ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުންދާ ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ޕެރަގުއާއީ ބައްދަލުކުރި މެޗު އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.
އާޖެންޓީނާގައި ކުޅުނު މި މެޗު އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. މި މެޗު އާޖެންޓީނާއިން ފަށާފައިވަނީ އެ ޓީމުގެ ތަޖުރިބާކާރު ކެޕްޓަން ލިއޮނެލް މެސީ ބެންޗުގައި ބައިންދައިގެންނެވެ. މި މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓްގައި ޖަހައިދިނީ ނިކޮލަސް އޮޓަމެންޑީއެވެ. މިއީ އޭނާ އާޖެންޓީނާ ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 106 މެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު އެ ޓީމަަށް ލިބިގެންދިޔަ ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު ވަރަށް ފަހުން ކުޅުމުގެ ތެރެއަށް އެނބުރި އައި މެސީ ވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރައިފައެވެ.
މި ކާމިޔާބީއާ އެކު އާޖެންޓީނާ މިހާރު އުޅެނީ 10 ޓީމް ހިމެނޭ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ލިބިފައިވާ ނުވަ ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައިގައެވެ.
ތާވަލްގެ ދެވަނައިގާ އުޅޭ ބްރެޒިލް އާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު އެއްލަނޑު އެއްލަނޑުން ވީ އެއްވަރެވެ.
ބްރެޒިލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗު 50 މިނެޓްގައި ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ބްރެޒިލުންނެވެ.
އެ ލަނޑު އެ ޓީމަށް ޖަހާދިނީ ފަހަތަށް ކުޅެމުންދާ ގެބްރިއެލް މަގަލައެސްއެވެ. އަދި، ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާ ދެވަނަ ހާފުގައި ޖެހި ލަނޑެއްވަނީ އޮފް ސައިޑް ވުމުގެ ސަބަބުން ބަލައިނުގަންފައެވެ. މި މެޗުގައި ވެނަޒުއޭލާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ އެޑުއާޑް ބެލޯއެވެ.
މި ނަތީޖާގެ ސަބަބުން ބްރެޒިލަށް މިހާރު ލިބިފައިވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓެވެ. އަދި، ވެނެޒުއޭލާ އުޅެނީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގައެވެ.