ޕެރަގުއޭގެ މުޒާހަރާތަކާ ހެދި ހުރިހާ މިނިސްޓަރުން އިސްތިއުފާ ދޭން ރައީސް އަންގަވައިފި

ޕެރަގުއޭގެ ސަރުކާރާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި އުޅަނދުތަކުގައި ރޯކޮށް، ފުލުހުންނާ ދިމާލަށް ގާ އުކާފައިވޭ -- ފޮޓޯ: ރޮއިޓާސް

އަސުންސިއޮން (މާޗް 7): ޕެރަގުއޭގެ ސަރުކާރުން ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން އަމަލު ކުރި ގޮތާ ބެހޭ ގޮތުން ނުރުހުން ފާޅު ކުރުމުގެ ގޮތުން އެގައުމުގައި ބާއްވަމުންދާ މުޒާހަރާތަކާ ހެދި އެގައުމުގެ ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ރައީސް މާރިއޯ އަބްޑޯ ބެނީޓޭޒް އަންގަވައިފި އެވެ.

ޕެރަގުއޭގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ވަން މަނުއެލް ބްރުނެޓީ ވިދާޅުވި ގޮތުގައި ރައީސް ބެނީޓޭޒް ވަނީ ކެބިނެޓުގެ ހުރިހާ މެމްބަރުންވެސް މަގާމު ދޫކޮށްލެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ރައީސް ވަނީ ރައްޔިތުންގެ އަޑު އައްސަވާފަ އަދި ކެބިނެޓު ހާޒިރު ކުރައްވާ، އެމީހުންގެ މަގާމުތައް ހުސް ކުރުމަށް އެދިވަޑައިގެންފަ،" ބްރުނެޓީ ވިދާޅުވި އެވެ.

ޕެރަގުއޭގައި 165،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 3،294 މީހަކު ވަނީ މަރުވެފަ އެވެ. އަދި ފާއިތުވި ހަފްތާތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ގައުމުގެ ސިއްހީ ނިޒާމު ބޮއްސުންލާން ވަނީ ކައިރިވެފަ އެވެ.

މީގެ އިތުރުން ޕެރަގުއޭގައި ކޮވިޑް ވެކްސިން ދެވިފައި ވަނީ މިހާތަނަށް އާބާދީގެ 0.1 ޕަސެންޓަށް ވުރެ މަދު މީހުންނަށެވެ. އަދި އެގައުމުގެ ހެލްތު ވޯކަރުން ވަނީ ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ހުސްވެފައިވާ ކަމަށް ބުނެފަ އެވެ.

ޕެރަގުއޭގެ އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެގައުމުގެ ސަރުކާރުގައި ކޮރަޕްޝަން ފެތުރި، ސަރުކާރުގެ މެމްބަރުން ވަނީ އެތައް މިލިއަން ޑޮލަރު ވަގަށް ނަގާފަ އެވެ. އަދި އެ މީހުން ދަނީ ރައީސް ވެސް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

ޕެރަގުއޭގައި ހުކުރު ދުވަހު ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ. އަދި މުޒާހަރާގެ ބައިވެރިން ގާ އުކާ، ކާރުތަކުގައި ރޯ ކުރުމުން ފުލުހުން ކަރުނަ ގޭހާއި ރަބަރު އުންޑަ ޖެހި އެވެ.

އެ މުޒާހަރާގައި 20 މީހަކަށް އަނިޔާވި އެވެ. އަދި މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އިންޓަ އެމެރިކަން ކޮމިޝަން އޮން ހިއުމަން ރައިޓްސް (އައިއޭސީއެޗްއާރު)އިން ތުހުމަތުކޮށް، އެކަން ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް