީހުން ވެސް ޖަލުގައި ތިބީ ކޯޓުން ވަކި ގޮތެއް ނިންމަން ދެނެވެ. އެ ދެމީހުންގެ ވަކީލުން ވަނީ އެމީހުން ކަފާލާތުން ދޫކޮށްލުމަށް 1.6 މިލިއަން ޑޮލަރު ޕޯސްޓުކޮށްފަ އެވެ.
ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ދޫކޮށްލުމަށް އެދި ހުށަހެޅުމުން މިދިޔަ މަހުގައި ޕެރަގުއޭގެ އެޕީލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
ދެބެން ޖަލުގައި ތިބިއިރު ތަފާތު ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. ވާހަކަ ދެކެވޭ ގޮތުގައި ދެބެންނަށް ޖަލުން ވަނީ ހާއްސަ ހިދުމަތްތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ދެމީހުންނަށް ވެސް ޖަލުގައި ހާއްސަ ކުރެވިފައިވާ ކޮޓަރި ވަނީ ދީފަ އެވެ. ދެމީހުންގެ ކޮޓަރިވެސް ހުންނަނީ ޓީވީ ހަރުކޮށް އޭސީ ލާފައި ކަމަށް މައުލޫމާތު ލިބެ އެވެ.