ރައުދާގެ ކަރުގައި ނިޝާންތަކެއް ހުރި، ބޮޑު ތަހުގީގެއް ކުރަނީ!

ރައުދާ އާތިފް --

ބަންގްލަދޭޝްގެ ރާޖްޝާހީގައި އިއްޔެ މަރުވެފައި އޮއްވާ ފެނުނު ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ ކަރުގައި ނިޝާންތަކެއް ހުރި ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ރައުދާ އާތިފްއަކީ ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާގެ އެކުވެރިންނަށެވެ. ދާކާ ޓްރިބިއުން ނޫހުން ބުނާ ގޮތުގައި އިއްޔެ ހެނދުނު ރައުދާ ކޮޓަރިން ނުނިކުމެގެން، އޭނާގެ އެކުވެރިން އެ ކޮޓަރީގެ ކުޑަދޮރުން އެތެރެ ބެލި އިރު، ފެނުނީ ރައުދާ ދަންޖެހިފައި ހުއްޓަ އެވެ.

ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ކޮމިޝަނަރު ޝަފީގުލް އިސްލާމްއާ ހަވާލައިދީ ދާކާ ޓްރިބިއުން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ރައުދާ އަމިއްލަ އަށް މަރުވި ކަމަށް ނުނިންމި ނަމަވެސް، ކަރުގައި ހިފާފައި ނުވަތަ އެއްޗެއް އޮޅިފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ.

"ރައުދާއަކީ ބޭރު ގައުމެއްގެ ރައްޔިތަކަށް ވާތީ މި ކޭސްއަށް އިތުރު ސަމާލުކަމެއް ދީގެން ކުރިޔަށް ގެންދަނީ،" ރާޖްޝާހީގެ ޕޮލިސް ކޮމިޝަނަރު ޝަފީގުލް އިސްލާމް ވިދާޅުވި އެވެ.

ރައުދާ އާތިފް --

ބުދަ ދުވަހު ރައުދާ މަރުވެފައި ހުއްޓާ ފެނުނު ނަމަވެސް އޭނާ ދިރިއުޅޭ ޑޯމިޓޮރީގެ އިންޗާޖު ޑރ. ލައިލާ އަޚްތަރު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ނިދުމަށް ކޮޓަރިއަށް ދިޔައީ ރޭގަނޑު ކައިގެން ކަމަށެވެ.

ރައުދާގެ އާއިލާގެ މެމްބަރުން ރޭ ވަނީ ބަންގްލަދޭޝަށް ދަތުރުކޮށްފަ އެވެ. ރާޖްޝާހީ ޕޮލިސްގެ އެސިސްޓަންޓް ކޮމިޝަނަރު އިފްތިކާރު އާލަމް ވިދާޅުވި ގޮތުގައި، އޭނާގެ އާއިލާ ބަންގްލަދޭޝަށް އައުމުން، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އޮޓޮޕްސީ ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައުދާ މަޝްހޫރުވެފައި ވަނީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފޮޓޯއަކުންނެވެ. އެއީ ފޮޓޯގްރަފަރު ޝިފާޒް ޝައްމޫން ނަގާފައިވާ "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަމުގައި އާންމުވި ފޮޓޯއެކެވެ.

އެއަށް ފަހު މަޝްހޫރު ފެޝަން މެގަޒިން "ވޯގު އިންޑިއާ"ގެ، 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އަދަދުގައި ރައުދާ ފީޗަރ ކޮށްފައި ވެސްވެ އެވެ.

comment ކޮމެންޓް