މެމްބަރު އިލްހާމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ޕީޕީއެމްއާ ބައެއް މެމްބަރުން ގުޅުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިރޭ 9:30 ހަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުސް އޮފީހަށް އިލްހާމް ހާޒިރުވާން އަންގާފައި ވަނީ ކޮން ކަމަކާ ގުޅިގެން އޭނާ ސާފެއް ނުކޮށްދެއްވަ އެވެ. ނަމަވެސް މިރޭ ހާޒިރުވާން އެންގެވިކަން އިލްހާމް ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފަ އެވެ.

އިލްހާމް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އިލްހާމް ދެއްކެވި ވާހަކައެއްގެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފު އެވެ.

އޭނާ ހުށަހެޅި މައްސަލާގައި ވަނީ ޕީޕީއެމްގެ ފޯމު ހަވާލުކުރުމުގެ ހަފްލާއެއް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި މެމްބަރު އިލްހާމް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކައި އިންޒާރު ދިންކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށެވެ.

އިލްހާމް އެ ދުވަހުގެ ހަފްލާގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ވޯޓު ދޭނީ ހޫނުފެނަށް އަތްލާން ބޭނުން ނަމަ ކަމަށެވެ.

"ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖެ ނަމަ ވޯޓުލާ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓް ލާނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ބޭރުން ވެސް އައިސް މި ވޯޓުގައި އަތްލާން ޖެހޭނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ފައި މައްޗަށް އެޅޭނެ ހޫނުފެން،" އޭނާ ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އިލްހާމް ހާޒިރު ކުރަނީ އެ މައްސަލާގައި ކަމަށްވުން އެކަށީގެންވެ އެވެ.

comment ކޮމެންޓް